އީސްޓާ ބޮމުގެ ހަމަލާގެ މައްސަލައިގައި ލަންކާގެ ކުރީގެ އިންޓެލިޖެންސް ޗީފް ހައްޔަރުކޮށްފި

ސްރީ ލަންކާގައި 2019 ވަނަ އަހަރުގެ އީސްޓާ ސަންޑޭގައި ދިން ބޮމުގެ ހަމަލާތައް ދިނުމުގައި އެހީވި ކަަމަށް ތުހުމަތުކޮށް އެ ގައުމުގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ރިޓަޔާޑް މޭޖާ ޖެނެރަލް ސުރޭޝް ސަލޭ ހައްޔަރުކޮށްފިއެވެ. ބޮމުގެ ހަމަލާތަކުގައި 279 މީހުން ވަނީ މަރުވެފައެވެ. "އޭނާ ހައްޔަރުކޮށްފައިވަނީ އީސްޓާ ސަންޑޭގެ ހަމަލާތައް ރާވައި އެހީތެރިވެދިނުމުގެ ކުށުގައި." އޭއެފްޕީއަށް މައުލޫމާތު ދެމުން އިންވެސްޓިގޭޓިން އޮފިސަރަކު ބުންޏެވެ. ގޯތަބަޔާ ރާޖަޕަކްސާ ރައީސް ކަމަށް ވަޑައިގަތުމަށް ފަހު 2019 ވަނަ އަހަރު ސްޓޭޓް އިންޓެލިޖެންސް ސާވިސް (އެސްއައިއެސް) ގެ ޗީފްގެ މަގާމަށް ޕްރޮމޯޓްވި ސަލޭގެ މައްޗަށް ކުރިން ވަނީ, އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާތައް ރޭވުމުގައި ބައިވެރިވި ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެ ތުހުމަތުތައް ދޮޮގުކޮށްފައެވެ. އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓާ "ޗެނަލް 4" އިން 2023 ވަނަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލޭ އަކީ ހަމަލާ ދިން ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮތް މީހެކެވެ. ހަމަލާ ދިނުމުގެ ކުރިން އޭނާ އެ މީހުންނާ ބައްދަލު ކުރި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ. ވިސްލްބްލޯވަރަކު އެ ނެޓްވޯކަށް ކިޔައިދިން ގޮތުގައި އެ ހަމަލާ ދޭން އުޅޭކަން އިންޓެލިެންސަށް ކުރިން އެނގުނު ނަަމަވެސް ހަމަލާ ހުއްޓުވުމަށް އެއްވެސް ކަމެއް ނުކޮށް ސަލޭ ހުންނެވީ، އެ އަހަރު އޮތް ރިޔާސީ އިންތިހާބު ރާޖަޕަކްސައަށް ކާމިޔާބުކޮށްދިނުމަށް އެހީއަކަށް އެކަން ވާނެ ކަމަށް ބަލައިގެންނެވެ. ބޮން ގޮއްވާލިތާ ދެ ދުވަސް ފަހުން ރާޖަޕަކްސާ ވަނީ އޭނާގެ ކެންޑިޑެސީ އިއުލާންކޮށް، އިސްލާމިސްޓް ހަރުކަށި ފިކުރު ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެން ނޮވެމްބަރު މަހުގެ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. ރާޖަޕަކްސާގެ ކާމިޔާބީއާ ގުޅިގެން ލަންކާގެ މައި ޖާސޫސީ އިދާރާ އެސްއައިއެސްގެ އިސްވެރިއަކަށް ސަލޭ ޕްރޮމޯޓްވި ނަމަވެސް، ހަމަލާގެ ފަހަތުގައި ތިބި މީހުންގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވައުދުވެ، 2024 ވަނަ އަހަރު އަނޫރާ ކުމާރާ ޑިސާނާޔަކޭ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުން އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. ލަންކާގެ ކްރިސްޓިއަން ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ޖާނުން ފިދާވެގެން ދިން ހަމަލާއަށް ފަހު އެއީ މުސްލިމުންގެ ހަރުކަށި ފިކުރުގެ ބަޔަކު ހިންގި އަމަލެއް ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. އަދި ހަމަ އެއާ އެކު ސަލޭގެ މައްޗަށް ވެސް މިކަމަށް އެހީވުމުގެ ތުހުމަތު ކުރިއެވެ. ކުރީގެ ތަހުގީގުތަކުން އެނގިފައިވާ ގޮތުގައި ހަމަލާ ރާވަމުންދާ ކަމުގެ މައުލޫމާތު އިންޑިއާގެ އިންޓެލިޖެންސުން ވެސް ވަނީ ލަންކާއާ ހިއްސާކޮށްފައެވެ. ބޮމުގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެ، އެހެން ގައުމުތަކުގެ 45 މީހުން މަރުވިއެވެ. އެ ހަމަލާތަކަށްފަހު، ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. ހަމަލާ ހުއްޓުވުމުގައި ފެއިލް ވުމުން، ލަންކާގެ އޭރުގެ ރައީސް މައިތިރްޕަލާ ސިރިސޭނާ އާއި އިތުރު ހަތަރު އޮފިޝަލުން އެއް މިިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކުރަން ލަންކާގެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އީސްޓަ ބޮމުގެ ހަމަލާގެ ތަހުގީގު އާންމުންނަށް ސިއްރުކޮށްފައި ވާއިރު އދ. އިން ވަނީ އޭގެ މުހިންމު ބައިތައް ހާމަކުރުމަށް ގޮވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ