އަހަރުގެ މިހާތަނަށް އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފި

އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފްއަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، އެންމެ ފަހުން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓްގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ހިނގާ މެއި މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފްއަށް މުޅި ޖުމްލަ 923 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ، 776 މިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއީ 18 އިންސައްތަ އިތުރު ޢަދަދެކެވެ.
ސޮވަރިން ފަންޑަށް 923 މިލިޔަން ރުފިޔާ ޖަމާކޮށްފައިވާއިރު، ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ މި މުއްދަތުގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ދަޢުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.6 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް އަނބުރާ ދެއްކުމަށް ޚަރަދުކުރި އަދަދާއި އަޅާބަލާއިރު 244 އިންސައްތަ އިތުރު އަދަދެކެވެ. މިިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ހޭދަކޮށްފައިވަނީ، 2.5 ބިލިޔަން ރުފިޔާއެވެ.
ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކާފައިވާއިރު، މި ދަރަނިތަކަކީ އެކި ދުވަސްވަރު މަތިން ނަގާ މިއަހަރަށް މުއްދަތު ހަމަވާ ގޮތަށް ހުރި ދަރަނިތަކެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން ނަގާފައިވާ 500 މިލިޔަން ޑޮލަރުގެ ސުކޫކަށްވާ ފައިސާއާއި، 2024 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، ސޮއިކުރި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލީޓީ ހިމެނެއެވެ. މި ދަރަނިތައް އަދާކޮށްފައިވަނީ، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑާއި ރިޒާވުން ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ސޮވަރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.
2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ، ޖަމާކުރަމުންނެވެ. އެއީ، އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ