މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި 2 މީހުން ހައްޔަރުކޮށްފި

ރާއްޖެއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެ އަންހެނަކު ހައްޔަރުކޮށް، ވަނަވަރު އާންމުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ފުލުހުން މިއަދު ބުނި ގޮތުގައި:
އަލްޔާ ޝަރްސާ ނަސީރު، 25، ގ. މުތީގެއާގެ
އާމިނަތު ރޫނާ، 29، ބިޖިލީއުފާ/ކ. ތުލުސްދޫ
ތަފްސީލް - ފުލުހުން ބުނީ މި ދެ މީހުން ހައްޔަރު ކުރީ ވައިގެ މަގުން ރާއްޖެއަށް ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ދެ މީހުންގެ ތެރެއިން އަލްޔާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ކަސްޓަމްސް އިން އޭނާ ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ފުލުހުން ބުންޏެވެ.
ރޫނާ  ހައްޔަރުކުރީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ