މަޖީދިއްޔާއަށް 99 އަހަރު: 'މިއީ ނަމޫނާ ސްކޫލަކަށް ވާންޖެހޭނެ'

މަޖީދިއްޔާއަށް މިއަދު 99 އަހަރު ފުރުނު އިރު، މިއީ ރާއްޖޭގެ އެހެން ސްކޫލުތަކުން ބަލާ އަދި ފިލާވަޅު ލިބިގަންނަ ނަމޫނާ ސްކޫލަކަށް ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ފުރަތަމަ ފިރިހެން ދަރިވަރުންގެ ސްކޫލުގެ ގޮތުގައި އުފެދިގެން އައި މަޖީދިއްޔާއަށް 99 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު އެ ސްކޫލުގައި ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފަ އެވެ. ތައުލީމީ ދާއިރާގެ އިސްވެރިންނާއި ދަރިވަރުން ބައިވެރިވި މި އެސެމްބްލީގައި މިނިސްޓަރު ވަނީ އެ ސްކޫލަށް ނަސޭހަތްތަކެއް ވެސް ދެއްވާފަ އެވެ.
ބުނީ ކީކޭ؟ - ޝަފީއު ވިދާޅުވި ގޮތުގައި ތައުލީމީ މި ބިނާ، މިހާ ހަމައަށް ވާސިލްވެފައި އޮތީ ވަރަށް ގިނަ ބައެއްގެ މަސައްކަތުންނެވެ. އެކަމަކު ޓެކްނޮލޮޖީއާ އެކު ދުނިޔެ ބަދަލުވަމުން އަންނައިރު، ތައުލީމު ކުރިއެރުވުމަށް ދެން ކުރަން ޖެހޭ މަސައްކަތް އަދި މާބޮޑު ކަމަށް ވިދާޅުވި އެވެ. އެގޮތުން:
ރަސްމީ ތައުލީމީ ނިޒާމު ކުރިއަރުވައި، ދެން އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަށް މަޖީދިއްޔާ ވާން ޖެހޭނީ ރޯލްމޮޑެލް ސްކޫލަކަށް
އާ ކަންކަން ތައާރަފްކޮށް، އެހެން ސްކޫލުތަކުން ބަލާ، ގިނަ ފިލާވަޅުތަކެއް ހާސިލް ކުރާތަނަކަށް ވާން ޖެހޭނެ
"މި ފަދަ ސްކޫލަކަށް މަޖީދިއްޔާ ވާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަޖީދިއްޔާއަށް 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ބިނާއެއް އެޅުމަށް 2024 ވަނަ އަހަރު ވަނީ ނިންމާފަ އެވެ. 'ސައްތަވީ ބިނާ' ކިޔާ މި އިމާރާތް އަޅަނީ، ސްކޫލުގެ ހުޅަނގު ފަރާތުގައި، ޕާކިން އޭރިއާ އޮތް ތަނުގަ އެވެ.
މިނިސްޓަރު ވިދާޅުވީ މި ހާއްސަ ބިނާ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އަންނަ އަހަރުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ