ރާއްޖޭގައި މަރުގެ އަދަބު ނުދިނުމަށް ހިއުމަން ރައިޓްސް ވޮޗްއިން ގޮވާލައިފި

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރުޑަބްލިއު) އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިތުރު ޖަމިއްޔާތަކަކުން ގުޅިގެން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި، މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ތައާރަފުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ނިންމުންތައް އަނބުރާ ގެންދިއުމަށް ގޮވާލައިފިއެވެ.
އެޗްއާރުޑަބްލިއު އިން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ރާއްޖޭގެ މި ހުށަހެޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި، މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (އައިސީސީޕީއާރު) އާއި، އދ. ގެ ގިނަ ގަރާރުތަކުގެ ދަށުން ރާއްޖެއިން އުފުލަންޖެހޭ އިލްތިޒާމްތަކާ ހިލާފު ކަމެކެވެ. އެ ޖަމިއްޔާއިން ބުނި ގޮތުގައި، ދުނިޔޭގެ 113 ގައުމަކުން މަރުގެ އަދަބު މުޅިން އުވާލާފައިވާ މި ދަނޑިވަޅުގައި، ސަރަހައްދީ އަދި ދުނިޔޭގެ އޮއިވަރަށް ބަލާއިރު މިއީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ.
މަރުގެ އަދަބު ތަންފީޒުކުރުން މަޑުޖައްސާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ދައުރަށް ބިލެއް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާޗް 23 ގައި ވަނީ އިއުލާނު ކުރައްވާފައިކަން އެބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ. މަޖިލީހުގެ މި ދައުރު މެއި މަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.
ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން މަޑުޖައްސާލާފައިވަނީ 1954 ވަނަ އަހަރުން ފެށިގެންނެވެ. ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލު ތަސްދީގުކުރުމާއެކު، "ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި، ހުކުމް ތަންފީޒުކުރުމަށް ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވެފައިވާ ފަރާތްތަކުގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ" ކަމަށް ސަރުކާރުން ބުނެފައިވާކަން ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހު ޑިސެމްބަރު 2025 ގައި ރައީސް މުއިއްޒު ތަސްދީގުކުރެއްވިއިރު، އެ ގާނޫނުގައި މަސްތުވާތަކެތީގެ ކުށްތަކަށް މަރުގެ އަދަބު ހިމެނޭހެން ހަރުކަށި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ. ބަޔާނުގައި ބުނެފައިވަނީ، "އުމުރަށް ޖަލަށްލުމަށް ނުވަތަ މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށްތަކަކީ އެއްވެސް ހާލަތެއްގައި މައާފު ދެވޭނެ ކުށްތަކެއް ނޫން ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ