ހަމަލާތައް ކެންސަލްކުރުމަށް ފަހު، އިރާނާއެކު ސުލްހަވާން ގާތްވެފައިވާ ކަމަށް ޓްރަމްޕް އިއުލާނުކުރައްވައިފި

އިރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފި އެވެ.
ވައިގެ މަގުން އިރާނަށް ދޭން ނިންމި ހަމަލާތަކެއް ކެންސަލް ކުރެއްވުމަށްފަހު، އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިރާނާއެކު ވަރަށް ފުރިހަމަ ސުލްހައިގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އިރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރު ނުލިބޭނެކަން ކަށަވަރުވާނެ ކަމަށާއި، މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނަމަވެސް އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އަދި އެއްވެސް ކަމެއް ފައިނަލް ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އެއްބަސްވުމުގެ ގިނަ ކަންކަން ނިމިފައިވީ ނަމަވެސް، އެމެރިކާއިން އާ ޝަރުތުތަކެއް ކުރިމަތިކުރުވައި އިތުރު ކަންތައްތަކަކަށް އެދެމުންދާ ކަމަށެވެ. އަދި އިރާނުން ކަނޑައަޅާފައިވާ ރަތް ރޭނިތަކުން އެ ގައުމު ފަހަތަށް ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުން ބާއްވާނީ ޔޫރަޕްގެ ގައުމެއްގައި ކަމަށް ބެލެވޭ ކަމަށާއި، އެއްބަސްވުމުގައި ސޮއިކުރުމާއެކު ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލެވޭނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއި ގަލްފުގެ ގައުމުތަކުގެ ވެރިންނާ ވާހަކަދައްކަވާފައިވާ ކަމަށާއި، މުޅި މެދުއިރުމަތި އޮތީ މިކަމާ ވަރަށް އުފަލުން ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އިޒްރޭލްގެ ބޮޑުވަޒީރުގެ އޮފީހުން ބުނީ މި އެއްބަސްވުމުގައި އިސްރާއީލުން ބައިވެރިނުވާ ކަމަށެވެ. ނަމަވެސް އިރާނުގެ ނިއުކްލިއާ ވަސީލަތްތައް ނައްތާލުމަށާއި، މިސައިލް އުފެއްދުން ހުއްޓުވުމަށާއި، ހަނގުރާމަވެރި ޖަމާއަތްތަކަށް އިރާނުން ދޭ އެހީތެރިކަން ހުއްޓުވުމަށް ޓްރަމްޕް ކުރައްވާ މަސައްކަތަށް ނަތަންޔާހޫ ތާއީދުކުރައްވާ ކަމަށް އެ އޮފީހުން ބުންޏެވެ.
މި އިއުލާނުގެ ކުރިން ޓްރަމްޕް ވަނީ އިރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އިރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްގް އައިލެންޑް ހިފާނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ. މީގެ ރައްދުގައި އިރާނުގެ އަސްކަރިއްޔާއިން ބުނީ އިރާނުގެ ތެޔޮ އެކްސްޕޯޓަށް ހުރަސްއަޅައިފިނަމަ، އެ ސަރަހައްދުގެ އެއްވެސް ގައުމަކަށް ތެޔޮ އެކްސްޕޯޓް ނުކުރެވޭނެ ގޮތް ހަދާނެ ކަމަށެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އިރާނާ ދެމެދު ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެމެރިކާއިން އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވާއިރު، އިރާނުން ވަނީ ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ ބޭސްތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. މި ހަމަލާތަކުގައި ބަހްރޭނުގެ ކުޑަކުއްޖަކަށް އަނިޔާވެފައިވާއިރު، އިންޑިއާގެ ތިން ފަޅުވެރިއަކުވެސް ވަނީ މަރުވެފައެވެ.
އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 4.4 ޕަސެންޓު ދަށަށް ގޮސްފައެވެ. .
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ