އީރާނުގެ އާ ސުޕްރީމް ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން މުޖުތަބާ
އީރާނުގެ އާ ސުޕްރީމް ލީޑަރުގެ މަގާމަށް އަވަހާރަކޮށްލާފައިވާ އާޔަތުﷲ އަލީ ޚާމަނާއީގެ ދަރިކަލުން މުޖުތަބާ ޚާމަނާއީ އައްޔަންކޮށްފިއެވެ. އީރާން ރިވޮލިއުޝަނަރީ ގާޑް (އައިއާރުޖީސީ) އާ ގާތް ގުޅުމެއް އޮންނަ ދީނީ އިލްމުވެރިއެއް ކަމަށްވާ މުޖުތަބާ އަކީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކެއްގައި އަވަހާރަކޮށްލި ބައްޕަ، ޚާމަނާއީގެ ފަހުން ދެން ވެރިކަންކުރާނެ ފަރާތް ކަމަށް މީގެކުރިންވެސް އޮތީ ބެލެވިފައެވެ. އީރާނުގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ބޭއްވި ބައްދަލުވުމުގައި އާ ލީޑަރު ކަމަށް މުޖުތަބާ އައްޔަންކުރީ އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ހަމަލާ ދޭތާ ނުވަ ދުވަސް ފަހުންނެވެ. "އުމުރުން 56 އަހަރުގެ މުޖުތާބާ ޚާމަނާއީ އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ މުޤައްދަސް ނިޒާމުގެ ތިން ވަނަ ލީޑަރަކަށް އައްޔަންކޮށް މި ތައާރަފްކުރަނީ ދީނީ އިލްމުވެރިންގެ އިއްޒަތްތެރި މެންބަރުންގެ ވޯޓަށް ރިއާޔަތްކޮށް." ދީނީ އިލްމުވެރިންގެ މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި ޝައިތާނީ ޒަޔަނިސްޓުންނާއި މުޖުރިމު އެމެރިކާގެ އަނިޔާވެރިކަމަށް ޖެހިލުމެއް ނެތި، އާ ލީޑަރަކު އައްޔަން ކުރުމުގައި އެންމެ މިނެޓެއްވެސް ފަސް ޖެހުމެއް ނެތް ކަމަށް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އީރާނުން އާ ލީޑަރަކު އައްޔަންކޮށްފައިވާއިރު، މުޖުތަބާއަކީ "އެެއްވެސް ބަރުދަނެއް" ނެތް ބޭފުޅެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި އާ ލީޑަރަކު އައްޔަންކުރުމުގައި އޭނާ ޝާމިލުކުރަން ޖެހޭނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެެމެރިކާގެ ރުހުން ނުލިބޭނަމަ، މާގިނަ ދުވަހު ވެރިކަމުގައި ނުހުރެވޭނެ ކަމަށްވެސް އީރާނުން އާ ލީޑަރު ރަސްމީކޮށް އިއުލާނުކުރުމުގެ ކުރިން އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވިދާޅުވިއެވެ. ނަމަވެސް ލީޑަރަކު ކަނޑައެޅުމަކީ ހަމައެކަނި އީރާނަށް އޮތް ބާރެއް ކަމަށާއި ޓްރަމްޕް ޝާމިލުކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވެ އީރާންގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ ރައްދު ދެއްވާފައެވެ. އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލާރިޖާނީ ވިދާޅުވީ މިހާރު އޮތް ނާޒުކު ހާލަތުގައި މުޖުތަބާއަށް ގައުމު ހިންގޭނެ ކަމަށާއި އާ ލީޑަރަށް އެއްބާރުލުން ދިނުމަށް ގޮވާލައްވާފައެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވެސް ވަނީ އާ ލީޑަރަށް ފުރިހަމަޔަށް ކިޔަމަންތެރިވާނެ ކަމަށް އިއުލާނުކޮށްފައެވެ. މުޖުތަބާ ޚާމަނާއީއަކީ ކާކު؟ މުޖުތަބާ އުފަންވެވަޑައިގަތީ 1969 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު އީރާނުގެ އިރުއުތުރުގެ ސިޓީއެއް ކަމަށްވާ މަޝްހާދު އަށެވެ. އޭނާ އަކީ 1989 ވަނަ އަހަރުން ފެށިގެން މީގެ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ކުރިން އެމެރިކާ އާއި އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އަވަހާރަކޮށްލުމަ ހަމައަށް ސުޕްރީމް ލީޑަރެއްގެ ގޮތުގައި އީރާނުގައި ވެރިކަން ކުރެއްވި އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުންގެ އިތުރުން ދީނީ އިލްމުވެރިޔާ ޖަވާދު ޚާމަނާއީގެ ކާފަދަރިފުޅެވެ. އެމެރިކާއާއި އިސްރާއީލުން ޚާމަނާއީ އަވަހާރަކޮށްލަން ދިން އެ ހަމަލާތަކުގައި މުޖުތަބާގެ އަނބިކަނބަލުން ޒަހްރާ ހަދިދް އަދެލް ވަނީ އަވަހާރަކޮށްލައިފައެވެ. އީރާނުގެ ދީނީ އިލްމުވެރިންގެ ތެރޭގައި ތިބި ގިނަ ފަރާތްތަކެކޭ އެއްފަދައިން މުޖުތަބާވެސް ދީނީ ތައުލީމު ހާސިލް ކުރެއްވީ އެ ގައުމުގެ ޝިޔައީ ދީނީ އިލްމުގެ އެންމެ އިސް މަރުކަޒު އަދި އީރާނުގެ ދީނީ އިލްމުވެރިން ތަމްރީނުކުރާ ސެމިނާރީތައް ހުންނަ ޤުމް ސިޓީގައެވެ. އީރާނުގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މުޖުތަބާ އޭނާގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ސެމިނާރީ ތައުލީމުގެ އެންމެ މަތީ ފެންވަރުގެ ގޮތުގައި ބެލެވޭ ދަރުސް-އެ ޚަރޭޖްގެ ނަމުން މަޝްހޫރު އެޑްވާންސް ޖުރިސްޕްރޫޑެންސް ކްލާސްތައް ހިމެނޭ ގޮތަށް ޤުމް ސެމިނާރީތަކުގައި ކިޔަވައިދެއްވުުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ