ޓެރިފް ނަގަން ޓްރަމްޕް، އެމެރިކާގެ ސުޕްރީމް ކޯޓާ ވެސް ދެކޮޅަށް

ވޮޝިންޓަން (21 ފެބްރުއަރީ 2026): އަދަބު ދިނުމުގެ ގޮތުންނާއި އެމެރިކާއަށް ލިބޭ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އެކި ލެލެވްގައި އެޅި ޓެރިފްގެ ފިޔަވަޅުތަކަކީ އޭނާ އެޅުއްވި ޣައިރު ގާނޫނީ ފިޔަވަޅުތަކެއްކަމަށް އެމެރިކާގެ ސްޕްރީމް ކޯޓުން ނިންމައިފިއެވެ. އެމެރިކާގެ ސްޕްރީމް ކޯޓުން މިމައްސަލަ އެތައް މަހެއްވަންދެން ބެލުމަށްފަހު އެކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން އިއްޔެ ނިންމާފައިވަނީ އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އެޅި ފިޔަވަޅުތަކަކީ ކޮންގްރެސް ގެ ހުއްދަނެތި އެމެރިކާގެ ރައީސަކަށް އެޅުއްވޭނެ ފިޔަވަޅުތަކެއް ނޫންކަމުގައެވެ. އަދި ކޮންގްރެސް ގެ ހުއްދަނެތި އެމެރިކާގެ ރައީސަކު އަޅުއްވާ މިފަދަ ފިޔަވަޅުތަކަކީ ގާނޫނީ ގޮތުން ހުއްދަވާނެ ފިޔަވަޅުތަކެއްވެސް ނޫންކަމަށާ އެއީ ބާތިލް ފިޔަވަޅުތަކެއް ކަމުގައެވެ. ޓްރަމްޕް ދުނިޔޭގެ ގައުމުތަކުގެ މުދަލާދެކޮޅަށް ޓެރިފްގެ ފިޔަވަޅުތައް އެޅުއްވީ އެމެރިކާގެ ގާނޫނެއްކަމަށްވާ އިންޓަނޭޝަނަލް އެމަޖެންޖީ އެކޮނޮމިކް ޕަވަރސް އެކްޓް (އައިއީއީޕީއޭ)ގެ ދަށުން އޭނާއަށް މިކަމަށް ފުރުސަތު ލިބޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ސްޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ "އައިއީއީޕީއޭ" ގާނޫނުގެ ދަށުން އެމެރިކާގެ ރައީސަށް ޓެރިފްގެ ފިޔަވަޅުތައް ޓްރަމްޕް އެޅުއްވި ގޮތަށް އެޅުމުގެ ބާރު ލިބިވަޑައިނުގަންނަވާ ކަމަށެވެ. މި ގާނޫނުގެ ދަށުން ލިބެނީ އިމާޖެންސީ ކަންކަމުގައި ވަރަށް ކުޑަގޮތަކަށް ޓެރިފްގެ ފިޔަވަޅު އެޅުމުގެ ވަގުތީ ބާރެކެވެ. ދާއިމީ ގޮތަކަށް އަދި އެކި ގައުމަށް އެކި މިންވަރަށް ޓެކްސްއާއި ޓެރިފް ކަނޑައެޅޭނީ އެކަމަށް ހުއްދަ ލިބޭ ބިލެއް ކޮންގްރެސް އިން ފާސްކޮށް ރައީސް އެބިލް ތަސްދީގު ކުރައްވައިގެން ކަމުގައެވެ. ސްޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ކޯފާވެފައިކަމަށް ޚަބަރުތައް ބުނެއެވެ. މިއީ އޭނާގެ ރިޔާސީ ބާރު ކަނޑުވާލުމަށް ސްޕްރީމް ކޯޓުން އެޅި ފިޔަވަޅެއްކަމަށް ސިފަކުރައްވައި ޓްރަމްޕް ވައިޓް ހައުސް ތެރޭގައި އިއްޔެ ވަރަށް ބޮޑަށް ހަޅޭލައްވައި އަޑުގަދަކުރެއްވި ކަމަށް ވެއެވެ. މީގެއިތުރުން އެމެރިކާގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕް ވަރަށް ހުތުރު އިބާރާތުން ފާޑުވިދާޅުވެ އަދިވެސް އޭނާއަށް ކުރެވޭނެ ކަންކަން އެބަހުރިކަމުގެ އިންޒާރު ދެއްވިކަމަށް ވެއެވެ. ސްޕްރީމް ކޯޓުގެ މި ނިންމުމާ ގުޅިގެން ޓެރިފްގެ މައްސަލާގައި ދެން ޓްރަމްޕް ނިންމަވާ ނިންމެވުންތައް އެމެރިކާގެ ކަމާބެހޭ މުއައްސަސާތަކުން ތަންފީޒު ނުކުރާނެކަމަށް ވެއެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ މި ނިންމުމުން ޓްރަމްޕްގެ ވިޔަފާރި ސިޔާސަތަށް މިވަނީ ބޮޑު ހުރަސްތަކެއް ކުރިމަތިވެފައިކަމަށް މުރާސިލުން ބުނެއެވެ. ދުނިޔޭގެ ގައުމުތަކުގެ އުފެއްދުންތަކާ ދެކޮޅަށް ޓްރަމްޕް އެޅުއްވި ޓެރިފްތަކުގެ ސަބަބުން އެމެރިކާގެ ބާޒާރުތަކުގައި އިންތިހާއަށް ތަކެތީގެ އަގުތައް ބޮޑުވެފައިވީނަމަވެސް ޓެރިފްގެ ގޮތުގައި އެމެރިކާ ސަރުކާރަށް 175 ބިލިޔަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. މިއީ އެމެރިކާގެ ބާޒާރުތަކުން ވިޔަފާރި ކުރި މީހުންގެ އަތުން ލިބިފައިވާ ފައިސާއެވެ. މިފައިސާ ޓެރިފްނެގި ގައުމުތަކަށް އަނބުރައި ދޭނީތޯ ނޫނީ އެމުދަލުން ވިޔަފާރި ކުރި ފަރާތްތަކަށް ދޭނީތޯ މިކަމާމެދު ސްޕްރީމް ކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ. ޓްރަމްޕް އެންމެ ފަހުން ވިދާޅުވިގޮތުގައި އެމެރިކާއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ގާނޫނާ އެގޮތަށް އޭނާއަށް އެޅޭނެ ފިޔަވަޅުތައް އަދިވެސް އެބަހުއްޓެވެ. އެއަށްފަހު އޭނާ ޓްރުތް ސޯޝަލްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ އެމެރިކާއާއެކު ވިޔަފާރިކުރާ ހުރިހާ ގައުމެއްގެ މުދަލާ ދެކޮޅަށް (އެއްވެސް ގައުމެއް އިސްތިސްނާ ނުވާގޮތަށް) 10 އިންސައްތައިގެ ޓެރިފްގެ ފިޔަވަޅުތަކެއް އެޅުމަށް އޭނާ ނިންމަވާފައިވާ ކަމުގައެވެ. މިކަން ތަންފީޒުކުރުމުގެ އަމުރެއްގައި ވަރަށް އަވަހަށް ސޮއިކުރައްވާނެކަމަށްވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޓެރިފްގެ މިންވަރު 10 އިންސައްތައަށް ވުރެ މަތިނުވާ ގޮތަކަށް ހުރިހާ ގައުމެއް ހަމަމަވާގޮތަށް އިމަޖެންސީ ހާލަތެއްގައި 10 އިންސައްތައިގެ ނޫނީ އެއަށްވުރެ ދަށުގެ ޓެރިފްގެ ފިޔަވަޅު އެޅުމުގެ ބާރު "އައިއީއީޕީއޭ" ގާނޫނުގެ ދަށުން ޓްރަމްޕަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް އެކި ގައުމުތަކަށް އެކި މިންވަރަށް އަދި 10 އިންސައްތައަށް ވުރެ މައްޗަށް ޓްރިފްގެ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމެރިކާގެ ރައީސަށް ލިބިވަޑައި ނުގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ