އިންޑިއާއަކީ ދެގޮތެއް ނުވާ އެކުވެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެކަނބަލުންނަށް އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ ދެއްވި ރޭގަނޑުގެ ޖާފަތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންޑިއާއަކީ ދެގޮތެއް ނުވާ އެކުވެރިއެއްކަން ސާބިތުކޮށްދީފައިވާ ކަމަށާއި އަންނަ އަހަރަކީ ރާއްޖެ އާއި އިންޑިއާ މެދުގައި ސިޔާސި ގުޅުން ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށްވާއިރު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.
އަވަށްޓެރި ހުރިހާ ގައުމުތަކާއެކު ރަނގަޅު، ރަޙްމަތްތެރި ގުޅުން ދަމަހައްޓާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަމުން ރައީސް ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައިވަނީ ތާރީޚާއި ސަޤާފަތާއި ދެޤައުމުގެ ވެސް ޤަބޫލުކުރުންތަކުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފަ އެވެ.
ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރްމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް، އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައި އެގައުމާއެކު ތަފާތު އެކި ދާއިރާތަކުން މުހިއްމު ގިނަ އެއްބަސްވުންތަކެއް ސޮއިކޮށްފަ އެވެ.
އިންޑިއާއަށް ރައީސް ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އިތުރުން، މުމްބާއީއަށާއި ބެންގަލޫރަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންޑިއާއަކީ ދެގޮތެއް ނުވާ އެކުވެރިއެއް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ