އިޒްރޭލުން ލުބުނާން ހަމަލާތައް ވަރުގަދަކޮށް، އެއްގަމު އޮޕަރޭޝަންތައް ފުޅާކޮށްފި

ވޭތުވެދިޔަ ހަފުތާތަކުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި ހިމެނޭ ގޮތަށް، އިއްޔެ އިޒްރޭލުން ލުބުނާނުގެ އެކި ސަރަހައްދުތަކަށް 120އަށް ވުރެ ގިނަ ވައިގެ ހަމަލާ ދީފި އެވެ.
ލުބުނާނުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ މި ހަބަރު ފެތުރިފައިވާއިރު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރަން ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެންމެ ފަހުން ދިން މި ހަމަލާތަކުގައި 31 މީހުން މަރުވެ، 40 މީހުން ވަނީ ޒަހަމްވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި ދެކުނުގެ ބުރުޖް އަލް-ޝަމާލީ އަވަށުން މަރުވި 14 މީހަކު ހިމެނޭއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނެ އެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ސަރަހައްދުތަކަށެވެ. މީގެ ތެރޭގައި ތާރީހީ ބޯފޯޓް ކާސަލްގެ ކައިރީގައިވާ ސަރަހައްދުތަކާއި ލުބުނާނުގެ އެންމެ ބޮޑު ފެން ރިޒާވް ކަމަށްވާ ގަރާއޫން ޑޭމް ކައިރި ސަރަހައްދުތައް ހިމެނެ އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އިޒްރޭލުގެ ސިފައިން ދަނީ ވަރުގަދަ ލަޝްކަރަކާ އެކު އެއްގަމު މަގުން ހަރަކާތްތެރިވެ، އެކި ސަރަހައްދުތައް ހިފަމުންނެވެ. އަދި އިޒްރޭލުގެ އުތުރުގެ ސަރަހައްދުތައް ރައްކާތެރިކުރުމަށްޓަކައި 'ސެކިއުރިޓީ ސްޓްރިޕް' ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދު ވަރުގަދަ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން، މިދިޔަ މަހުގެ 16ގައި އިޒްރޭލާއި އީރާނުގެ މަދަދު ލިބޭ ހިޒްބުއްލޯއާ ދެމެދު އެއްބަސްވެފައިވާ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް ވަނީ އިތުރު ނުރައްކަލެއް ކުރިމަތިވެފަ އެވެ. ދެ އޮފިޝަލުން ވިދާޅުވި ގޮތުގައި، އިޒްރޭލުގެ އެއްގަމު ސިފައިން މިހާރު ވަނީ ލުބުނާނުގެ ދެކުނުގައި އެ މީހުން އަމިއްލައަށް ކަނޑައަޅާފައިވާ ސަރަހައްދުން ބޭރަށް އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.
ހިޒްބުއްލޯ އިން ބުނި ގޮތުގައި، އެ ޖަމާއަތުން ވަނީ ޒައުތަރު އަލް-ޝަރުގިއްޔާ ކައިރީގައި ތިބި އިޒްރޭލުގެ ސިފައިންނާއި ޓޭންކުތަކަށް ޑްރޯން، ރޮކެޓް އަދި ބޮޑުބަޑީގެ ހަމަލާތަކުން ރައްދު ދީފަ އެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މާޗު 2 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 3,213 މީހުން މަރުވެ، 9,737 މީހުން ވަނީ ޒަހަމްވެފަ އެވެ.
އިޒްރޭލުން ބުނާ ގޮތުގައި، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުން ގާއިމުކުރި ފަހުން އެ ގައުމުގެ 10 ސިފައިން ވަނީ މަރުވެފަ އެވެ. މީގެ ތެރޭގައި ހިޒްބުއްލޯ އިން ދިން ޑްރޯން ހަމަލާތަކުގައި މަރުވި ހަ ސިފައިން ހިމެނެ އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން ލުބުނާނުން މަދުވެގެން 608 މީހުން ވަނީ މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ