ޓައިޕް 1 ހަކުރު ބައްޔަށް އާސަންދަ ލިބޭގޮތް ހަދަން މަޖިލީހަށް

ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ ކުދިންނާއި މީހުންގެ ފަރުވާ އާސަންދައިން ލިބޭގޮތް ހެދުމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތެއް ހޯދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ޓައިޕް 1 ހަކުރު ބައްޔަކީ، ހަށިގަނޑުގެ އަމިއްލަ ދިފާއީ ނިޒާމުން އިންސިއުލިން އުފައްދާ ސެލްތައް ނައްތާލާ ބައްޔެކެވެ. ބަލިން ރައްކާތެރިވުމަށް ދުރާލާ އެޅޭނެ އެއްވެސް ފިޔަވަޅެއް ނެތް މި ބަލި ގިނައިން ޖެހެނީ ކުޑަކުދިންނަށް ނަމަވެސް ބޮޑެތިވާ ފަހުންވެސް ބަލި ޖެހިދާނެ އެވެ. މި ބައްޔަށް ކުރެވޭ ފަރުވާއަކީ، ދުވާލަކު އެތައް ފަހަރަކު އިންސިއުލިން ޓެސްޓުކުރުމާއި ލޭގައި ހަކުރު އެކުލެވޭ މިންވަރު ޓެސްޓުކުރުމެވެ. އަދި، ޑޯޒް ކޮންޓްރޯލުކުރުމަށް ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި ހަކުރު ކޮންޓްރޯލުވެފައި ހުންނަ މިންވަރު ބަލަން ގަވާއިދުން ލެބޯޓަރީ ޓެސްޓުތައް ހަދަން ޖެހެ އެވެ. މީގެ އިތުރުން، ފަޔާއި ލޮލާއި ހިތް އަދި ކިޑްނީގެ ހާއްސަ ޓެސްޓުތައް އަހަރަކު އެއްފަހަރު ހަދަންޖެެހެ އެވެ.
ތަފްސީލް - މި ބަލި ތަހަންމަލުކުރާ ކުދިންގެ އާއިލާތަކުން ކުރަންޖެހޭ ހޭދަ ބޮޑުކަމުންނާއި ފަރުވާއަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މަޖިލިސް މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
އޭނާ އެދިލައްވާފައިވަނީ، މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އާސަންދައިގެ އިސް ފަރާތްތައް ހާޒިރުކޮށްދެއްވައި އެކަމުގައި ކުރެވޭނީ ކޮންކަމެއްތޯ ބަލައިދިނުމަށެވެ. އެކަމަށް އެދި ހުށަހެޅުއްވި ސިޓީގައި މުހައްމަދު އިބްރާހިމް ވަނީ، މި ބަލީގެ ރާއްޖޭގެ ހާލަތާއި ދިމާވާ ދަތިތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް ވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ހުށަހަޅާފައިވާ ހައްލުތަކަކީ:
ހަކުރު ޓެސްޓުކުރާ މީޓަރާއި ސްޓްރިޕްސް އުމުރުން 25 އަހަރުން ދަށުގެ ކުދިންގެ އިތުރުން ޓައިޕް 1ގެ ހަކުރު ބަލި ހުންނަ އެންމެންނަށް އާސަންދައިގެ ދަށުން ފޯރުކޮށްދިނުން؛ 25 އަަހަރުން ދަށުގެ ކުދިންނަށް މި ތަކެތި މިހާރުވެސް ފޯރުކޮށްދޭ
ކޮންޓިނިއަސް ގުލްކޯޒް މޮނިޓާ (ސީޖީއެމް) ސެންސަރު އާސަންދައިގެ ދަށުން ކަށަވަރުކޮށްދިނުން؛ މި ސެންސަރަކީ ވަރަށް އަގުބޮޑު އެއްޗަކަށްވާތީ އަތުން ބޮޑު ހަރަދެއްދޭ
އިންސިއުލިން ޕަންޕާއި ޕަންޕަށް ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކޮށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަން
އިންސިއުލިންގެ ސްޓޮކް ހުސްނުވެ ލިބެން ހުންނަކަން ކަށަވަރުކުރުން
ކުޑަކުދިންނަށް ބޭނުންވާ އެމްއެމް4ގެ ކަށި ރާއްޖޭގައި ލިބޭނެގޮތް ހެދުން؛ އާންމުކޮށް ރާއްޖެއިން ލިބެނީ ބޮޑެތި މީހުން ބޭނުންކުރާ ބޮޑެތި ކަށި، ބޮޑެތި ކަށިން ކުޑަކުދިންނަށް އިންފެކްޝަން ޖެހުމާއި މާބޮޑަށް ތަދު އިހުސާސްކުރެވޭ
އެ ބަލީގެ ހާއްސަ ޑޮކްޓަރުންގެ ހިދުމަތް ސަރުކާރު ހޮސްޕިޓަލުތަކުން އަވަހަށް ލިބޭގޮތް ހެދުން ނުވަތަ ޕްރައިވެޓް ކްލިނިކުތަކުން އެ ހިދުމަތްތަކުގެ ހަރަދު އާސަންދައިން ކަވާކޮށްދިނުން
އަތޮޅުތެރެއިން ފަރުވާއަށް މާލެ އަންނަ ކުދިންގެ ދަތުރާއި ހުރުމުގެ ހަރަދަށް މާލީ އެހީ ފޯރުކޮށްދިނުން
އެނގުން މުހިންމު - ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް)ގެ ރަޖިސްޓްރީގައި މިހާރުވެސް، ޓައިޕް 1 ހަކުރު ބަލި ތަހަންމަލުކުރާ 230 އަށްވުރެ ކުޑަކުދިން 100އަށްވުރެ ގިނަ ބޮޑެތި މީހުން އެބަތިއްބެވެ. އޭގެތެރޭގައި މި ބަލި ތަހަންމަލުކުރާ:
10 އަހަރުން ދަށުގެ 36 ކުއްޖެއް
18 އަހަރަށްވުރެ ދަށް 77 ކުއްޖެއް
18 އަހަރުން މަތީގެ 110 މީހުން ހިމެނޭ
މި ބައްޔަށް ހަމައެކަނި ދެވެން އޮންނަ ފަރުވާ ކަމަށްވާ އިންސިއުލިން އަކީ އެކި ވަސީލަތްތައް ބޭނުންކޮށްގެން ފޯރުކޮށްދެވޭ އެއްޗެކެވެ. އެންމެ ގިނަ މީހުން ބޭނުންކުރަނީ އިންޖެކްޝަނެއްގެ ގޮތަށް ބޭނުންކުރާ ކަޓެއް ލާފައި އިންނަ އިންސިއުލިން ޕެން އެވެ. ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮންނަ މިންވަރު ކުޑަކުރަން ހަކުރުގެ މިންވަރު ބެލުމަށް ދުވާލެއްގެ މައްޗަށް 4 ނުވަތަ 5 ފަހަރަށްވެސް މި ކަށި ޖަހަންޖެހެ އެވެ.
ދެން ބޭނުންކުރަނީ، އިންސިއުލިން ޕަންޕެވެ. ގަޔަށް ޖެހުމަށްފަހު އޮޓަމެޓިކުން އިންސިއުލިން ފޯރުކޮށްދޭ މި ޕަންޕު ބޭނުންކުރާ 16 ވަރަކަށް ކުދިން ރާއްޖޭގައި އެބަ ތިބި ކަމަށް މަޖިލީހަށް ހުށަހެޅި ސިޓީގައި ފާހަގަކޮށްފައިވެ އެވެ. މި ޕަންޕުން ހަކުރު ކޮންޓްރޯލުކުރެވޭ މިންވަރު ވަރަށް ބޮޑަށް ރަނގަޅު ނަމަވެސް، ރާއްޖެއަށް އިންސިއުލިން ޕަންޕު އެތެރެކުރަމުންދިޔަ ކުންފުނިން އެ އެތެރެކުރުން ހުއްޓާލާފައިވާތީ، މިހާރު އެ ހިދުމަތް ހޯދޭނެ ގޮތެއް ނެތުމުގެ ކަންބޮޑުވުން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ