15 ދުވަހުގެ ޖަލު ހުކުމަށްފަހު ނޫސްވެރިޔާ ޝަހުޒާން މިނިވަން ވެއްޖެ

ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލެއްގެ މައްސަލައިގައި ޖަލަށް ހުކުމް ކުރި 'އަދަދު'ގެ ނޫސްވެެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް ނިމުމުން މިއަދު މިނިވަންކޮށްފި އެވެ.
ވީ ކިހިނެއް؟ - މިމަހު 11 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްއާ ކުރި ސުވާލު ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު ނުވަތަ އަނގަބަންދު އަމުރާ ހިލާފުވީ މައްސަލައިގައި ޝަހުޒާން 15 ދުވަހަށް ޖަލަށް ހުކުމް ކުރީ އޭގެ ޖެހިގެން އައި ދުވަހު، މި މަހު 12ގަ އެވެ.
ތަފްސީލު- ކްރިމިނަލް ކޯޓުން ޝަހުޒާން ޖަލަށް ހުކުމް ކުރީ ރައީސްގެ މައްޗަށް ގަޒުފު ކުރި ކަމަށް ބުނާ މައްސަލައިގައި އެ ކޯޓުން ނެރުނު  'އަނގަ ބަންދު ކުރުމުގެ އަމުރު' ނުވަތަ ގެގް އޯޑަރާ އޭނާ ހިލާފުވި ކަމަށް ކަނޑައަޅައި، އެ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައިގެންނެވެ. މިކަން ކޯޓުގެ ސަމާލުކަމަށް ގެނައީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުން ފޮނުވި ސިޓީއަކުންނެވެ.
ކޯޓުން ނިންމީ 15 ދުވަހަށް ޖަލަށް ހުކުމް ކުރުމާއެކު، 25،800ރ.އަށް ޖޫރިމަނާ ކުރުމަށެވެ.
ޝަހުޒާން އެ ހުކުމް ތަންފީޒުކޮށްފައިވަނީ މާފުށި ޖަލުގަ އެވެ. ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ މިނިވަންކޮށްފައި ވަނީ، ހުޅުމާލެ ޖަލުންނެވެ. މިނިވަންކުރި ވަގުތު މަރުހާބާ ކިޔުމަށް ޝަހުޒާންގެ އާއިލާ އަދި ނޫސްވެރިން އެ ސަރަހައްދަށް ޖަމާވެ ތިއްބެވެ. 
ފާހަގަ ކޮށްލެވޭ ކަމެއް - ޝަހުޒާންއާއެކު ހަމަ އެ ދުވަހު 'އަދަދު'ގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުވެސް ޖަލަށް ހުކުމް ކުރި އެވެ. ލިޔުނު ހަބަރެއްގެ މައްސަލައިގައި ކޯޓުގެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅާ އޭނާއަށް ކުރި 10 ދުވަހުގެ ޖަލު ހުކުމަށްފަހު، މިދިޔަ ހުކުރު ދުވަހު ވަނީ މިނިވަންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ