މާލޭގެ ހުރިހާ ސްކޫލަކުން ވާދަކުރާ ރާއްޖެ ޖޫނިއަރ ޝޫޓިން ސްޕޯޓް ޗެންޕިއަންޝިޕް ފަށައިފިއެވެ.
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މިމުބާރާތް ކުރިއަށްދަނީ ސޯޝަލް ސެންޓަރުގެ ހަރުގޭގައެވެ. މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްމާއިލް ޝަފީގް ވިދާޅުވީ މުބާރާތަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ.
ފޯރިއާއެކު މުބާރާތުގެ މެޗުތައް ކުރިއަށްދާއިރު، މިމުބާރާތުގައި މާލޭގެ ކޮންމެ ސްކޫލަކުން 8 ދަރިވަރުން ހިމެނޭ ޓީމެއް ބައިވެރިވެފައިވާކަމަށް އޭނާ މައުލޫމާތުދެއްވިއެވެ.
ރާއްޖެ ޖޫނިއަރ ޝޫޓިން ސްޕޯޓް ޗެންޕިއަންޝިޕަކީ ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މުޅިން އަލަށް އިންތިޒާމުކުރި މުބާރާތެކެވެ. މިއީ ދަރިވަރުންގެ މެދުގައި ޝޫޓިން ކުޅިވަރު ކުރިއެރުވުމާއެކު، އެކުވެރިކަން އާލާކޮށް ވާދަވެރި ރޫހެއްގައި ކާމިޔާބަށް މަސައްކަތްކުރުމަށް ބާރު އެޅުމުގެ ގޮތުން ޝޫޓިން އެސޯސިއޭޝަނުން ބޭއްވި މުބާރާތެކެވެ.
މިމުބާރާތުގައި ވާދަކުރާ އުމުރުފުރާތަކަކީ 20 އަހަރުންދަށާއި 17 އަހަރުންދަށުގެ އިތުރުން 15 އަހަރުންދަށުގެ އުމުރުފުރާއެވެ. މުބާރާތުގައި ހިމެނޭ އިވެންޓްތަކަށް ބަލާއިރު، 10 މީޓަރު އެއާ ރައިފަލް މެން، 10 މީޓަރު އެއާ ރައިފަލް ވިމެން، 10 މީޓަރު އެއާ ރައިފަލް މިކްސްޑް ޓީމް، 10 މީޓަރު އެއާ ރައިފަލް ޓީމް ވިމެން، 10 މީޓަރު އެއާ ރައިފަލް ޓީމް މެން، 10 މީޓަރު އެއާ ޕިސްޓަލް މެން، 10 މީޓަރު އެއާ ޕިސްޓަލް ވިމެން، 10 މީޓަރު އެއާ ޕިސްޓަލް މިކްސްޑް ޓީމް، 10 މީޓަރު އެއާ ޕިސްޓަލް ޓީމް ވިމެން އަދި 10 މީޓަރު އެއާ ޕިސްޓަލް ޓީމް މެން ހިމެނެއެވެ.
މުބާރާތުގެ މެޗުތައް ކުރިއަށްދާ ގޮތަށް ބަލާއިރު، މުބާރާތުގެ ކޮންމެ އިވެންޓެއްވެސް ކުރިއަށްދާނީ ދެ ބުރަށެވެ. އެއީ ކޮލިފިކޭޝަން ބުރާއި ފައިނަލް ބުރެވެ.
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދީފައިވާގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެނީ އޮލިމްޕިކްސް ކުޅިވަރެއްގެ ގޮތުގައި ހިމެނޭ ޝޫޓިން ސްޕޯޓްސް ރާއްޖޭގައި ކުރިއަރުވާ ތަރައްގީކުރުމާއެކު ޒުވާން އެތުލީޓުން މިކުޅިވަރުން އުފެއްދުމާއެކު ރާއްޖޭގެ ޝޫޓަރުންނަށް ޤައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
އެސޯސިއޭޝަނުގެ އަމާޒަކީ މިމުބާރާތުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރަންވަނަތަކެއް ހޯދާދޭނެ ފަޚްރުވެރި ޒުވާން ޓީމެއް ބިނާކުރުންކަމަށްވެސް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
ރާއްޖެ ޖޫނިއާ ޝޫޓިން ސްޕޯޓް ޗެންޕިއަންޝިޕް ކުރިއަށްދާނީ މިމަހުގެ 26 އިން އަންނަމަހުގެ 7 ގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައެވެ.
ރާއްޖެ ޖޫނިއަރ ޝޫޓިން ޗެންޕިއަންޝިޕް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ