ސްކޫލުތައް ހުޅުވޭއިރު ބައެއް ޓެކްސްޓް ފޮތްތައް ހަމައެއް ނުވޭ

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންގާރަދުވަހު ފަށާއިރު، ސްކޫލުތަކުގެ ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟- ބައެއް ބެލެނިވެރިންގެ ޝަކުވާތަކަށް ބަލާއިރު ނުލިބެނީ އިސްލާމް އާއި ގުރުއާނާއި ދިވެހި މާއްދާގެ ފޮތްތަކެވެ. އެއީ އާއްމުކޮށް ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އެވެ. ސެކަންޑަރީ ބައެއް ގްރޭޑްތަކަށް އެ މާއްދާތަކުގެ ފޮތްތައް ހަމަވި ނަމަވެސް އެހެން މާއްދާތަކުގެ ބައެއް ފޮތްތައް އަދި މަދު ކަމަށް ވެސް، ބައެއް ބެލެނިވެރިން ބުނެ އެވެ.
"އަޅުގަނޑުގެ ދަރިފުޅަށް އިސްލާމާއި ގުރުއާން އަދި ދިވެހި ފޮތް ލިބުނު. އެހެން އެއްވެސް ޓެކްސްޓް ފޮތެއް ނުލިބޭ،" މަޖީދިއްޔާ ސްކޫލުގެ ގްރޭޑް 10ގެ ބެލެނިވެރިއަކު ބުންޏެވެ.
ޖަމާލުއްދީން ސްކޫލުގެ ޕްރައިމަރީ ދެ ގްރޭޑެއްގެ ބެލެނިވެރިއަކު ބުނީ އޭނާގެ ދެ ކުދިންނަށް ވެސް، ދިވެހި ބަހުން ކިޔަވައިދޭ މާއްދާތަކުގެ ފޮތްތައް އަދި ނުލިބޭ ކަމަށެވެ.
މާލޭގެ އިތުރުން ރަށްރަށުގެ ގިނަ ސްކޫލުތަކުގައި ވެސް ފޮތް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ސްކޫލްތަކަށް ޓެކްސްޓް ފޮތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށާއި ނަމަވެސް ސްކޫލުތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ފޮތްތަކެއް ވެސް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
މި މަހުގެ ކުރީކޮޅު ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޝަފީއު ވިދާޅުވީ ކޮންމެ ރަށަކަށް ވެސް ފޮތްތައް ފޮނުވަނީ، އެ ސްކޫލަކަށް އެ އަހަރަކަށް ވައްދާ ދަރިވަރުންގެ އަދަދަށް ބަލައިގެން ކަމަށެވެ. އަދި ފޮތްތައް ހަމަކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށް ވެސް ވިދާޅުވި އެވެ.
އެ އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ:
ސްކޫލުތަކަށް ފޮތް ފޮނުވުމަށް، ކުރިން ފޮތްތައް ތަރުތީބުކުރީ އަރަބިއްޔާ ސްކޫލުގައި ހުންނަ ބޮޑު ގުދަނެއްގައި
އެކަމަކު އެކަން މިހާރު އަމީނިއްޔާ ސްކޫލަށް ބަދަލުކޮށްފައިވާއިރު ޖާގައިގެ ގޮންޖެހުން ހުރި ކަމަށް
"އެއާ އެކު، މާލޭގެ އުތުރު ބަނދަރު ސަރަހައްދުގެ މަސައްކަތްކުރާތީ ބޯޓުތަކަށް ތަކެތި ފޯރުކުރުމުގެ ދަތިތައް ވެސް އެބަހުރި. މިކަންކަމާ އެކު ވެސް، ސްކޫލު ހުޅުވުމުގެ ކުރިން ފޮތްތައް ހަވާލުކުރާނެ ކަމުގެ %100 ޔަގީންކަން ދެން،" އޭރު މިނިސްޓަރު ވިދާޅުވި އެވެ.
ބައެއް ޓެކްސްޓް ފޮތްތައް ލިބޭނެ ދުވަހަކާ ބެހޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން އަދި ވަކި އެއްޗެކޭ ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ