ޣައްޒާގެ ގަތުލުއާންމުގައި އިސްރާއީލަށް އެހީތެރިވުމަށް ޔޫއޭއީން ހުށަހެޅިކަން ހާމަވާ ލިޔުންތަކެއް ލީކުވެއްޖެ

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާއްމުގައި އެ އިސްރާއިލަށް ސީދާ އަސްކަރީ، ޖާސޫސީ އަދި ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ޔޫއޭއީގެ ސަރުކާރުން ރަތްކަނޑުގައި ހުންނަ އެ ގައުމުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމަށް ހުށަހެޅިކަން އިމިރޭޓްސް ލީކްސްއަށް ލިބިފައިވާ ސިއްރު ލިޔުންތަކަކުން ހާމަވެއްޖެއެވެ. 
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތާރީޚެއް ޖަހާފައިވާ މި ލިޔުމަކީ ޔޫއޭއީގެ ހަތިޔާރު އެޅި ފައުޖުތަކުގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑަށް އެޑްރެސްކޮށް، އަލް-ޛަފްރާ ސަރަހައްދުގެ މަންދޫބު އަދި ޔޫއޭއީ ރެޑް ކްރެސެންޓްގެ ޗެއާމަން ހަމްދާން ބިން ޒައިދު އަލް ނަހްޔާން ފޮނުއްވާފައިވާ ލިޔުމެކެވެ.
މި ލިޔުމުގައި ވާގޮތުން، އިސްރާއީލަށް ދިން ހަމަލާތަކާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ އެއްބަސްވުންތަކުގެ ދަށުން އިސްރާއީލަށް އެހީތެރިވުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރަތްކަނޑުގެ ދެކުނުގައިވާ ޔަމަނުގެ އަލް-މޯކާ އާއި، އެރިތުރިއާގެ މަސާވާ އަދި އައްސަބުގެ އިތުރުން ސޯމާލިއާގައި ހުރި ޔޫއޭއީގެ އަސްކަރީ މަރުކަޒުތައް މެދުވެރިކޮށް އިސްރާއީލަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ބަލިކުރެވެންދެން އިސްރާއީލަށް ދޭ އެހީތެރިކަން ކުރިއަށް ގެންދިއުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. އަދި ޖާސޫސީ މައުލޫމާތު ހިއްސާކުރުމާއި، އެއް ބިލިއަން ޑޮލަރުގެ ޖާސޫސީ އާލާތްތައް އިސްރާއީލަށް ފޯރުކޮށްދިނުމަށްވެސް އެއްބަސްވެވުނުކަން މި ލިޔުމުން ކަށަވަރުކޮށްދެއެވެ.
މި ލިޔުމުގައި ގަތަރުން ހަމާސްއަށް ދޭ އެހީތެރިކަމަށް ފާޑުކިޔާފައިވާއިރު، ކުވެއިތުންވެސް ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތުކޮށްފައިވެއެވެ. މިއީ ޔޫއޭއީގެ ސިޔާސަތުތަކާ ފުށުއަރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.
ޔޫއޭއީއާއި އިސްރާއީލާ ދެމެދު 2020 ވަނަ އަހަރު ސޮއިކުރި 'އަބްރަހަމް އެކޯޑްސް' އަށްފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. 2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔޫއޭއީއާ ގުޅުންހުރި ކުންފުންޏަކުން ވަނީ 17.1 މިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް އެކްސްޕޯޓްކޮށްފައެވެ. މި ހަތިޔާރުތަކަކީ ޣައްޒާގެ ގަތުލުއާންމުގައި ސީދާ ބޭނުންކުރަމުންދާ ތަކެތިކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، ޔޫއޭއީގެ ދައުލަތުގެ ދިފާއީ ކުންފުނި 'އެޖް' (EDGE) ގައި އިސްރާއީލުގެ ބޮޑެތި ހަތިޔާރު އުފައްދާ ކުންފުނިތަކުގެ ހިއްސާ އޮންނަ އިރު، އިސްރާއީލުގެ މޮސާޑްގެ ކުރީގެ އިސްވެރިއަކު އުފައްދާފައިވާ 'އެކްސްއެމް ސައިބަރ' ފަދަ ކުންފުނިތަކާއެކުވެސް ޔޫއޭއީން ދަނީ އަސްކަރީ އަދި ސަލާމަތީ މަސައްކަތްތައް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ