ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރަކަށް ޝިޔާމް

މިހާރު ކެބިނެޓަށް ގެންނަމުން އަންނަ ބަދަލުތަކުގެ ތެރެއިން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރުގެ މަގާމަށް އަހްމަދު ޝިޔާމް މިއަދު އައްޔަންކޮށްފި އެވެ.
ވީ ކިހިނެއް؟ - ޝިޔާމް ކުރިން ހުންނެވީ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް ކެބިނެޓު އަލުން އެކުލަވާލުމުގެ ތެރެއިން އެ މިނިސްޓްރީގެ މޭންޑޭޓު ބަދަލުކޮށް، އެގްރިކަލްޗާ ވަނީ ހިމަނާފަ އެވެ.
ތަފްސީލު - ކެބިނެޓު އަލުން އެކުލަވާލީ، 10 މިނިސްޓަރުން އިއްޔެ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެ ވަޒީރުން އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ.
މިނިސްޓަރުންގެ އިސްތިއުފާއާ ގުޅިގެން ރައީސް މުއިއްޒު ވަނީ ބައެއް މިނިސްޓްރީތައް އެއްކޮށްލައްވައި މިނިސްޓަރުންގެ އަދަދު 15އަށް މަދުކުރައްވައި ކެބިނެޓު އަލުން އެކުލަވާލައްވާފަ އެވެ. އަދި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޭގެ ތެރެއިން 12 މިނިސްޓަރުން ވަނީ މަގާމުގެ ހުވާ ކުރައްވާފަ އެވެ. އެއީ:
ހީނާ ވަލީދު - މިނިސްޓަ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު
އަލީ ޝަރީފް - މިނިސްޓަ އޮފް ކްލައިމެޓް ޗޭންޖު، އެންވަޔަރްމެންޓް އެންޑް އެނާޖީ
އިރުތިޝާމް އާދަމް - މިނިސްޓަ އޮފް ފޮރިން އެފެއާޒް
ގީލާ އަލީ - މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ
މޫސާ ޒަމީރު - މިނިސްޓަ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް
އަލީ އިހުސާން - މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ
ޑރ. އިސްމާއީލް ޝަފީއު - މިނިސްޓަ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
މުހައްމަދު ސައީދު - މިނިސްޓަ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް
ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު - މިނިސްޓަ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމެންޓް
މުހައްމަދު އަމީން - މިނިސްޓަ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން
ޑރ. އަބްދުﷲ މުއްތޮލިބު - މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް
އަބްދުﷲ ރާފިއު - މިނިސްޓަ އޮފް ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް
ހުސްކޮށް އޮތް ޑިފެންސް މިނިސްޓަރުކަމުގެ މަގާމަށް އަދި އެއްވެސް ބޭފުޅަކު އައްޔަނެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ