ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލައިގައި އެމްޑީޕީން ބުނީ ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ވަނީ ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އަދި މިހާރު އެކަން ހިނގިތާ ދެ މަހާއި ގާތްވަމުން ދާއިރު ހުށައެޅިފައިވާ މައްސަލަތައް ކުރިއަށް ނުދާކަމަށްވުމުން އެ ޕާޓީން ކަންބޮޑުވާކަމަށާއި ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައިވުމުގެ ސަބަބުން ގައުމީ އަދި ރައްޔިތުންނާއި ގުޅިފައިވާ މައްސަލަތަކެއް ހުއްޓިފައިވާކަމަށެވެ.
ބަޔާނުގައި ބުނީި ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދިއުމާއި ދެކޮޅަށް އިހުތިޖާޖު ކުރެއްވުމަށްޓަކައި އިސްތިއުފާ ދެއްވާފައިކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ޝަރުއީ ނިޒާމަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސީރިއަސްކަން ދައްކުވައިދޭކަމަށް ބުންޏެވެ.
މިވަގުތު ދެން ސަސްޕެންޝަނުގައި ތިއްބެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
އެމްޑީޕީން ބުނީ މި ސަރުކާރުން ސުޕްރީމް ކޯޓު ޕެރަލައިޒްކޮށްފައިވާ ކަމަށެވެ. އަދި އެކަން ކުރުމުގެ މަގުސަދަކީ މެމްބަރުން މަގާމުން ވަކިކުރެވޭ ގޮތަށް ގެނައި އިސްލާހުގެ މައްސަލައިގައި ހުށައެޅި ފަރާތާއި އެއްކޮޅަށް ނިންމުންކަމަށް ބުންޏެވެ.
އެހެންކަމުން މިއީ ސިޔާސީގޮތުން ސުޕްރީމް ކޯޓުގެ ބާރުވެރިކަން ހާސިލު ކުރުމަށްޓަކައި ސަރުކާރުން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ދެކޭކަމަށާއި އެއީ އަދުލު އިންސާފުގެ ނިޒާމަށް އަމާޒުކޮށްފައިވާ ހަމަލާއެއްކަމަށް ބުނެފައިވެއެވެ.
އެމްޑީޕީން ބުނާގޮތުން ފަނޑިޔާރުންގެ މައްޗަށް ވަނީ ދޮގު ތުހުމަތުތަކެއް ކުރެވިފައެވެ. އަދި އެ މައްސަލަތައް ބަލަމުންދަނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޖުޑިޝަލް ސާވިސް ކޮމިޝަނުން ހާއްސަ ކޮމިޓީއެއް ހަދައިގެންކަމަށްވެސް ބުނެފައިވާއިރު އިންސާފުވެރިކަމެއް ނެތްކަމަށް ފެންނަކަމަށްވުމުން ކަންބޮޑުވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
އެހެންކަމުން އަމިއްލަ އިސްނެގުމަށް ބަލަމުންދާ މައްސަލަ ހުއްޓާލުމަށް ސުޕްރީމް ކޯޓަށް ގޮވާލާކަމަށާއި ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާކަމަށް ބުނެފަިއވެއެވެ. އެޕާޓީންވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ މިނިވަންކަމަށް އިހުތިރާމްކުރުމަށް ސަރުކާރަށްވެސް ގޮވާލާފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސަސްޕެންޝަން އުވާލަން އެމްޑީޕީން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ