އައްޑޫ ސިޓީ ހިތަދޫގައި ’ސްކޫޕު‘ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައިގެންފިއެވެ.
ޕީޖީ އޮފީހުން މި މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މި މައްސަލަ މިހާރު ހައި ކޯޓުގައި ރަޖިސްޓްރީކޮށްފައިވާކަން ވަނީ ބަލައިގެންފައެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން އެދިފައިވަނީ ސްކޫޕު ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައި، އެ ގްރޫޕަށް ނިސްބަތްވާ ކަމަށް ފާހަގަކުރެވޭ 9 މީހަކީ އެ ގްރޫޕުގެ މެންބަރުން ކަމަށް ކަނޑައަޅައިދިނުމަށެވެ. މީގެ އިތުރުން، އެ ގްރޫޕާ ގުޅުން އޮތް ކަމަށް ބެލެވޭ ’އެސް ކޭ ޕީ ސްޕޯޓްސް ކްލަބް‘ އުވާލުމަށް ސްޕޯޓްސް ކޮމިޝަނަރުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.
ހަމައެއާއެކު، އައްޑޫގެ އެކި ސަރަހައްދުތަކުގައި ’ސްކޫޕު’، ’ސްކޫޕު ކަންމަތި‘ އަދި ’އެސްކީޕީ‘ ލިޔެފައިވާ ފާރުތަކާއި އެންމެހާ ތަންތަނުން އެ ނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ޕީޖީން ވަނީ ހުށަހަޅާފައެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އަމަލުކުރަން ފެށި ’ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު‘ގެ ދަށުން، ވަކި ގްރޫޕެއް އެއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.
އައްޑޫ ’ސުކޫޕް‘ ގޭންގެއް ކަމަށް ކަނޑައެޅުމުގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ