އެހެން ގައުމުތަކުގައި ނެތް އެތައް ސިފައެއް ސްވިސް ޓީމުގައި އެބަހުރި: ބޮސްނިއާ ކޯޗު

އެހެން ގައުމުތަކުގައި ނެތް އެތައް ސިފައެއް ސްވިޒަލޭންޑް ޓީމުގައި އެބަހުރި ކަމަށާއި އެ ގައުމަށް ފުރިހަމަ އަށް އިހްތިރާމް ކުރާ ކަމަށް ބޮސްނިއާގެ ކޯޗު ސާޖެޓް ބާބޭރެޒް ބުނެފި އެވެ.
ވޯލްޑް ކަޕުގައި ސްވިޒަލޭންޑާ ދެކޮޅަށް ނުކުތުމުގެ ކުރިން ބާބޭރެޒް ބުނީ ސްވިޒަލޭންޑަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.
"ހުރިހާ ކުޅުންތެރިން ވެސް ކުޅެނީ ވަރަށް މަތީ ފަންތިތަކުގައި. ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގައި. ސްވިޒަލޭންޑްވާނީ މި މުބާރާތުން ފެނިގެންދާނެ އެންމެ ވަރުގަދަ އެއް ޓީމަށް. މި ޓީމުގައި ވަރަށް ސީރިއަސް ސިސްޓަމެއް އެބައޮތް. ކޮލިޓީ ކުޅުންތެރިން އެބަތިބި. އަދި ވަރަށް ގިނަ ގައުމީ ޓީމުތަކުގައި ނެތް އެތައް ސިފައެއް މި ޓީމުގައި އެބަހރި. އަހަރެންގެ ފުރިހަމަ އިހްތިރާމް ސްވިޒަލޭންޑަށް އެބައޮތް،" ކޯޗު ބުންޏެވެ.
ސްވިޒަލޭންޑްގެ ކޯޗު މުރަތް ޔަކީން ބުނީ އޭނާގެ ޓީމު ފުރަތަމަ މެޗުން މޮޅުނުވީ ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުމުން ކަމަށެވެ. އެކަމަކު މި މެޗުގައި އެކަން ރަނގަޅު ކުރާނެ ކަމަށެވެ.
"ގަތަރު މެޗުގައި އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނިން. އެކަމަކު ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވުނީ. އަހަރުމެން މި މެޗުގައި އެކަންކަން ރަނގަޅު ކޮށްފިނަމަ ޔަގީނުން އަހަރުމެންނަށް ރަނގަޅު ވޯލްޑް ކަޕެއް ހާސިލް ކުރުމުގެ ފުރުސަތު އެބައޮތް. މި ގްރޫޕުގައި ހުރިހާ ޓީމަކަށް ވެސް އަދި އޮތީ ހަމަހަމަ ފުރުސަތެއް،" ކޯޗު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ