ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނަަށް ގެނައި އިސްލާހާއި ކައުންސިލަރުންގެ އަދަދު މަދުކުރަން ގެނައި އިސްލާހުތައް ހިމެނޭހެން މި ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކަށް ޖުމްހުރީ ޕާޓީ (ޖޭޕީ)ން ތާއީދުކުރާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ލާމަރުކަޒީ ގާނޫނާއި ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނެސްފައިވާ އިސްލާހުގެ ސަބަބުން، އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބުކުރާ ކައުންސިލަރުންގެ އަދަދު ވަނީ މަދުވެފަ އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހަށް އެމީހަކު އިންތިހާބުވާ ޕާޓީން ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ގޮނޑިގެއްލޭގޮތަށް ވެސް ގާނޫނު ވަނީ އިސްލާހުކޮށްފަ އެވެ.
މީގެ އިތުރުން، މީޑިއާތަކުންނާއި ނޫސްވެރިން އަދި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުން ދެކޮޅު ހަދަމުންދަނިކޮށް އަވަސް އަރުވާލައިގެން މަޖިލީހުން ފާސްކޮށް، ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި މީޑިއާ ކޮންޓްރޯލު ބިލަށް ތާއީދުކޮށް ވެސް ގާސިމް ރޭ ވާހަކަދެއްކެވި އެވެ.
ތަފްސީލް - ކައުންސިލް އިންތިހާބުގެ ކެމްޕޭން ލޯންޗުކުރަން ރޭ ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފުރަތަމަ ގާސިމް ވިދާޅުވީ، ޔުނިޓަރީ ދައުލަތެއްގެ ސިފަތައް ފަހަނައަޅާ ގާނޫނުތައް ބަދަލެއް ނުކުރެވޭނެ ކަމަށާއި ކޮންމެ މީހަކު ލަފާދީގެން ބަދަލުކުރިޔަސް އަދި ތަސްދީގުުކުރިޔަސް "ނުބައެއްވާނީ ނުބަޔަކަށް" ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް 15ވަރަކަށް އިސްލާހު މިހާރު ވެސް ހުށަހަޅައިފި ކަމަށާއި އެކަމަށް "ކޮޅެއް މެދެއް ނެތް" ކަމަށް ވެސް ވިދާޅުވި އެވެ. އަދި "ކުޅޭ ކުޅިގަނޑަކަށް" އެކަން ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު ފަހުން މިވާހަކަތަކާ އިިދިކޮޅަށް ވާހަކަތައް ބައްޓަންކުރެއްވާ ގާނޫނުތަކަށް މި ސަރުކާރުން ގެނައި ބަދަލުތަކަށް ތާއީދުކުރައްވާ، ގާނޫނުއަސާސީ އިތުރަށް އިސްލާހުކުރެއްވުމަށް ހިތްވަރުދެއްވި އެވެ.
އެގޮތުން މާމިގިލި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ' ގާސިމް ވިދާޅުވީ، އެކަންކަމަށް ތާއީދުކުރަނީ ސިޔާސީ ގޮތުންނާއި އިޖުތިމާއީގޮތުން އަދި އިގްތިސާދީ ގޮތުން ވެސް އިތުރު ހަލަބޮލިކަމެއް ރާއްޖޭގައި ހިނގުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. ގާސިމް ވިދާޅުވީ:
ރައީސް މުހައްމަދު މުއިއްޒަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެއްވެސް މީހަކަށް އެފަދަ ކަމެއް ކުރުމުގެ ފުރުސަތު ނުދެއްވާށޭ؛ ބޭނުންނެތް އަނގަތެޅުމުގެ ފުރުސަތު ވެސް އެއްވެސް މީހަކަށް ނުދެއްވާށޭ
ގާނޫނުގައި ހުރި އިންތަކާ މިންތައް މާތްވެގެންވާ އިސްލާމުދީނުގައި ހުރި އިންތަކާއި މިންތައް ހިފަހައްޓަވާށޭ؛ އެއީ މަނިކުފާނަށް ލާޒިމުކަމެކޭ
އެކަން ނުކުރައްވައިފިނަމަ ހުރިހާ އެއްޗެއް އަތުން ގެއްލިގެންދާނެ
"އެހެންވީމާ ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް އަންނަން އެބަޖެހޭ. ރައީސް މުއިއްޒަށް ކެރިވަޑައިގަންނަވަންޏާ އެކަން ކުރައްވާ. ދިވެހި ގައުމަށް އިހުލާސްތެރިވުމުގެ ވިސްނުން އޮތިއްޔާ މޫނަކަށް ކަދުރާއަކަށް ބެލުމެއްނެތި އެކަން ކުރައްވާ. ހަޅޭލެއްވިޔަ ނުދެއްވާށޭ ހިމާރު ފެލޭހެން، ދޮގުވާހަކަތައް ދައްކައި ނޫސްތަކާ އެއްޗެހި ބޭނުންހާ އެއްޗެއް ލިޔެ، މީޑިއާއިން ލިޔެ، މީހުން އޮރިޔާން ބާލަން ޖާގަދެއްވައިގެން ނުވާނެ!. އެއީ މަދަނީ ކުށެއް ނޫނޭ. އެއީ ޖިނާއީ ބޮޑު ކުށެެއް!" ހިތްހަމަ ޖެހިވަޑައިނުގަތް ހުންނަވާ ގާސިމް ވިދާޅުވި އެވެ.
އިންތިހާބުތައް ވެސް ނީލަމަކަށް ވެފައިވާކަން ފާހަގަކުރައްވާ ގާސިމް އިތުރަށް ވިދާޅުވިގޮތުން، ކުރިޔަށް އޮތް ކައުންސިލް އިންތިހާބުގައި މާމިގިލީ ދާއިރާ ފިޔަވައި ހުރިހާ ދާއިރާތަކުގައި ޕީއެންސީއަށް ތާއީދުކުރަން ނިންމެވީ ވެސް ސަރުކާރުން ގާނޫނުތަކަށް ގެންނަމުންދާ އިސްލާހުތަކަށް ތާއީދުކުރައްވާތީ ކަމަށެވެ.
އަންނަ ކައުންސިލް އިންތިހާބުގައި އިިދިކޮޅަށް ވޯޓުދީގެން ކުރެވޭނީ ކޮން ކަމެއްތޯ ވެސް ގާސިމް ސުވާލުކުރެއްްވި އެވެ. އެ އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދިނަސް، ރައީސް މުއިއްޒު ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ވެރިކަމުން ނުބޭލޭނެ ކަމަށާއި އެހެންވީމާ ބޭކާރު ކަމެއް ކުރަނީ ކީއްކުރަންތޯ ގާސިމް ސުވާލުކުރެއްވި އެވެ. ރައްޔިތުންނަށް ކަމެއްކޮށްދެން ބޭނުންވަންޏާ ޕީއެންސީ ކައުންސިލަރުން ހޮވައިގެން ނޫނީ ކުރިއަށް އޮތް ތިން އަހަރު އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އެހެންވީމާ ރައްޔިތުން ވިސްނަންވީ. [ކައުންސިލްތަކުގެ އިންތިހާބުގައި] ޕީއެންސީ ނޫން އެހެން ބަޔަކަށް ވޯޓުދީގެން މިއަންނަ ތިން އަހަރު ތިބޭފުޅުންނަށް ކުރެވޭނީ ކޮން ކަމެއްތޯ؟ ދައުލަތުން ބަޖެޓު ދިނިއްޔާ ކަލޭމެނަށް ކަމެއް ކުރެވޭނީ. ނުދިނަސް ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެ،"
"އެހެންވީމާ ރައްޔިތުންނަށް ހެޔޮކޮށް ކަންތައް ކޮށްދެން ބޭނުމިއްޔާ [ކަމެއް ކޮށްދެވޭނީ] ޕީއެންސީ މެންބަރުން ހޮވިއްޔާ. އެހެންނޫނީ ނުކުރެވޭނެ. ދަރަނިތައް އަދާކުރެވޭނީ ވެސް ރައްޔިތުންގެ އެއްބާރުލުން އޮތްކަން ރައީސް މުއިއްޒަށް ދައްކައިގެން،"
މަޖިލިސް ގޮނޑި އަތުލުމާއި ކައުންސިލަރުން މަދުކުރަން ގެނައި އިސްލާހަށް ތާއީދުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ