ސާޖިދާގެ ޖަލްސާއެއް ބާއްވަން ކުޅުދުއްފުށި ހޮސްޕިޓަލުގެ ވެއިޓިން އޭރިޔާ ހުސްކޮށްފި ސާޖިދާގެ ޖަލްސާއެއް ބާއްވަން ކުޅުދުއްފުށި ހޮސްޕިޓަލުގެ ވެއިޓިން އޭރިޔާ ހުސްކޮށްފި

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް ބާއްވަން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީއަށް ދައްކާ ބަލިމީހުން މަޑުކުރާ ވެއިޓިން އޭރިޔާ ހުސްކޮށްފި އެވެ.
ސާޖިދާ ބައިވެރިވެވަޑައިގަންނަވާ އިވެންޓަކީ ހޮސްޕިޓަލުގެ އާ އެމެންޖީ ބައި އިފުތިތާހު ކުރުމަށް ބާއްވާ ޖަލްސާ އެވެ.
މި ނޫހަށް ލިބިފައިވާ ބައެއް ފޮޓޯތަކުން ފެންނަން ހުރީ ވެއިޓިން އޭރިއާގެ ގޮނޑިތައް ނަގައި، އެހެން ގޮނޑިތަކެއް އަތުރައި، އެތަނުގެ ޖަލްސާއެއް ބާއްވަން ތައްޔާރުކޮށްފައި އޮތް މަންޒަރެވެ.
"މުޅި ބޮޑުތިލަދުންމަތި މީހުން ދައްކަން އޮތް ހޮސްޕިޓަލް މިއަދު ބަންދު. މިއަށް ވުރެ ހަރުދަނާކޮށް، ސީރިއަސްކޮށް ހޮސްޕިޓަލެއް ހިންގަންޖެހޭނީ،" ކުޅުދުއްފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ކުޅުދުއްފުށިން މި ނޫހާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ އެމެޖެންސީ އޭރިއާއަކަށް ބަދަލު ކުރީ ހޮސްޕިޓަލާ ޖެހިގެން އޮންނަ ބާ އިމާރާތެއް ކަމަށެވެ. އޭގެ އިތުރުން، ޑަޔަލެސިސް ސެންޓަރެއް ވެސް ސާޖިދާ އިފުތިތާހުކޮށްދެއްވި އެވެ. އެކަމަކު މީގެ ކުރިން ވެސް ކުޅުދުއްފުށީގައި ޑަޔަލެސިސް ހަދަ އެވެ.
މީގެ ކުރިން ވެސް ސާޖިދާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރެއްގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކަނޑައިލިކަމުގެ ޝަކުވާ އާންމުން ކުރި އެވެ. އެކަމަކު، މި ނޫހުން ސުވާލު ކުރުމުން ހޮސްޕިޓަލުން އެއިރު ބުނީ އިވެންޓު ކުރިއަށްދިޔަ ވަގުތު ވެސް ހޮސްޕިޓަލުގެ ހިދުމަތްތައް ހުއްޓާލާފައިނުވާނެ ކަމަށެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ނަގާ ވޯޓާ ދިމާކޮށް ސާދިޖާ ދަނީ އެކި ރަށްރަށުގައި ކެމްޕެއިން ކުރައްވަމުންނެވެ. މިއަދު ކުޅުދުއްފުށީގައި ވެސް ދޮރުންދޮރަށް ކެމްޕެއިން އިވެންޓެއް ކުރިއަށްގެންދަން ވަނީ ހަމަޖެހިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ