ފަރަންސޭސި ސަރުކާރުން ވިންޑޯޒް ދޫކޮށް ލިނަކްސްއަށް ބަދަލުވަނީ

ފަރަންސޭސިވިލާތުގެ ސަރުކާރުގެ މުއައްސަސާތަކުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތަކުގައި ބޭނުންކުރާ "ވިންޑޯޒް" އޮޕަރޭޓިންގ ސިސްޓަމް ދޫކޮށް، އޯޕަން ސޯސް ސޮފްޓްވެއާއެއް ކަމަށްވާ "ލިނަކްސް" އަށް ބަދަލުވާން ނިންމައިފިއެވެ. މިއީ އެމެރިކާގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ބަރޯސާވުން ކުޑަކުރުމަށް ޔޫރަޕްގެ ގައުމުތަކުން ފަށާފައިވާ ބޮޑު ކެމްޕޭނެއްގެ ބައެކެވެ. ފަރަންސޭސިވިލާތުގެ އިންޓަ-މިނިސްޓީރިއަލް ޑިޖިޓަލް ޑައިރެކްޓަރޭޓް އިން ވަނީ ސަރުކާރުގެ ނިޒާމުތަކުން ވިންޑޯޒްގެ އިތުރުން މައިކްރޯސޮފްޓް އޮފީސް، ޒޫމް އަދި ގޫގުލް ޑޮކްސް ފަދަ އެމެރިކާގެ ސޮފްޓްވެއާތައް އުނިކުރުމަށް ރޯޑްމެޕެއް އެކުލަވާލާފައެވެ. https://sun.mv/172518 މި ބަދަލުގެ ދަށުން ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް އަންނަ އޮޓަމް މޫސުމުގެ ނިޔަލަށް، ބޭރުގެ ސޮފްޓްވެއާތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ރަސްމީ ޕްލޭންތައް ހުށަހަޅަން ޖެހެއެވެ. މި އިސްނެގުމުގެ ދަށުން ފަރަންސޭސިވިލާތުން ބޭނުންކުރަން ނިންމާފައިވާ ބައެއް ވަސީލަތްތަކުގެ ތެރޭގައި މެސެޖު ކުރުމަށް ބޭނުންކުރާ "ޗެޕް"، ވީޑިއޯ ކޮންފަރެންސް ހެދުމަށް ބޭނުންކުރާ "ވިޒިއޯ" އަދި ފައިލް ފޮނުވުމަށް ބޭނުންކުރާ "ފްރާންސް ޓްރާންސްފާ" ހިމެނެއެވެ. މިއީ ހުސް ފަރަންސޭސިވިލާތުގެ އަމިއްލަ އުފެއްދުންތަކެވެ. ޔޫރަޕްގެ ގައުމުތަކުން މިފަދަ ބޮޑު ބަދަލަކަށް މިދަނީ "ޑިޖިޓަލް ސޮވެރެންޓީ" ނުވަތަ ޑިޖިޓަލް މިނިވަންކަން ހޯދުމުގެ މަގްސަދުގައެވެ. ފަރަންސޭސިވިލާތުގެ އިތުރުން ޖަރުމަނުވިލާތުގެ ބައެއް ސްޓޭޓްތަކުން ވެސް މިހާރު ވަނީ މައިކްރޯސޮފްޓްގެ އުފެއްދުންތަކުގެ ބަދަލުގައި "ލިބްރޭ އޮފީސް" ފަދަ ވަސީލަތްތައް ބޭނުންކުރަން ފަށާފައެވެ. މި ނިންމުމަކީ އެޕަލް، މައިކްރޯސޮފްޓް އަދި ގޫގުލް ފަދަ އެމެރިކާގެ ބޮޑެތި ކުންފުނިތަކުން ޔޫރަޕްގެ ޑޭޓާތަކުގެ މައްޗަށް ބާރުފޯރުވުން ހުއްޓުވުމަށާއި، ސައިބާ ސެކިއުރިޓީ ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ. މި މަޝްރޫޢާ ގުޅޭގޮތުން ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރުމަށް ބާއްވާ ފުރަތަމަ ބައްދަލުވުންތައް އަންނަ ޖޫން މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ