ގާނޫނާ ހިލާފު ސޯޝަލް މީޑިއާ ކޮންޓެންޓު 3 ގަޑިއިރު ތެރޭ ނައްތާލަން އިންޑިއާއިން އަންގައިފި

އިންޑިއާ ސަރުކާރުން އޮންލައިން ކޮންޓެންޓްތަކާ ގުޅޭ ގަވާއިދުތައް އިތުރަށް ހަރުކަށިކޮށް، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުންނަ ގާނޫނާ ހިލާފު ކޮންޓެންޓްތައް ނައްތާލުމަށް އެންގުމުން، އެންމެ ގިނަވެގެން ތިން ގަޑިއިރު ތެރޭގައި އެކަން ކުރުމަށް އިއްޔެ އަމުރުކޮށްފި އެވެ.
މީގެ ކުރިން މިފަދަ ކަންކަމަށް 36 ގަޑިއިރުގެ މުހުލަތެއް ދީފައިވާއިރު، މި ބަދަލާ އެކު ދުނިޔޭގެ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަށް ކުރިމަތިވާ ފިއްތުންތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ސަރުކާރުން އިއްޔެ އިއުލާންކުރި މި ބަދަލުތަކަށް މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ އެވެ.
މިއީ އިންޑިއާގެ 2021 ވަނަ އަހަރުގެ އައިޓީ ގަވާއިދަށް ގެނައި އިސްލާހެކެވެ. މި ގަވާއިދުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާއި މެޓާ، އެކްސް އަދި ޔޫޓިއުބް ފަދަ ބޮޑެތި ޕްލެޓްފޯމްތަކާ ދެމެދު އޮތް ގުޅުމަށް މިހާރު ވެސް ވަނީ ހީނަރުކަން އައިސްފަ އެވެ.
މި މުހުލަތު ކުޑަކުރި ވަކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ގާނޫނީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި މި އަމުރަށް ފުރިހަމައަށް އަމަލުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.
"ތިން ގަޑިއިރު ތެރޭގައި ކޮންޓެންޓް ނައްތާލުމަކީ ސޯޝަލް މީޑިއާ ކުންފުނިތަކަށް އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން،" ޓެކްނޮލޮޖީ ގާނޫނުތަކުގެ މާހިރެއް ކަމަށްވާ އާކާޝް ކަރްމަކާރު ވިދާޅުވި އެވެ.
މި ގަވާއިދު ހަދާފައިވަނީ ކަންކަމުގެ ހަގީގަތަށާއި ކުންފުނިތަކުގެ އަމަލީ ގާބިލިއްޔަތަށް ރިއާޔަތްކުރުމެއް ނެތި ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އިންޑިއާއަކީ އޮންލައިންކޮށް ފާޅުކުރާ ހިޔާލުތައް ކޮންޓްރޯލް ކުރުމުގައި ދުނިޔޭގައި އެންމެ ހަރުކަށި އެއް ގައުމެވެ. ގައުމީ ސަލާމަތާއި އާންމު މަސްލަހަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކޮންޓެންޓްތައް ނައްތާލުމުގެ ބާރު ސަރުކާރުގެ އިސްވެރިންނަށް ލިބިގެންވެ އެވެ.
ފާއިތުވި އަހަރުތަކުގައި މިފަދަ އެތައް ހާސް އަމުރެއް ޕްލެޓްފޯމްތަކަށް ވަނީ ފޮނުވާފަ އެވެ. މެޓާއިން ހާމަކުރި ގޮތުގައި، ސަރުކާރުގެ އެދުމުގެ މަތިން 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނި ވެސް 28,000އަށް ވުރެ ގިނަ ކޮންޓެންޓް ވަނީ އިންޑިއާގައި ހިފަހައްޓާފަ އެވެ.
ނަން ހާމަނުކުރުމަށް އެދި ސޯޝަލް މީޑިއާ ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވީ، މި ގަވާއިދު އެކުލަވާލުމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލާއިރު މިފަދަ ކަންކަމަށް މިއަށް ވުރެ ދިގު މުހުލަތެއް ދޭންޖެހޭ ކަމަށެވެ.
މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާ ކޮންޓެންޓްތަކާ މެދު ކުރިން ގެންގުޅުނު ހަރުކަށި އުސޫލަށް މި އިސްލާހުގެ ދަށުން ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ދީފަ އެވެ. އެގޮތުން، ސްކްރީންގެ ބޮޑު ސަރަހައްދެއްގައި ލޭބަލް ޖެހުމަށް ކުރިން އޮތް ޝަރުތު އުނިކޮށް، މިހާރު ލާޒިމްކޮށްފައިވަނީ އޭއައި ބޭނުންކޮށްފައިވާކަން ސާފުކޮށް އެނގޭނެ ފަދަ ލޭބަލްއެއް ހުރުމަށެވެ.
އެއް ބިލިއަނަށް ވުރެ ގިނަ އިންޓަރނެޓް ބޭނުންކުރާ މީހުން އުޅޭ އިންޑިއާގެ މާކެޓުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ ޑިޖިޓަލް ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ނަމަވެސް، މި ފިޔަވަޅަކީ އިންޑިއާ ސަރުކާރުން މި ދާއިރާ ކޮންޓްރޯލް ކުރުމަށް ގެންގުޅޭ ހަރުކަށި ސިޔާސަތު އިތުރަށް ހާމަވެގެންދާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ