މި ހިނގާ ކައުންސިލުގެ ދައުރު ފެށުނު ފަހުން ޕާޓީ ބަދަލުކުރި ކަމަށް ބުނެ ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު އަލީ އެ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން އެ ކައުންސިލުގެ ނައިބު ރައީސް، ސާމިރު އަހުމަދަށް ފަޮނުވި ސިޓީގައި ވަނީ ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށް، ކައުންސިލުގެ އިދާރާއަށް ނުނިކުތުމަށް ސުޖާއުއަށް އެނގުމަށެވެ. އަދި، މި މުއްދަތުގެ ތެރޭގައި ރައީސްގެ މަސްއޫލިއްޔަތު އޭނާއާ ވަނީ މަތިކޮށްފަ އެވެ.
އެލްޖީއޭއިން ބުނާ ގޮތުގައި، ދަ ޑިމޮކްރެޓްސްގެ ޓިކެޓެއްގައި ވާދަކޮށްގެން ގޮނޑި ކާމިޔާބުކުރި ސުޖާއު އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ދަފްތަރު ވެފައި ވަނީ މިދިޔަ މަހުގެ 19 ގަ އެވެ. އެއީ ލޯކަލް ކައުންސިލުތަކުގެ މި ހިނގާ ދައުރަށް އިންތިހާބުވީ މެންބަރުން ހުވާކުރި ދުވަހެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުގެ ގާނޫނުގައި އޮންނަ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓެއްގައި ވާދަކޮށްގެން އިންތިހާބު ވުމަށް ފަހު އެ ހިނގާ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
މި މައްސަލައިގައި ސުޖާއުގެ ގޮނޑި ގެއްލުވާލައިފި ނަމަ އޭނާ ވާނީ ޕާޓީ ބަދަލުކުރި މައްސަލައެއްގައި ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.
ޕާޓީ ބަދަލުކުރި މައްސަލައެއްގައި އެމްޑީޕީއާ ގުޅުނު މީހެއްގެ ގޮނޑި ގެއްލުމުގެ ބިރު އޮތްއިރު، އިންތިހާބުވީ ފަހުން ބައެއް ކައުންސިލަރުން ޕީއެންސީއާ ވެސް ގުޅުނެވެ. ނަމަވެސް މި މީހުން އީސީގެ ރަޖިސްޓްރީގައި ދަފްތަރުވީ ކޮން ތާރީހެއްގައި ކަމެއް ނޭނގެ އެވެ.
ޕާޓީ ބަދަލުކުރި ކަމަށް ބުނެ ވ. ތިނަދޫ ކައުންސިލުގެ ރައީސް ސުޖާއު މަގާމުން އެއްކިބާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ