އިޒްރޭލަށް ފިޔަވަޅު ނޭޅުމުގެ ސަގާފަތް ވަގުތުން ނިމުމަކަށް ގެންނަން ރާއްޖެއިން ގޮވާލައިފި

ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން ހިންގާ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެނައުމަށް ރާއްޖެއިން ގޮވާލައިފިއެވެ.
ރާއްޖެއިން އެކަމަށް ގޮވާލާފައިވަނީ ”ބައިނަލްއަގުވާމީ ހަތިޔާރު އެޅި ހަމަނުޖެހުންތަކުގައި ކުޑަކުދިންނާއި ތައުލީމީ މުއައްސަސާތައް ހިމާޔަތްކުރުން: އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ވައިގެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ބޮޑު އަމަލެއް“، އެ މައުޟޫއަށް ސްވިޓްޒަލަންޑްގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށްގެންދިޔަ ކުއްލި ބަހުސްގައި ބައިވެރިވަމުންނެވެ.
އެ ބަހުސްގައި އދ. ގެ އޮފީސްތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވަނީ، އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް ދިން ހަމަލާ ކުށްވެރިކުރައްވައިފައެވެ. އެ ސްކޫލަށް ހަމަލާ އަމާޒުވެފައިވަނީ، އެމެރިކާ އާއި އިޒްރޭލު ގުޅިގެން މިދިޔަ މަހުގެ 28 ގައި ފުރަތަމަ ދިން ހަމަލާތަކުގައެވެ. އެ ހަމަލާގައި އެ ސްކޫލުން 168 ކުއްޖަކު ވަނީ މަރުވެފައެވެ.
ސަލްމާ ރަޝީދު ވަނީ، އިޒްރޭލާއި އެމެރިކާއާ ގުޅިގެން އީރާނަށް ދިން އަސްކަރީ ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ގަލްފްގެ ގައުމުތަކާއި ޖޯޑަން، ފަލަސްތީން އަދި ލުބުނާން މިހާރު އޮތް ނުރައްކާތެރި ހާލަތަށް ވައްޓާލުމުގެ ފަހަތުގައި އޮތީ، ބައިނަލްއަގުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ހިލާފުވަމުންދާ އަދި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ އިޒްރޭލު ކަމަށް ސަލްމާގެ ތަގުރީރުގައި ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ގާނޫނުތަކާ ހިލާފަށް ހިންގާ މިފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅި ދިއުމުގެ ސަގާފަތް މިހާރުން މިހާރަށް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ރާއްޖެއިން ބާރުއަޅާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މަސައްކަތް ކުރުމަށާއި، އާންމު ރައްޔިތުން ހިމާޔަތްކޮށް، އެ އަމަލުތައް ހިންގާ ފަރާތްތައް ޒިންމާދާރުކުރުވުމަށް ކުރާ މަސައްކަތްތައް ވަރުގަދަކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލައިފައެވެ.
މިއީ މި ހަފުތާގެ ތެރޭގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ތާވަލުކުރެވުނު ދެވަނަ ކުއްލި ބަހުސެވެ. ފުރަތަމަ ބަހުސް ބާއްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެއީ، ސައުދީ އަރަބިއްޔާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، ކުވައިތު، އޮމާން، ބަހްރެއިން، އަދި ޖޯޑަންއާ ދެކޮޅަށްދޭ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ