ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ނުފޫޒު ފޯރުވައިގެން އެއް ފަހަރާ ވެރިކަމާއި މަޖިލީސް ހޯދުމަށް: އަބްދުއްރަހްމާން ދެ އިންތިހާބު އެއްކޮށްލަން އުޅެނީ ނުފޫޒު ފޯރުވައިގެން އެއް ފަހަރާ ވެރިކަމާއި މަޖިލީސް ހޯދުމަށް: އަބްދުއްރަހްމާން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން ބޭނުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށް ނޫން ކަމަށާއި، އެކަމުގެ ނިޔަތަކީ މުޅި ދައުލަތް ބޭނުންކޮށްގެން ވޯޓަށް ނުފޫޒު ފޯރުވައިގެން ވެރިކަމާއި ރައްޔިތުންގެ މަޖިލީސް އެއް ފަހަރާ ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން ވިދާޅުވެއްޖެއެވެ.
ދެ އިންތިހާބު އެއްކޮށްލުމުން ނުކުންނާނެ ފައިދާއެއްގެ ގޮތުގައި ސަރުކާރުގެ މިނިސްޓަރުން އަދި ޕީއެންސީގެ ވެރިން މައިގަނޑު ގޮތެއްގައި ވިދާޅުވަނީ ދައުލަތަށް ހަރަދު ކުޑަވުމުގެ ވާހަކަ އެވެ.
ނަމަވެސް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހްމާން ވިދާޅުވީ، ސަރުކާރުގެ އަސްލު ނިޔަތަކީ ދައުލަތުން 80 މިލިއަން ރުފިޔާ ސަލާމަތް ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދެ އިންތިހާބު އެއްކޮށްލައިގެން ޕާޓީގެ ހަރަދު ކުޑަކުރުމާއި، ސަރުކާރުގެ ނުފޫޒު މުޅި ދައުލަތުގެ ތެރެއިން ވޯޓަށް ފޯރުވުން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ނިޔަތަކީ ދައުލަތަށް 80 މިލިއަން ސަލާމަތް ކުރުމެއް ނޫން. ނިޔަތަކީ ދެ އިންތިހާބު އެއްކޮށް ޕާޓީއަށް ހަރަދު ކުޑަކޮށް މުޅި ދައުލަތް، ވޯޓަށް ނުފޫޒު ފޯރުވަން އަރިކޮށް އޮއްސުން،" އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ލިޔެފައިވެ އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން އޭނާ އިތުރަށް ވިދާޅުވީ، ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކޮށް، ފަސް އަހަރުން އެއްފަހަރު ފެނަކަ އާއި ވެމްކޯ ފަދަ ކުންފުނިތަކުން ވަޒީފާ ބަހައިގެންނާއި ފައިސާ ދީގެން ރައްޔިތުންގެ ވޯޓު ގަންނަން ސަރުކާރުން ރާވަމުންދާ ކަމަށެވެ. އަދި މިފަދަ "ނީލަމެއްގައި" ތިބޭ މީހުންގެ ވޯޓުން އެއްފަހަރާ ވެރިކަމާއި މަޖިލީހުގެ އަގުލަބިއްޔަތު ހޯދުމަކީ ސަރުކާރުގެ އުއްމީދު ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހްމާންގެ ޕޯސްޓް ނިންމާލައްވާފައިވަނީ ރައްޔިތުންނާ ސުވާލެއް ކުރިމަތިކުރައްވަމުންނެވެ. އޭނާ ސުވާލު ކުރެއްވީ، މިއަދުގެ ސަރުކާރަށް ދެ އިންތިހާބު އެއްކޮށްލައިގެން މިފަދަ ފުރުސަތެއް ދޭން ރައްޔިތުންނަށް ފެނޭތޯ ނޫންތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ