ރިޔާސީ އިންތިހާބު އޮތީ މާދުރުގައި، ފެކްޝަންތައް ހެދުމުގެ ބޭނުމެއް ނެތް: މޫސަ

ރިޔާސީ އިންތިހާބަށް އިންތިހާއަށް ވަގުތު އޮއްވައި، ރިޔާސީ ރޭހަށް ނިކުތުމުގެ ޝައުގުގައި އެމްޑީޕީގެ އެތެރޭގައި ފެކްޝަންތައް ހަދައިގެން ބައެއް ފަރާތްތަކުން އުޅޭކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޕްރައިމެރީގެ ވާދަވެރިކަން އުފެދި، ފެކްޝަންތަކެއްގެ ގޮތުގައި ވަކިވަކީން މަސައްކަތް ކުރާކަމުގެ އަޑުތައް ފެތުރިފައިވާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ރިޔާސީ ރޭހަށް ޝައުގުވެރިކަން ހުރި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ އިތުރުން މާލޭގެ މޭޔަރ އަލީ އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނެ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އިރު އެމަނިކުފާނު ވެސް ވަނީ 2028 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ އެތެރޭގައި ގިނަ މައްސަލަތަކެއް ހުރުމުގެ ސަބަބުން، ސަރުކާރު ޖަވާބުދާރީ ކުރުވައި ޕާޓީއެއްގެ ގޮތުން ކުރަންޖެހޭ މަސައްކަތް ރަނގަޅު ގޮތުގައި ނުކުރެވޭތީ އެކަމަށް މޫސަ މީގެ ކުރިން ވެސް ކަންބޮޑުވުންފާޅު ކުރެއްވި އެވެ. ޕާޓީގެ އެތެރޭގައި އޮތް ”ފެކްޝަންތަކާއި“ ގުޅޭގޮތުން ހާމަކަން ބޮޑުގޮތެއްގައި ވާހަކަ ދައްކަވަމުން މޫސަ ވަނީ ޕާޓީން އަހަރީ ދުވަހާއި ގުޅުވައި ކުރިޔަށް ގެންދިޔަ ”ރަން ރީނދޫ“ ގެ ހަރަކާތަށް ފާޑުވިދާޅުވެފަ އެވެ.
އެ ހަރަކާތް ކުރިއަށް ގެންދިޔައީ އެންމެ އެދެވޭ ގޮތުގައި ނޫންކަމަށާއި، އިންތިޒާމުތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ޑިމޮކްރެޓިކް ސިފައެއްގައި ނޫންކަމަށް ދޭހަވާ ގޮތަށް މޫސާ ވާހަކަފުޅު ދެއްކެވިއެވެ.
މޫސާ ވިދާޅުވީ އެމްޑީޕީން ކޯޅުންތައް މަދުކޮށް، ރިޔާސީ އިންތިހާބަށް ބައިބައިވެދާނެ ހާލަތްތަކުން ދުރުވާން ޖެހޭކަމަށެވެ. އަދި ޕާޓީއަށް ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުން ދުރުވެ، އެންމެން އެކުގައި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.
މޫސާ ވިދާޅުވީ އެމްޑީޕީން ފަހަތަށް ޖެހިއްޖެނަމަ ޤައުމަށްވެސް އަދި ޕާޓީއަށްވެސް ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ބެރިކޭޑްތަކެއްގެ ފަހަތުގައި ދުވަން ބަޔަކު ބުނިނަމަވެސް އެފަދައިން އަމަލުކުރުމަށް މަޖުބޫރެއް ނޫން ކަމަށެވެ. މޫސާ ވިދާޅުވީ ހުޅުމާލޭގައި ދުވުން ބޭއްވުމަކީ އެދެވިގެންވާ ގޮތް ނޫން ކަމަށާއި، އެ ސަރަޙައްދުގައި ދުވެގެން ބަޔަކަށް ދެވޭނެ މެސެޖެއް ނުވަތަ ނިކުންނާނެ ނަތީޖާއެއް ނެތްކަމަށެވެ. އަދި ޕާޓީގެ އަސްލު އެގޮތަށް ނުދެއްނޭކަމަށް ވިދާޅުވި އެވެ.
”އަޅުގަނޑުމެން ގިނަ ފަހަރަށް ހުންނާނެ އަޅުގަނޑުމެން ދުވަންވާތަން އިއުލާނުކޮށް ނިންމާފަ އެހެންތަނަކުން ފަށާފަ. އަޅުގަނޑުއެދެނީ އެގޮތަށް މާދަމާވެސް މި ޕާޓީގެ ޗެއާޕާސަން ކަންތައްކުރުން. މަޖީދީމަގު ކޮޅުންވެސް ދުވަން ފަށާލެވިދާނެ މީހުން އެވީމަ ރަނގަޅަށް. މާލޭގަ ދުވެގެން މީތި އެއްޗަކަށް ވާނީ. އެހާބޮޑަށް އަޅުގަނޑުމެން އެކަހެރިވެގެން މިކަން ކުރާކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އިނގޭތޯ.“
މޫސާ ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ރައްޔިތުން ދިރިއުޅޭ ހާލަތާއި ރައްޔިތުން ބޭނުންވާ ކަންތައްތައް އެމްޑީޕީން ފުއްދައިދިނުމަކީ ޕާޓީގެ ޒިންމާއެއް ކަމަށެވެ. އެމްޑީޕީއަށްޓަކައި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން އުންމީދުތަކެއް ކުރަމުންދާކަމަށް މޫސާ ވިދާޅުވިއެވެ. އެ ފަރާތްތަކުގެ އުންމީދަކީ އެބައިމީހުން ބޭނުންވާ ވެރިކަން އެބައިމީހުން އެދޭ ގޮތަށް ކޮށްދިނުންކަމަށް މޫސާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން މި ޕާޓީގެ ތެރޭގައި މިކުރަމުންގެންދާ މަސައްކަތް އެއްބައިވަންތަ ކަމާއި އެކަތިގަނޑަކަށްވެގެން މަސައްކަތް ކުރުމުގެ މި ރޫހު އަޅުގަނޑުމެން ގައިގަ ހުންނަން ޖެހޭ. އާދެ މިއަދު އަޅުގަނޑުވެސް ހިތާމަ ކުރަން މިޕާޓީގެ ތެރޭގައިވެސް، އަޅުގަނޑުމެން ކުރީގައިވެސް ދެންނެވި ގޮތަށް، ދެފަރަތާއް މިޔަ އަޅައިގެން ދެބައި މީހުން ނުތިބޭށޭ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑމެން އެންމެން އެކައްޗެއް ކިޔައިގެން އަޅުގަނޑުމެން ބަލާށޭ މި އިންތިހާބު ކާމިޔާބު ކުރެވޭނެ ގޮތެއް“
މީގެއިތުރުން މޫސަ ވިދާޅުވީ ކުރިއަށް އޮތް އިންތިހާބަށް ސަރުކާރުން ދޭ މަދު ފައިސާކޮޅަކަށް ރައްޔިތުން ވޯޓު ވިއްކައިފިނަމަ އެއީ ގައުމަށް ވެވޭ ހިޔާނާތެއްކަމަށެވެ. ވޯޓު ގަތުމަކީ އެމްޑީޕީން ކުރާނެ ކަމެއް ނޫން ކަމަށާއި އަދި އެކަމާ އެމްޑީޕީން ދެކޮޅު ކަމަށް މޫސަ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ