ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި އާ ހުށަހެޅުންތަކަށް އަނެއްކާވެސް ޖަވާބު ދީފައިވާ ކަމަށާއި އެމެރިކާގެ ޑިމާންޑްތަކަކީ "ބޭއިންސާފު" ކަންތައްތަކެއް ކަމަށް އީރާނުގެ މީޑިއާތަކުން ސިފަކުރި ނަމަވެސް، ދެގައުމުގެ ދެމެދުގައި ހާރިޖީ މުއާމަލާތްތައް އަދިވެސް ކުރިއަށްދާ ކަމަށް އީރާނުން ބުނެފި އެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ފެށި މި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން އަންނަނީ އެކި ހުށަހެޅުންތައް ހުށަހަޅަމުންނެވެ. ނަމަވެސް، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ފަހު މިހާތަނަށް ދެގައުމުގެ ދެމެދުގައި ބޭއްވިފައިވަނީ އެންމެ މަޝްވަރާ ބައްދަލުވުމެކެވެ.
"އަޅުގަނޑުމެން އިއްޔެ ހާމަކުރި ފަދައިން، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ވާނީ އެމެރިކާއަށް އަންގާފައި،" އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ނޫސްވެރިންނަށް ވިދާޅުވި އެވެ.
މި މުއާމަލާތްތައް ކުރިއަށްދަނީ ޕާކިސްތާނުގެ މެދުވެރިވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަގާއީ ވަނީ އީރާނުގެ ހުށަހެޅުންތައް ދިފާއުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ބޭރުގައުމުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމާއި، އެތައް އަހަރެއް ވެފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނެ އެވެ.
"މި ފާހަގަކުރި ކަންތައްތަކަކީ އީރާނުގެ ހައްގުތަކެއް. މަޝްވަރާގެ ކޮންމެ ބުރެއްގައި ވެސް އީރާނުގެ މަންދޫބުން ވަނީ ސާބިތުކަމާ އެކު މިކަންކަމަށް ވަކާލާތުކޮށްފައި،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، މި ހަނގުރާމައަކީ "ޣައިރުގާނޫނީ އަދި އެއްވެސް އަސާސެއް ނެތް" ހަނގުރާމައެއް ކަމަށް ސިފަކުރައްވައި، ހަނގުރާމައިގެ ބަދަލު އެމެރިކާއިން ދޭންޖެހޭނެ ކަމަށް އީރާނުން ހުށަހެޅި ޝަރުތުތައް ވެސް އޭނާ ދިފާއުކުރެއްވި އެވެ.
އަލުން އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެތޯ ސުވާލުކުރުމުން، ބަގާއީ ވިދާޅުވީ އީރާނު އޮތީ "ކޮންމެ ފަދަ ހާލަތަކަށް ވެސް ފުރިހަމައަށް ތައްޔާރަށް" ކަމަށެވެ.
އާދިއްތަ ދުވަހު އީރާނުގެ ފާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، އެމެރިކާއިން ވަނީ ފަސް ނުކުތާގެ މައްޗަށް އެކުލެވޭ ލިސްޓެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި، އީރާނުން ހިންގާނީ އެންމެ ނިއުކްލިއާ ސައިޓެއް ކަމަށް ކަނޑައެޅުމަސާއި، މަތީ މިންވަރަކަށް މުއްސަނދިކޮށްފައިވާ ޔުރޭނިއަމްތައް އެމެރިކާއާ ހަވާލުކުރުމަށް ވަނީ ޑިމާންޑްކޮށްފަ އެވެ.
އީރާނުގެ ހިފަހައްޓާފައިވާ ފައިސާގެ "އެންމެ 25 ޕަސެންޓް" ވެސް ދޫކޮށްލުމަށް ނުވަތަ ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ދިނުމަށް ވެސް އެމެރިކާއިން ދެކޮޅު ހަދާފައިވާ ކަމަށް ފާސް އިން ރިޕޯޓްކުރި އެވެ. މީގެ އިތުރުން، ހަމަލާތައް މުޅިން ހުއްޓާލާނީ އީރާނުން ރަސްމީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމުން އެކަނި ކަމަށް އެމެރިކާއިން ސާފުކޮށްދީފައިވާ ކަމަށް އެ ރިޕޯޓްގައިވެ އެވެ.
އީރާނުގެ މެހެރް ނިއުސް އެޖެންސީން ބުނި ގޮތުގައި، "އެމެރިކާއިން އެއްވެސް ލުޔެއް ނުދީ، ހަނގުރާމައިގެ ތެރޭގައި ހާސިލްނުކުރެވުނު ކަންކަން މަޝްވަރާގެ މޭޒުމަތިން ހާސިލްކުރަން ބޭނުންވުމަކީ، މަޝްވަރާތައް ކުރިއަށް ނުގެންދެވި ހުއްޓުމަކަށް އައިސްފައިވާ ސަބަބެވެ.
މިދިޔަ ހަފުތާގައި އީރާނުން ފޮނުވި ކުރީގެ ހުށަހެޅުމެއްގައި، ހުރިހާ ތަނެއްގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެ އެވެ. އޭގެ ތެރޭގައި އިޒްރޭލުން ލުބުނާނުގައި ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމާއި، އޭޕްރީލް 13 އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތައް ނައްތާލުން ހިމެނެ އެވެ. އަދި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށް ވެސް އެދިފައިވެ އެވެ.
ނަމަވެސް ހޯމަ ދުވަހު އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން، މަޝްވަރާ ޓީމާ ގާތް މަސްދަރަކާ ހަވާލާދީ ބުނީ، "ކުރީގެ ލިޔުންތަކާ ހިލާފަށް، އާ ލިޔުމުގައި މަޝްވަރާގެ މުއްދަތުގައި، އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލުމަށް އެމެރިކާއިން އެއްބަސްވެފައިވާ" ކަމަށެވެ.
ފާސް އިން ބުނި ގޮތުގައި އީރާނުގެ ހުށަހެޅުމުގައި ބާރުއަޅާފައިވަނީ، ހަނގުރާމަ ފެށުނީއްސުރެ އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާނީ ތެހެރާނުން ކަމަށެވެ.
ހޯމަ ދުވަހު އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ މި ކަނޑުއޮޅި ބެލެހެއްޓުމަށް އާ އިދާރާއެއް އުފެއްދިކަން އިއުލާންކޮށްފަ އެވެ. އެ ކައުންސިލްގެ ރަސްމީ އެކްސް އެކައުންޓުގައި "ޕާޝިއަން ގަލްފް ސްޓްރެއިޓް އޮތޯރިޓީ" ގެ ޕޯސްޓެއް ހިއްސާކޮށް، ކަނޑުއޮޅީގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ހިއްސާކުރަމުންދާނެ ކަމަށް ބުނެފައިވެ އެވެ.
ޕީޖީއެސްއޭ އިން ފަހުން ކުރި ޕޯސްޓެއްގައި ބުނީ، އެއީ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުން މެނޭޖްކުރުމުގެ ގާނޫނީ އަދި ރަސްމީ އިދާރާ ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް އެ އިދާރާއާ ކޯޑިނޭޓް ކުރަންޖެހޭނެ ކަމަށާއި، ހުއްދައެއް ނެތި ދަތުރުކުރުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށް ބުނެފައިވެ އެވެ. -- އޭއެފްޕީ
އިންޒާރު ދެމުން ވެސް އީރާނާއި އެމެރިކާ އަދިވެސް "މަޝްވަރާގައި"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ