ޝިފާން ފުލުހުންގެ ތަރުޖަމާނުކަމުން ވަކިކޮށްފި

ފުލުހުންގެ ރަސްމީ ތަރުޖަމާނުގެ މަގާމުގައި ހުންނެވި، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން އެ މަގާމުން މިއަދު ވަކިކޮށްފި އެވެ. 
ޝިފާން އެ މަގާމުން ވަކިކުރި ސަބަބެއް ފުލުހުން ހާމަނުކުރި ނަމަވެސް، އޭނާގެ ބަދަލުގައި އެ ހިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފް އައްޔަންކޮށްފައިވާ ކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ. 
ތަރުޖަމާނުގެ މަގާމުން ޝިފާން ވަކިކުރިއިރު، އޭނާގެ މައްޗަށް ސީރިއަސް މައްސަލަތަކެއްގެ ތުހުމަތުކުރެވެ އެވެ.
އޭގެ ތެރޭގައި އޭނާ އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ ހިމެނޭ ކޮރަޕްޝަންގެ މައްސަލަތަކަކާއި ބަދުއަހުލާގީ މައްސަލަތަކާއި މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ މައްސަލަތަކުގެ އިތުރުން ސީނިއާ ދެ ފުލުހަކު ފްރޭމް ކުރަން އުޅުނު މައްސަލަތަކެއް ވެސް ހިމެނެ އެވެ. 
ފުލުހުންގެ ތަރުޖަމާނުގެ އިތުރުން މި ފަހުން އެހެން ޑިޕާޓުމަންޓުތަކެއް ހިންގަން ވެސް ކުޑަ ވަގުތުކޮޅަކަށް ޝިފާނާ ހަވާލުކުރި ކަމަށް އިތުބާރު ހުރި މަސްދަރުތަކުން އަދަދު އަށް ވަނީ ކަށަވަރުވެފަ އެވެ.
އޭގެ ތެރޭގައި ކޮމިޝަނަރު ބިއުރޯ އާއި ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓްރޭޓު ހިމެނެ އެވެ. މި ދެ ތަނުގެ އިސްވެރިޔާގެ މަގާމުން އޭނާ ވަނީ މަގާމަށް އައްޔަންކުރިތާ ގަޑިއިރެއްގެ ތެރޭގައި ވަކިކޮށްފަ އެވެ. 
ޝިފާނަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ދައުރުގައި ވެސް ފުލުހުންގެ ތަރުޖަމާނެވެ. މި ސަރުކާރުގައި އޭނާ ފުލުހުންގެ ތަރުޖަމާނަކަށް އައްޔަންކުރީ ފެބްރުއަރީ 18، 2024 ގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ