މެޑިޓެރޭނިއަން ކަނޑުގެ ކުޑަ ގައުމެއް ކަމަށްވާ މޯލްޓާގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަމުންދިޔަ ނޫސްވެރިޔާ ޑެފްނީ ކަރޫއާނާ ގަލީޒިއާ މަރާލަން އަމުރުކުރި ކަމުގެ ތުހުމަތު ކުރެވޭ މުއްސަނދި ވިޔަފާވެރިއެއްގެ ޝަރީއަތް، އެ ނޫސްވެރިޔާ މަރާލިތާ ނުވަ އަހަރު ފަހުން ފަށައިފި އެވެ.
އުމުރުން 44 އަހަރުގެ ޔޯގެން ފެނެކްގެ މައްޗަށް އުފުލާފައިވަނީ ގަލީޒިއާ މަރާލުމުގައި ބައިވެރިވުމާއި ޖިނާއީ ކުށްކުރާ ގްރޫޕަކާ ގުޅުން ބޭއްވި ކަމުގެ ދައުވާ އެވެ. ނަމަވެސް އޭނާ ވަނީ ކުށަށް އިންކާރުކޮށްފަ އެވެ. މި މައްސަލައިގައި ކުށް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކަރޫއާނާ ގަލީޒިއާ މަރާލާފައިވަނީ 2017 ވަނަ އަހަރު އޭނާގެ ކާރުގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދަނިކޮށް ދިން މި ހަމަލާއަކީ މުޅި ޔޫރަޕަށް ސިހުން ގެނުވި އަދި މޯލްޓާގެ ސިޔާސީ މަސްރަހަށް ބޮޑު ލޮޅުމެއް އެރުވި ހަމަލާއެކެވެ.
ޝަރީއަތުގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ޕްރޮސެކިއުޓަރުން ތުހުމަތުކޮށްފައިވާ ގޮތުގައި، ފެނެކް ވަނީ ކުރީގެ ޓެކްސީ ޑްރައިވަރެއް ކަމަށްވާ މެލްވިން ތިއުމާ މެދުވެރިކޮށް، ގަލީޒިއާ މަރާލާނެ ބަޔަކު ހޯދުމަށް ހަވާލުކޮށްފަ އެވެ.
މި މައްސަލައިގައި މެދުވެރިއެއްގެ ދައުރު އަދާކުރި ކަމަށް ތިއުމާ ފަހުން ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ބުނި ގޮތުގައި އެ މަސައްކަތުގެ އުޖޫރައިގެ ގޮތުގައި ފެނެކްގެ އަތުން 150،000 ޔޫރޯ (170،000 ޑޮލަރު) ލިބުނެވެ. ދައުލަތުން އޭނާއަށް މައާފު ދިނުމާ ގުޅިގެން، އެ މަރު ރޭވުމާއި ހިންގުމުގައި އަމަލުކުރި ގޮތުގެ ތަފްސީލުތައް އޭނާ ވަނީ ކިޔައިދީފަ އެވެ.
ފެނެކް ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅު މޯލްޓާގެ ކަނޑުގެ ސަރަހައްދުގައި އޮތް ޔޮޓެއްގެ ތެރެއިންނެވެ. ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި އޭނާ އެވަގުތު މަސައްކަތް ކުރަމުންދިޔައީ ގައުމުން ފިލައިގެން ދިއުމަށެވެ. އިޖުރާއީ އެކި މައްސަލަތަކާ ހެދި މި ޝަރީއަތް ފެށުން ވަނީ އެތައް އަހަރަކަށް ލަސްވެފަ އެވެ.
ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ތިން މީހުން، އެ ހާދިސާ ހިނގިތާ ހަފުތާތަކެއްގެ ތެރޭގައި ހައްޔަރުކުރި އެވެ. އެ މީހުން ވަނީ ޝަރީއަތް ފެށުމާއެކު ކުށަށް އިއުތިރާފުވެފަ އެވެ. އޭގެ ތެރެއިން ދެ މީހަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ތިންވަނަ މީހާއަށް ވަނީ މައުލޫމާތު ހިއްސާކުރުމުގެ ބަދަލެއްގެ ގޮތުން ލުއި އަދަބެއް ދީފަ އެވެ.
މީގެ އިތުރުން، އެ ހަމަލާ ދިނުމަށް ބޮން ފޯރުކޮށްދިން ދެ މީހެއްގެ މައްޗަށް 2025 ވަނަ އަހަރު ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.
އުމުރުން 52 އަހަރުގެ ގަލީޒިއާގެ ހަރަކާތްތައް ހަފުތާތަކެއް ވަންދެން ބެލުމަށް ފަހު، ބޮން ހަރުކުރީ އޭނާގެ ކާރުގެ ގޮނޑީގެ ދަށުގަ އެވެ. އެ ބޮން ގޮއްވާލީ ކަނޑުމަތީގައި އޮތް ޔޮޓެއްގައި ހުރި މީހަކު ދިން ސިގްނަލަކަށް ފަހު ރިމޯޓް ކޮންޓްރޯލް ބޭނުންކޮށްގެންނެވެ. މި ހަމަލާގައި ގަލީޒިއާ ވަގުތުން މަރުވި އެވެ.
ފެނެކް އަކީ ގޭމިން، ފަތުރުވެރިކަން، މެނޭޖްމަންޓް އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތަކުގައި ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ "ޓޫމަސް ގްރޫޕް" ގެ އިސްވެރިޔާ އެވެ.
ރޮއިޓާސް އިން 2020 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި، ގަލީޒިއާ މަރާލުމުގެ މަސްތަކެއް ކުރިން އޭނާ ދިޔައީ "17 ބްލެކް" ކިޔާ އޮފްޝޯ ކުންފުންޏެއްގެ މައުލޫމާތު ހޯދަމުންނެވެ. ގަލީޒިއާ ތުހުމަތުކޮށްފައިވާ ގޮތުގައި އެ ކުންފުންޏަކީ މޯލްޓާގެ ސިޔާސީ ވެރިންނަށް ކޮރަޕްޝަންގެ ފައިސާ ފޮނުވުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ގަލީޒިއާ މަރާލި ފަހުން ހާމަވި ގޮތުގައި، އެ ކުންފުންޏަކީ ފެނެކްގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ކުންފުންޏެކެވެ.
މި މަރުގެ ހާދިސާއާ ގުޅިގެން މޯލްޓާގައި އުފެދުނު ސިޔާސީ ހަލަބޮލިކަމުގެ ތެރެއިން، 2020 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓް ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެ މަރާ އޭނާއާ ސީދާ ގުޅުމެއް އޮތްކަން މިހާތަނަށް ސާބިތުވެފައެއް ނުވެ އެވެ.
މޯލްޓާގެ ނޫސްވެރިޔަކު މަރާލި މައްސަލާގައި މަހުޖަނެއްގެ ޝަރީއަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ