ސްޕޭސްއެކްސްއިން 1.77 ޓްރިލިއަން ޑޮލަރުގެ އަގަކާ އެކު، 75 ބިލިއަން ޑޮލަރުގެ ތާރީހީ އައިޕީއޯ ހުޅުވާލައިފި

އީލޮން މަސްކުގެ ސްޕޭސް ޓެކްނޮލޮޖީ ކުންފުނި، ސްޕޭސްއެކްސް އިން އެމެރިކާގެ ތާރީހުގައި ވެސް މިހާތަނަށް ހުޅުވާލި އެންމެ ބޮޑު އިނިޝަލް ޕަބްލިކް އޮފަރިން (އައިޕީއޯ)ގައި ހިއްސާއެއްގެ އަގަކީ 135 ޑޮލަރު ކަމަށް ކަނޑައަޅައިފި އެވެ.
މި އައިޕީއޯ މެދުވެރިކޮށް ރެކޯޑު އަދަދެއް ކަމަށްވާ 75 ބިލިއަން ޑޮލަރު ހޯދާފައިވާއިރު، މިއާ އެކު ކުންފުނީގެ މުޅި އަގު ވަނީ 1.77 ޓްރިލިއަން ޑޮލަރަށް އަރާފަ އެވެ.
މި އައިޕީއޯގެ ދަށުން 555.56 މިލިއަން ހިއްސާ ވިއްކާއިރު، މިއީ މީގެ ކުރިން ސައުދީ އަރަމްކޯއިން ގާއިމުކޮށްފައިވާ އައިޕީއޯ ރެކޯޑަށް ވުރެ ބޮޑު އަދަދެކެވެ. ނެސްޑެކް ބާޒާރުގައި މި ހިއްސާތަކުގެ މުއާމަލާތްތައް މިއަދު ފަށާއިރު، ސްޕޭސްއެކްސް ވެގެންދާނީ އެމެރިކާގެ މާކެޓްގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން މާކެޓް އަގަށް ބަލާއިރު 7 ވަނައަށް އެންމެ ބޮޑު ކުންފުންޏަށެވެ.
މި ކުރިއެރުމާ އެކު ސްޕޭސްއެކްސް ވަނީ ޖޭޕީ މޯގަން ޗޭސް، ބާކްޝަޔަ ހެތަވޭ، މެޓާ ޕްލެޓްފޯމްސް އަދި މަސްކުގެ އަމިއްލަ ކުންފުނި ކަމަށްވާ ޓެސްލާއަށް ވުރެ ވެސް ކުރިއަށް ޖެހިލާފަ އެވެ.
މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އާންމު އިންވެސްޓަރުންގެ ފަރާތުން މި ހިއްސާ ގަތުމަށް އޮތް ޝައުގުވެރިކަން ވަރަށް ގާތުން ބަލަންޖެހެ އެވެ. އެގޮތުން، 50 ޕާކް އިންވެސްޓްމަންޓްސްގެ އެޑަމް ސަރްހާން ވިދާޅުވި ގޮތުގައި، އަސްލު އިމްތިހާނަކަށް ވާނީ ކުރިއަށް އޮތް ހަފުތާތަކުގައި މާކެޓުން މި އައިޕީއޯ ބަލައިގަންނަ ގޮތެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މި ހިއްސާގެ އަގު ކަނޑައަޅާފައިވަނީ މާ ބޮޑު ނުވަތަ މާ ކުޑަ ނުވާނޭ ފަދަ މެދު މިންގަނޑެއްގަ އެވެ.
ސްޕޭސްއެކްސްގެ މި އައިޕީއޯ ކުރިއަށް ގެންގޮސްފައިވަނީ ވޯލް ސްޓްރީޓްގެ އާންމު އުސޫލުތަކާ ކުޑަކޮށް ތަފާތު ގޮތަކަށެވެ. އެގޮތުން، ކުންފުނީގެ ހިއްސާގެ %30 އާންމު އިންވެސްޓަރުންނަށް ހާއްސަކޮށްފައިވާއިރު، ހިއްސާގެ އަގު އިއުލާނުކޮށްފައިވަނީ އާންމުކޮށް މިފަދަ ކަންކަމުގައި އަމަލުކުރާ 'ބުކް-ބިލްޑިން' މަރުހަލާ ނިމުމުގެ ކުރިންނެވެ. މި ލިސްޓިންއަށް ފަހު ވެސް ކުންފުނީގެ ވޯޓުލުމުގެ ބާރުގެ %82 އޮންނާނީ އީލޮން މަސްކުގެ އަތުގަ އެވެ.
ދެހާސް ދެވަނަ ވަނަ އަހަރު އުފެއްދި ސްޕޭސްއެކްސްއަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ 164 ގައުމަކާއި ސަރަހައްދަކަށް ހިދުމަތް ދެމުން އަންނަ 'ސްޓާލިންކް' ސެޓަލައިޓް އިންޓަނެޓް ވިޔަފާރިންނެވެ. މީގެ އިތުރުން، އެ ކުންފުނިން ދާދި ފަހުން ވަނީ ގޫގުލްއާ އެކު ގިނަ އަހަރުތަކަކަށް ދެމިގެންދާ ކްލައުޑް ސާވިސް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކުންފުނި ހަލުވިކަމާ އެކު ކުރިއަރަމުން އައި ނަމަވެސް، ބައެއް ތަޖުރިބާކާރުން ވަނީ ކުންފުނީގެ އަގު މިހާ މަތީގައި ހުރުމާ މެދު ސުވާލު އުފައްދާފަ އެވެ. ބޮކޭ ކެޕިޓަލް ޕާޓްނާސްގެ ކިމް ފޮރެސްޓް ވިދާޅުވި ގޮތުގައި، މި ހިއްސާ ގަންނަ މީހުން އިންވެސްޓް އެ ކުރަނީ ހަމައެކަނި ކުންފުންޏަކަށް ނޫނެވެ. އެ މީހުން އިންވެސްޓް އެ ކުރަނީ އިންސާނިއްޔަތު ދުނިޔެއިން ބޭރަށް، ޖައްވަށް ފެތުރިގެންދާނެ މުސްތަގުބަލަކަށެވެ.
ސްޕޭސްއެކްސްގެ މި ތާރީހީ ލިސްޓިން މި އައީ އެމެރިކާގެ އައިޕީއޯ މާކެޓަށް އާ ދިރުމެއް އައިސްފައިވާ ދަނޑިވަޅެއްގަ އެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާގެ މަޝްހޫރު ކުންފުނިތައް ކަމަށްވާ އޯޕަންއޭއައި އަދި އެންތުރޮޕިކްއިން ވެސް ކުރިއަށް އޮތް ތަނުގައި އާންމުކޮށް ހިއްސާ ވިއްކަން ފަށާނެ ކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ