ހިއުސްޓަން (ޖޫން 27) - ގުރޫޕް ސްޓޭޖުގެ ތިން މެޗު ވެސް އެއްވަރު ކޮށްގެން ގުރޫޕް އެޗްގެ ދެވަނަ ޔަގީންކޮށް، ކޭޕް ވާޑޭއިން ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަ ކުރާ ނޮކައުޓް ބުރުން ޖާގަ ހޯދައިފި އެވެ.
ކޭޕް ވާޑޭ އާއި ސައުދީ އަރަބިިއްޔާ މިއަދު ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ.
ކޭޕް ވާޑޭ ވަނީ މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. ނަމަވެސް ގޯލެއް ކާމިޔާބު ނުވީ އެވެ.
ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑޭ ވެފައި ވަނީ 2006 ގައި ގާނާގެ ފުރަތަމަ މުބާރާތުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފަހުން، އަލަށް ވާދަ ކުރާ އެފްރިކާ ބައްރުގެ ޓީމެއް ގުރޫޕް ސްޓޭޖް ފަހަނައަޅައިދިޔަ ފުރަތަމަ ޓީމަށެވެ.
ގުރޫޕްގެ ދެވަނަ އާއެކު، ނޮކައުޓް ބުރުގައި ކޭޕް ވާޑޭ ބައްދަލުކުރާނީ ގުރޫޕް ޖޭގެ އެއްވަނަ އާޖެންޓީނާއާ އެވެ. ގުރޫޕްގެ އެއްވަނަ ހޯދި ސްޕެއިން ބައްދަލުކުރާނީ ގުރޫޕް ޖޭގެ ރަނަރަޕް ޓީމާ އެވެ.
ސްޕެއިން ވަނީ 1-0 އިން އުރުގުއޭގެ މައްޗަށް ކުރި ހޯދައިފަ އެވެ.
އުރުގުއޭގެ ލެޖެންޑަރީ ގޯލްކީޕަރު ފެނާންޑޯ މުސްލެރާ އަށް ހެދުނު ބޮޑޫ ގޯހަކުން މެޗުގެ 42 ވަނަ މިނިޓުގައި ސްޕެއިންގެ ހަމައެކަނި ގޯލު ޖަހައިދިނީ އެލެކްސް ބައޭނާ އެެވެ. މިއާ ގުޅިގެން ކޯޗު މާސެލޯ ބިއެލްސާ ވަނީ ހާފް ޓައިމްގައި މުސްލެރާ ބަދަލު ކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތު އުރުގުއޭގެ ފޯވާޑް އޮގަސްޓިން ކެނޯބިއޯ އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ.
ސްޕެއިން ގުރޫޕްގެ އެއްވަނަ ހޯދާފައި މި ވަނީ ހަތް ޕޮއިންޓް ހޯދައިގެންނެވެ. އަދި ކޭޕް ވާޑޭ ދެވަނަ ހޯދީ ތިން ޕޮއިންޓާ އެކު އެވެ. އެ ޓީމު ވަނީ ކުޅުނު ފުރަތަމަ މެޗުގައި ސްޕެއިނަށް ލަނޑެއް ޖެހުނަ ނުދީ ހުއްޓުވައިފަ އެވެ. އަދި ދެވަނަ މެޗުގައި އުރުގުއޭއާ އެއްވަރު ކުރީ 2-2 ގެ ނަތީޖާއަކުންނެވެ.
އުރުގުއޭ ދެ ޕޮއިންޓަކާ އެކު ތިންވަނައިގައި ނިންމާލި އިރު ސައުދީ އަރަބިއްޔާ އަށް ވެސް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.
ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ސެމީ ފައިނަލް ކުޅުނު އުރުގުއޭ ވަނީ އޭގެ ފަހުން ބްރެޒިލްގައި ގަދަ 16 ގައި ވާދަ ކޮށް، ރަޝިއާގައި ކުއާޓާ ފައިނަލްގައި ވާދަ ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ޖެހިޖެހިގެން ތިން މުބާރާތުގައި ވެސް އެ ޠީމަށް މުބާރާތް ނިންމާލަން ޖެހިފައި މި ވަނީ ގުރޫޕް ސްޓޭޖާ ހަމައިންނެވެ.
ސްޕެއިން އާއެކު ކޭޕް ވާޑޭ މެޗަކުން ބަލި ނުވެ ދެވަނަ ބުރަށް، އުރުގުއޭ ކަޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ