”ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއް؛ އެއީ މަރުވުމަށް ފަހުވެސް، ސަވާބު ލިބިލިބި ހުންނާނޭ ކަމެއް“

ލޭހަދިޔާ ކުރުމަކީ ދެމިގެންވާ ޞަދަޤާތެއް ކަމުގައި ޢިލްމުވެރިން ވިދާޅުވާކަން ހާމަކޮށް ލޭ ހަދިޔާ ކުރެވޭ ޙާލުގައި ތިބި މީހުން އެކަން ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސް ކޮށްފިއެވެ. 
ލޭ ހަދިޔާ ކުރުމަކީ ޞަދަޤާތެއް މައުލޫއަށް މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ، މާތް اللهގެ އަޅުތަކުންނަށް އެހީތެރިވުމާއި، ފައިސާއާއި މުދަލުން ހޭދަކުރުމާއި ޞަދަޤާތްކުރުމަކީ، ދަރުމަހުރި ކަންކަން ކަމަށެވެ.
އެންމެ ކުޑަމިނުން އުފާވެރި މޫނަކާއިގެން ބައްދަލުކޮށް، ހެޔޮ ބަހެއް ބުނުމީ ވެސް ކުރެވޭ ޞަދަޤާތެކެވެ. ބައެއް ހެޔޮ ޢަމަލުތަކުގެ ސަވާބު އެތައް ގުނައަކަށް އިތުރުވެއެވެ. އޭގެ ތެރޭގައި މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ޓަކައި އަމިއްލަ ހަށިގަނޑުގައި ހުރި ލޭ ހަދިޔާކުރުމަކީ ޞަދަޤާތެކެވެ. ތިމާއަށް ކޮށްލެވޭ މި ފަދަ ހޭދައެއްގެ ސަބަބުން ނިޢުމަތްތަކުން ފުރިގެންވާ ސުވަރުގެ ވަނުމުގެ ނަޞީބު ލިބެއެވެ.
ހުކުރު ޚުތުނާ
މިއާއެކު ޚުޠުބާގައި ބުނީ، މާތް اللهގެ އަޅުތަކުންނަށް ޖެހޭ ބޭނުންތައް ފުއްދައިދީ، ޖެހޭ ބޮޑެތި ކަންކަމުގައި މިއަދު އެހީތެރިވުމަކީ، އާޚިރަތް ދުވަހުން އުފުލާންޖެހޭ ބޮޑެތި މުޞީބާތްތަކުން ދިންނަވާނޭކަމެއް ކަމަށެވެ. 
ލޭ އަޅާން ބޭނުންވާ ޙާލަތްތަކުގައި، ބަލި މީހަކަށް އަޅާން ބޭނުންވާ ލޭ ހަދިޔާކޮށްދިނުމަކީ، އޭނާގެ ފުރާނަ ސަލާމަތްކޮށްދިނުން ފަދަ ކަމެއްކަން ފާހަގަކޮށް ޚުތުބާގައި ވަނީ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ ަސަވާބާއި އަޖުރުގެ މައްޗަށް އަލިއަޅުވާލާފައެވެ.
ޚުތުބާގައި އިތުރަށް ބުނީ، މިއަދު ދިވެހިރާއްޖޭގެ ބުލަޑުބޭންކުތައް، ލޭހަދިޔާކުރާނެ މީހުންނަށް ބޭނުންވެފައިވާ ކަމަށެވެ. އަދި މީހަކު ހަދިޔާކުރާ ލެއަކީ، އެހެން މީހެއްގެ ފުރާނަސަލާމަތްވުމުގެ ސަބަބަކަށް ވެއްޖެ ނަމަ ނުހަނު ގިނަ ސަވާބާއި ދަރުމައާ ލިބޭނެ ކަމަށެވެ.
އެންމެ މީހެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ އެތައްބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމެވެ. ވީމާ ދަރުމަހުރި، އިންސާނިއްޔަ މި ޢަމަލާއިގެން ކުރިއަށްދިއުމަށް ގޮވައިލަމެވެ! ޝަރުޢީ އަދި ޞިއްޙީ ހަމަތަކުގެ މަތީން ލޭ ހަދިޔާކުރުމަށް ޝަރުޠުހަމަވާ އެންމެން މި ކަމުގައި ބައިވެރިވާށެވެ! ލޭހަދިޔާކުރުމަކީ ދެމިގެންވާ ޞަދަޤާތެއްކަމުގައި ޢިލްމުވެރީން ދެކެވަޑައިގަނެއެވެ. އެއީ އިންސާނާ މަރުވުމަށް ފަހުގައި ވެސް، އެ ޞަދަޤާތެއްގެ ހެޔޮ އަސަރު ދެމިހުރިހައި ހިނދަކު، ޞަދަޤާތްކުރި މީހާއަށް ސަވާބު ލިބިލިބި ހުންނާނޭ ކަމެކެވެ.
ޚުތުބާ
މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ. (إِذَا مَاتَ الْإِنْسَانُ اِنْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ: إِلَّا مِنْ صَدَقَةٍ جَارِيَةٍ، أَوْ عِلْمٍ يُنْتَفَعُ بِهِ، أَوْ وَلَدٍ صَالِحٍ يَدْعُوْ لَهُ) މާނައީ: "އިންސާނާ މަރުވުމަށް ފަހު ތިން ކަމަކުން ފިއަވައި އޭނާއަށް ސަވާބެއް ނުލިބޭނެތެވެ. ދެމިގެންވާ ޞަދަޤާތަކުންނާއި، ފައިދާކުރަނިވި ޢަމަލަކުންނާއި، އޭނާއަށް ޓަކައި ހެޔޮ ދުޢާކުރާ ދަރިއެއްގެ ކިބައިން ފިއަވައެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ