ކަދުރު ފަޅިއެއް ދީގެން ނަރަކައިން ސަލާމަތްވުން
އަބަދުގެ އަބަދަށް ދެމިގެންވާ ދާއިމީ ތަނަކީ އާޚިރަތުގެ ގޮވައްޗެވެ. ދުނިޔޭގެ ޙަޔާތަކީ ފަނާވެދާނެ މަދު ވަގުތުކޮޅެކެވެ. ދާދި މަދު ދުވަސްކޮޅެކެވެ. އާޚިރަތުގައި ވޭނާތުރާ ނުވަތަ އުފަލާމަޖާ ލިބުން އޮތީ މި ދުނިޔެއިން ހާސިލުކުރި އެއްޗެއްގެ މައްޗަށެވެ. އާޚިރަތަށް ޓަކައި ސަވާބު ހޯދޭނެ ގޮތްތަށް ވަރަށް ގިނައެވެ. އޭގެތެރެއިން އެއް ކަމަކީ ސަދަޤާތް ކުރުމެވެ. އިޚްލާޞްތެރި ހިތަކައިގެން ﷲގެ ރުހުން އެދިގެން އެ އިލާހުގެ މަގުގައި ކުރާ އެއްވެސް ހޭދައެއް ގެއްލިގެން ނުދާނެއެވެ. އަދި އޭގެ ސަވާބަކީ ވަރަށް ގިނަވެ އިތުރުވެގެންވާ އެއްޗެކެވެ. ހޭދަކުރާނޭ ގިނަ ތަކެތި ނެތް މީހާ ކުރާ މަދު ޞަދަޤާތަކީ ވެސް އޭނާއަށް އޭގެ މަންފާ ވަރަށް ބޮޑަށް ކުރާ ކަމެކެވެ. މި ކަމަށް އިޝާރާތް ކުރައްވާ ބަޤަރާ ސޫރަތުގެ 265ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَمَثَلُ الَّذِينَ يُنْفِقُونَ أَمْوَالَهُمُ ابْتِغَاءَ مَرْضَاتِ اللَّهِ وَتَثْبِيتًا مِنْ أَنْفُسِهِمْ كَمَثَلِ جَنَّةٍ بِرَبْوَةٍ أَصَابَهَا وَابِلٌ فَآتَتْ أُكُلَهَا ضِعْفَيْنِ فَإِنْ لَمْ يُصِبْهَا وَابِلٌ فَطَلٌّ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ﴾ މާނައީ:- "އަދި، اللَّهގެ ރުއްސެވުންއެދި، އަދި، (ﷲގެ ސަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފުސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއް ވެހި، އެތާނގެ މޭވާ، ދެ ގުނައަށް އިތުރުވެގެންދާ، އަދި، ބޯވާރެއެއް ނުވެހުނުނަމަ، ހިމަފޮދު ވާރެއެއް ވެހޭ ބަގީޗާއެއްގެ މިސާލެވެ. (މި އިން ކޮންމެ ގޮތެއްގައި ވެސް މޭވާ ލިބި އިތުރުވެއެވެ.) ﷲއީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ." އެންމެންނަކީ ތަނަވަސްކަމުގެ ބައެއް ނޫނެވެ. އެހެނަސް އެ މީހަކަށް ލިބިހުރި މިންވަރަކުން ޞަދަގާތް ކުރުމީ ކޮންމެ މީހަކަށް ވެސް ކުރެވޭނެ ކަމެކެވެ.އެ މީހަކަށް ލިބޭ ކުޑަ އެތިކޮޅުން ވިޔަސް ޞަދަޤާތްކުރުމުގެ މުހިންމުކަން ބަޔާން ކޮށްދެއްވަމުން މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ކިބައިން އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. عَدِيَّ بْنَ حَاتِمٍ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ «اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَة» މާނައީ:- ޢަދިއްޔު ބުނު ޙާތިމް (رضى الله عنه) ވިދާޅުވިއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ އަރިއަހުން ތިމަން އަޑުއެއްސެވީމެވެ. "ކަދުރު ފަޅިއެއްގެ މިންވަރުން ނަމަވެސް ނަރަކައިން ސަލާމަތް ވާށެވެ!" ޞަދަޤާތުގެ ދޮރު މިހާ ބޮޑަށް ހުޅުވިފައި އޮންނައިރު، މި ކަމަށް އަވަސްވާށެވެ! ދެނިޔޭގެ ޖައްވަށް ނޭވާ ހުސްކޮށްލުމުގެ ކުރިން ޞަދަޤާތްކުރުމުގެ އާދަ ތިބާގެ ކަށީގައި ހަރުލެއްވޭތޯ ބަލާށެވެ! ޞަދަގާތްކުރުމަކީ ކިބުރުވެރިކަމުގެ ހިތްތަށް މަޑުމޮޅިކުރުވާ ކަމެކެވެ. ދީލަތިކަމުގެ އިހުސާސް ލިބޭ ކަމެކެވެ. ޞަދަޤާތްނުކުރާ ނަމަ، ހިތް ހަރުވެ، ބޮޑާކަމުގެ އިޙުސާސްކުރެވެއެވެ. ތިބާގެ ދަރިންގެ ހިތުގައި ވެސް ޞަދަޤާތުގެ ލޯބި އުފައްދާށެވެ! އެ ކުދިންނަށް ފެންނަ އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ ނަމޫނާއަކީ ތިބާއެވެ. އެ ކުދިން އަތުގައި ހޭދަކުރާނެ އެއްޗެއް ނެތް ނަމަ ހިނިތުންވާން ދަސްކޮށްދޭށެވެ! ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ. «تبسُّمك في وجه أخيك لك صدقة»، "ތިބާގެ އަޚާ ކުރިމަތީ ހިނިތުންވުމަކީ ޞަދަޤާތެކެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ