ވަކި ވޯޓެއް ނުލާން ނިންމުމުން, 3 ވޯޓު ކަރުދާސް ދޫނުކުރަނީ ބިރު ދައްކައި، ސިއްރުކަން ގެއްލުވައިލަން: އެމްޑީޕީ

ވަކި ވޯޓެއް ނުލާން ނިންމުމުން، ތިން ވޯޓު ކަރުދާސް ދޫނުކުރަނީ ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ. މިއަދުގެ ހެނދުނު 8:00އިން ހަވީރު 4:00އަށް، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް (ޑަބްލިޔުޑީސީ) އިންތިޚާބާއީ މައި ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭ ގޮތުން ޚިޔާލު ހޯދަން ނަގާ ވޯޓެވެ. އެއް ވަގުތެއްގައި ތިން ވޯޓެއް ބާއްވާއިރު، އޭގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުންނޫން ކަމަށް ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ވަނީ ބުނެފައެވެ. https://x.com/MDPSecretariat/status/2040260295738950066 އެމްޑީޕީން 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ނަގާ ތިން ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ، ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީން ތުހުމަތުކުރިއެވެ. ހަމައެއާއެކު އެކަމަކީ، ސަރުކާރު މުވައްޒަފުންނަށް ބިރު ދައްކައި، އެ މީހުންގެ ވޯޓުލުމުގެ ހައްގަށް ހުރަސްއެޅުމަށް ސަރުކާރުން ބޭނުންވެގެން އިލެކްޝަންސް ކޮމިޝަނުން ކޮށްދޭ ކަމެއް ކަމަށް ވެސް އެމްޑީޕީން ތުހުމަތު ކުރިއެވެ. އެމްޑީޕީން ވަނީ އެކަން އެގޮތަށް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައިފައެވެ. އީސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާން ދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށެވެ. ނަމަވެސް ވޯޓުލާން ދާ މީހަކު، އެއް ވޯޓުގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/220101 އޭނާ ވަނީ، އެންމެ ފަހުން 2021 ވަނަ އަހަރު ލޯކަލް ކައުންސިލާއި ޑަބްލިޔުޑީސީ އިންތިޚާބު ބޭއްވިއިރު ވެސް، އެއް އިންތިޚާބުގައި މީހަކު ބައިވެރިވާން ބޭނުންނުވި ނަމަ، ހަމަ އެގޮތަށް އަމަލުކުރި ކަމަށެވެ. އެގޮތުން ވޯޓެއްގައި ބައިވެރިނުވުމަކީ އަމިއްލަ އިޚުތިޔާރުގައި އޮންނަ ކަމެއްކަން ޒާހިދު ފާހަގަކުރެއްވިއެވެ. ވޯޓުގައި ބައިވެރިނުވާ މީހާގެ ނަން އިއުލާންކޮށް، އެކަން ހާދިސާ ރިޕޯޓުގައި ވެސް ލިޔެ، އެ ކަރުދާސްކޮޅެއް ބޭނުންނުކުރާކަން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު އޮންނަ ވޯޓުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދު 294،876އަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ