ރާއްޖޭން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ވަރަށް އަވަހަށް ޗާގޯސްގެ ރަށްތަކާ ގުޅިގެން ދައުވާއެއް އުފުލާނެ ކަމަށް، އިނގިރޭސިވިލާތުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ޗާގޯސްގެ ފަޅު ރަށެއް ކަމަށްވާ އީލް ޑު ކޮއިންގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ ޗާގޯސްގެ ހަތަރު މީހަކަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަދަ ޒަރޫރީ ސާމާނު ފޯރުކޮށްދިނުމަށް ފަރާޖު މިދިޔަ ހަފުތާގައި ރާއްޖެ ވަޑައިގަތެވެ.
ނަމަވެސް އިނގިރޭސި ސަރުކާރުން އެދިގެން ދިވެހި ސަރުކާރުން އޭނާގެ ދަތުރަށް ހުރަސްއެޅި ކަމަށް ވިދާޅުވެ ޗާގޯސްއަށް ދަތުރެއް ނުކުރައްވަ އެވެ. އެކްސްއަށް އޭނާ ދޫކުރެއްވި ވީޑިއޯއެއްގައި ދެއްކެވި ވާހަކަތައް ދިވެހި ސަރުކާރުގެ އޮފިޝަލުން ދޮގުކުރައްވައި، 'ދައުރު'އަށް މައުލޫމާތު ދެއްވައިފަ އެވެ.
އޭގެ ފަހުގައި ފަރާޖު އަނެއްކާ ވެސް ރާއްޖޭގެ ވާހަކަ ތަކުރާރުކުރެއްވީ މިއަދު ގާނޫނު ހަދާ މަޖިލީހުގައި ޗާގޯސް ހަވާލުކުރުމަށް އިނގިރޭސި ސަރުކާރާއި މޮރިޝަސްއާ ދެމެދު ވެެފައިވާ އެއްބަސްވުމުގެ މައްސަލާގައި ބަހުސްކުރައްވަމުންނެވެ. ޗާގޯސްގެ މައްޗަށް ދައުވާކުރާ މޮރިޝަސްއަށް އެ ރަށްތައް ހަވާލުކުރުމަށް އިނގިރޭސިވިލާތާ އެކު ދަނީ މަޝްވަރާކުރަމުންނެވެ.
ތަފްސީލް - އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ކްލެކްޓަން ތަމްސީލްކުރައްވާ މެންބަރު ފަރާޖު ވިދާޅުވީ ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ މިލްކުވެރިކަން މޮރިޝަސްއަށް ބަދަލުކުރުމަށް އިނގިރޭސި ސަރުކާރުން ކުރަމުންދާ މަސައްކަތާ މެދު ރާއްޖޭން މާޔޫސްވެފައިވާ ކަމަށެވެ.
އަދި މަދު ދުވަސްތަކެއްގެ ތެރޭގައި މޮރިޝަސްގެ ދައުވާއަށް ރައްދު ދައުވާއެއް ހުށަހެޅުމަށް ރާއްޖޭން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރާއްޖެ އާއި އެ ރަށްތަކާ ދެމެދު ތާރީހީ ގުޅުންތަކެއް އޮތް ކަމަށް ވެސް ފަރާޖު މިއަދު ވިދާޅުވި އެވެ.
"ރާއްޖެއަށް އަހަރެން ކުރި ދަތުރުން ކުރިން ނޭނގޭ އެތައް ކަމެއް އެނގުނު. ރާއްޖެއަކީ ޗާގޯސްގެ ރަށްތަކާއި ތާރިހީ އަދި އާކިއޮލޮޖީގެ ގޮތުން ވަރަށް ޒަމާންވީ ގުޅުމެއް އޮތް ކަން. ފަރަންސޭސި މީހުން ވެސް ކުރި ހަމައެކަނި ކަމަކީ އެ ރަށްތަކުގެ ނަން ދިވެހި ނަންތަކުން ބަދަލުކުރުން،" ފަރާޖު ވިދާޅުވި އެވެ.
ތާރީހީ އަދި ސަގާފީ ގޮތުން ވެސް އެ ރަށްތަކަށް މޮރިޝަސްއަށް ކުރެވޭނެ ދައުވާއެއް ނެތް ކަމަށް ވެސް ފަރާޖު ވިދާޅުވި އެވެ. އެ ރަށްތަކުގެ ސިޔާދަތީ ބާރު ހައްގުވާ ގައުމެއް އޮތް ނަމަ، އެ ގައުމަކީ ރާއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު މައުލޫމާތަށް ޓަކައި ދަންނަވާލަން. ރާއްޖޭން އައިސީޖޭއަށް ދައުވާއެއް ހުށަހަޅާނެ، މަދު ދުވަސްތަކެއް ދެން އޮތީ. އަހަރެން ދެކޭ ގޮތުގައި އެ ރަށްތަކުގެ މައްޗަށް ސިޔާދަތީ ބާރު ބަޔަކަށް އޮންނަ ނަމަ އޮންނަންވީ ރާއްޖެއަށް. މޮރިޝަސްއަކަށް ނޫން،" ފަރާޖު ވިދާޅުވި އެވެ.
އައިސީޖޭން މި ކަންކަމުގައި ދާއިމީ ނިންމުމެއް ނިންމަން ދެން ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް މަޑުޖައްސާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ފާހަގަކޮށްލެވޭ - ޗާގޯސްގެ ރަށްތަކުން 1960 އަދި 1970ގެ އަހަރުތަކުގައި އެ ތަނުގެ ރަށްވެހިން މަޖުބޫރުން ބޭރުކުރީ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒެއް ޑިއޭގޯ ގާސިއާގައި ހެދުމަށެވެ. މިހާރު އެ ރަށްތައް މޮރިޝަސްއަށް ދިނުމަށް އެއްބަސްވުމެއް ގާއިމުކޮށްފައިވީ ނަމަވެސް، ރާއްޖެއިން އެކަމާ ދެކޮޅު ހަދައި އެ ސަރަހައްދަކީ ރާއްޖޭގެ މިލްކުވެރިކަން އޮންނަންޖެހޭ ތަނެއް ކަމަށް ވަނީ ބުނެފަ އެވެ.
އެނގުން މުހިންމު - އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ މައި އޮފީހުގައި 28 އޭޕްރީލް 2024ގައި ވަނީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ އުތުރު ކަނޑުގެ ސަރަހައްދުގެ ފުށުއަރާ އިމުގެ ސަރަހައްދާ މެދު ވެސް ގޮތެއް ނިންމައިފަ އެވެ.
އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދުގައި ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:
ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު
މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު
ނަމަވެސް، އިދިކޮޅުގައި އޭރު ތިބި އަދި މިހާރު ވެރިކަން ކުރާ ޕީއެންސީން ތުހުމަތުކުރީ، އެ ހުކުމާ އެކު ދެކުނުގެ އިގްތިސާދީ ސަރަހައްދުން މުހިންމު އަދި ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. ގެއްލުވާލި ކަމަށް ބުނާ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
އިޓްލޮސްއަށް މައްސަލަ ހުށަހަޅަން މަސައްކަތްކުރަމުންދާ ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އެ މަސައްކަތް ކުރިއަށްދާ ތަނެއް ނުފެނެ އެވެ.
ދެކުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ވައުދުވެވަޑައިގަތުމުގެ އިތުރަށް ޗާގޯސްގެ ރަށްތައް ވެސް ހައްގުވަނީ ދިވެހިރާއްޖެއަށް ކަމަށް ބަޔާންކުރައްވައި ރައީސް މުއިއްޒު ވަނީ އިނގިރޭސި ސަރުކާރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.
އަދި އެ ރަށްތައް ހައްގުވަނީ މޮރިޝަސްއަށް ކަމަށް ވިދާޅުވެ އެ ގައުމުގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންދެވިކަން ވެސް، ވެރިކަމަށް ދެ އަހަރު ފަހުން ރައީސް މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާނުގައި އިއުލާންކުރައްވާފައިވެ އެވެ. ނަމަވެސް އެ ސިޓީ އަނބުރާ ގެނައުމަށް ރައްޔިތުންގެ މަޖިލީހަކުން އަދި ނުނިންމަ އެވެ.
ރިފޯމް ޔޫކޭގެ ލީޑަރު ފަރާޖު މި ފަހަރު ވިދާޅުވީ ރާއްޖޭން ވަރަށް އަވަހަށް އައިސީޖޭގައި ޗާގޯސްއަށް ދައުވާކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ