ލުބްނާން ޢުދުވާން ހުއްޓުވުމާ ގުޅޭ މަޝްވަރާތަކަށް އެމެރިކާއިން ޔަހޫދީއަކު ފޮނުވައިފި

ލުބްނާންގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ބޭއްވުމަށް އެމެރިކާގެ މަންދޫބު އަމޮސް ހޮކްޝަތެއިން ލުބްނާނަށް ވަޑައިގަންނަވައިފިއެވެ. ލުބްނާންގެ ވެރިރަށް ބައިރޫތަށް އޭނާ ކުރައްވާ ދަތުރުގައި ޔަހޫދީންގެ ލާއިންސާނީ ޖަރީމާތަކަށް ނިމުމެއް ގެނައުމާ ގުޅޭ ގޮތުން ލުބްނާންގެ އިސްވެރިންނާ އެކު މަޝްވަރާތައް ބާއްވަވާނެ ކަމުގައި މަޞްދަރުތަކުން ބުންޏެވެ.
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ލުބްނާނަށް ފޮނުއްވާފައި ވަނީ ޤުދުސަށް އުފަން ޔަހޫދީ ދަރިކޮޅުުގެ މީހެކެވެ. އަދި, އެމެރިކާއަށް ހިޖުރަ ކުރުމުގެ ކުރިން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގުމުގައި ޔަހޫދީ ފައުޖުގައި ބައިވެރިވެފައިވާ މީހެކެވެ.
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުގެ އެންމެ ފަހުގެ ޖަރީމާތައް ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އަދި, އެއްގަމު މަގުން ބަރުހަތިޔާރާ އެކު އަރައި އޮކްޓޫބަރު 1ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ ލުބްނާންގެ ދެކުނުގެ ރަށްތަކުގައި ޤަތުލުޢާންމު ހިންގަމުންނެވެ. ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާންތަކެއް ފަށާފައި ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޔަހޫދީ ފައުޖުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޣައްޒާއިން އެތަކެއް ހާސް ޢާންމުންނެއްގެ އިތުރުން ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތުގެ އިސްވެރިންތަކެއް ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, ލުބްނާނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ ވެރިން ވެސް ޝަހީދު ކޮށްލާފައިވެއެވެ. އެ ޢުދުވާންތައް ހުއްޓުވަން އެމެރިކާއިން ފާޅުގައި މަސައްކަތް ކުރަމުންދާ މަންޒަރު ދައްކަން މަސައްކަތް ކުރި ނަމަވެސް, ޔަހޫދީންގެ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. އަދި, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން އެމެރިކާއިން ވަނީ އެތަކެއް ފަހަރަކު ތަކުރާރު ކޮށްފައެވެ.
ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެމެރިިކާގެ ސިފައިން ޒަޔަނިސްޓު ދައުލަތަށް ފޮނުވަން ވެސް އެމެރިކާއިން ވަނީ ނިންމާފައެެވެ. އަދި, އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ވައިގެ ދިފާޢީ ނިޒާމުތައް މިހާރު ވަނީ ޒަޔަނިސްޓު ދައުލަތަށް ފޮނުވާފައެވެ. އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިން ވިދާޅުވީ, އެމެރިކާގައި އުފައްދާ ޓަރމިނަލް ހައި އެލްޓިޓިއުޑް އޭރިޔާ ޑިފެންސް ނުވަތަ ތާޑް ވައިގެ ދިފާޢީ ނިޒާމުތައް ޒަޔަނިސްޓުންގެ ރަށްތަކުގައި ޤާއިމުކޮށްފައިވާ ކަމުގައެވެ. ނަމަވެސް, އެ ހަތިޔާރުތައް ބޭނުން ކުރަން ފަށާފައިވާ ކަން އޭނާ ކަށަވަރު ކޮށްދެއްވާފައެއް ނެތެވެ.
ޔަހޫދީ ފައުޖުން މި ވަގުތު ވެސް ދަނީ ލުބްނާންގެ ރަށްތަކަށް މެދުކެނޑުމެއް ނެތި ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެންމެ ފަހުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ބައިރޫތާއި ލުބްނާންގެ ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. ޔަހޫދީ ފައުޖުން ބުނީ އެންމެ ފަހުން ޙަމަލާ ދީފައި ވަނީ ޙިޒްބުاللهއަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ބޭންކުތަކަށް ކަމުގައެވެ.
ލުބްނާންގެ މުސްލިމުން ޝަހީދު ކުރުމަށް ފަށާފައިވާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް ޝަރުޠުތަކެއް ކަނޑައަޅައި, ޔަހޫދީ ފައުޖުން އެ ޝަރުޠުތައް އެމެރިކާގެ ވެރިރަށް ވޮޝިންގޓަނާ ހިއްސާ ކޮށްފައިވާ ކަމުގައި އެމެރިކާގެ ނޫހެއް ކަމުގައިވާ އެކްސިޔޮސުން ދާދިފަހުން ރިޕޯޓު ކުރިއެވެ. އެމެރިކާއާއި ޔަހޫދީންގެ މަޞްދަރުތަކާ ޙަވާލާދީ އެކްސިޔޮސުން ބުނީ, ލުބްނާނަށް ބޮން އެޅުން ހުއްޓައިލި ނަމަވެސް ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ފަށާފައިވާ ޖަރީމާތައް ހުއްޓައިލަން ޔަހޫދީން ދެކޮޅު ހަދަމުންދާ ކަމުގައެވެ.
އަދި, ލުބްނާންގެ ސިޔާދަތީ މިނިވަން ކަމާއި އިސްތިޤުލާލަށް ބެލުމެއް ނެތި, އެ ޤައުމުގެ ވައިގެ ސަރަޙައްދުގައި އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރުޞަތު ދިނުން ޔަހޫދީންގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަމުގައި ވެސް އެކްސިޔޮސުން ރިޕޯޓު ކޮށްފައިވެއެވެ. ލުބްނާންގެ ސަރުކާރާއި ބައިނަލްއަޤުވާމީ މުޖުތަމަޢުން ޔަހޫދީންގެ މި ޝަރުޠުތައް ބަލައިގަންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމުގައި އެކްސިޔޮސުން އިންޓަރވިއު ކޮށްފައިވާ އެމެރިކާގެ އޮފިޝަލަކު ބުންޏެވެ.
ޔަހޫދީ ހޮކްޝަތެއިން ބައިރޫތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލުބްނާންގެ ބޮޑުވަޒީރު ނަޖީބު މީޤާތީއާއި ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީޙް ބައްރިއްޔާ ބައްދަލު ކުރައްވައި, ޔަހޫދީން ހުށަހަޅާފައިވާ ޝަރުޠުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ. މި ކަމާ ގުޅޭ ގޮތުން ބައްރީ ވިދާޅުވީ ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ކުރި ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް 2006ވަނަ އަހަރު އދން ފާސްކޮށްފައިވާ 1701 ނަންބަރު ޤަރާރާ ޚިލާފުވާ ފަދަ އެއްވެސް ކަމަކަށް ހޮކްޝަތެއިނާ އެކު އެއްބަސްނުވާނެ ކަމުގައެވެ. މިއީ, އެމެރިކާގައި ރިޔާސީ އިންތިޚާބު ބޭއްވުމުގެ ކުރިން ޔަހޫދީންގެ ޢުދުވާންތަކަށް ޚާރިޖީ ޙައްލެއް ހޯދުމަށް ލިބޭ އެންމެ ފަހު ފުރުޞަތުގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 2,400އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 10,000އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ