ވިލިނގިލީގައި ކުޑަކުދިން ލައްވާ ޑުރަގް ވިއްކުވާ ދެ ބޮޑުން އަތުލައިގެންފި

ކުޑަކުދިން ލައްވާ ޑުރަގުގެ ވިޔަފާރި ކުރުވިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި/ އެތެންސް، މުހައްމަދު އަތޫފް ހަބީބް (25އ) އަދި އެ ރަށު ދެތަޑިމާގެ، މުހައްމަދު ރާއިފް ހުސެއިން (20އ) އެވެ. މި ދެ މީހުންނަކީވެސް އެ ނެޓްވޯކުގެ އިސް ފަރާތްތައް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ ކުޑަކުދިން ބައިވެރިކޮށްގެން ޑުރަގް ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 28 މޭ 2026ގެ ހެނދުނު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހަތަރު ގެއެއް ބަލައިފާސްކޮށް، 66.92 ގްރާމުގެ ޑުރަގް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަތޫފް 15 ދުވަހަށް އަދި ރާއީފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ