ކުރިއަށް ރޯދަ މަހު ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިކުރުމުގެ ގޮތުން، ރޭގަނޑާއި ދުވާލު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ރަށުތެރޭގައި ކުޅުން ގދ. ތިނަދޫ ކައުންސިލުން މި އަހަރު ވެސް މަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބައެއް ރޯދަ މަސްތަކުގައި ވެސް ތިނަދޫ ކައުންސިލުން މި ފަދަ އެންގުންތައް ނެރެފައި ވެ އެވެ. އަދި އެކަމާ ގުޅިގެން ބައެއް މީހުންގެ ފާޑުކިޔުންތައް ވެސް ކައުންސިލަށް އަމާޒުވި އެވެ.
ތަފްސީލް - އެކަމަކު އެ އެންގުންތައް ތަކުރާރުކުރަމުން މިއަދު އެ ކައުންސިލުން ބުނީ ރޯދަ މަހުގައި ވީހާ ވެސް ބޮޑަކަށް އަޅުކަމަށް މަގުފަހިކޮށް، ރައްޔިތުންގެ މެދުގައި އިސްލާމީ ރިވެތި އާދަކާދަތަކާއި އުސޫލުތައް އާލާވާން ފުރުސަތު ފަހިކޮށްދިނުމަށް އެތަނުން މަސައްކަތް ކުރާނެ އެވެ.
އެހެންވެ، އެތަނުން ވަނީ ކުޅިވަރުތައް މަނާކޮށް، މުއައްސަސާތަކުން އިތުރު ހަރަކާތްތައް ރާވާއިރު އަޅުކަމަށް މަގުފަހިކުރުމަށް ގޮވާލާފަ އެވެ.
ކައުންސިލުން އެންގި ކަންތައްތަކުގެ ތެރޭގައި:
ދުވާލުގެ ވަގުތުގައި އަދި ހާއްސަކޮށް ރޭގަނޑު، އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުވަތަ މުނިފޫހިފިލުވުމުގެ ހަރަކާތެއް އެއްވެސް މިންވަރަކަށް ތިނަދޫގައި ނުހިންގުން
ކްލަބު ޖަމިއްޔާތަކާއި ޖަމާއަަތްތަކަށް އަދި އިޖްތިމާއީ ހަރަކާތްތައް ހިންގުމަށް ކައުންސިލުން ދޫކޮށްފައިވާ ބިންބިމާއި އިމާރާތް ފަދަ ނޫން ތަންތަނުގައި ވެސް، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އާއްމުންނަށް ހުޅުވާލައިގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް ނުބޭއްވުން
ކުޅިވަރާއި މުނިފޫހި ފިލުވުމަށް ނުފެތޭ ރަސްމީ ހަރަކާތެއް ވިޔަސް، ދީނީ ގޮތުން ބޭނުންތެރި ކަމަކަށް ނުވާ ނަމަ، ދުވާލު ވެސް އަދި ރޭގަނޑު ވެސް ނުބޭއްވުން
ރޯދަ މަހާ ގުޅުން ހުރި ކަމަކަށް ވިޔަސް، އަޅުކަމުގެ ވަގުތަށް ބުރޫނާރާނެ ގޮތަކަށް، ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަކަށް އެކަން ކުރުން
ސްކޫލުތަކާއި މުއައްސަސާތަކާއި ވިޔަފާރިވެރިންނާއި ކްލަބު ޖަމިއްޔާތަކާއި ރަސްމީ އަދި ނުރަސްމީ ޓީމުތަކާއި ގުރޫޕުތަކުން، ރޯދަ މަހުގެ މަގްސަދު ހާސިލްކޮށްދިނުމަށް އެކަކު އަނެކަކަށް މަގުފަހިވާނެ ގޮތަކަށް ހުރިހާ ކަމެއް ވެސް ތަރުތީބުކޮށް، އިންތިޒާމު ކުރުން
ރޯދައަށް ތިބޭއިރު އެކަކު އަނެކަކަށް ވީހާ ވެސް ބޮޑަކަށް ހަމްދަރުދީވެ، އަޅާލާ، ރަސްމީ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަށް، ވީހާ ވެސް ބޮޑަށް އަޅުކަމަށް ފަހިވާނެ ގޮތަކަށް، މަސައްކަތް ކުރާ ތަންތަނުގެ ޑިއުޓީތައް ރާވާލުން؛ އެގޮތުން ނަމާދުތަކުގެ ޖަމާއަތުގެ ވަގުތާއި ތަރާވީހާއި ރޯދަ ވީއްލުމުގެ ވަގުތުތައް ފުށުނާރާނެ ގޮތަކަށް މަސައްކަތްތައް އިންތިޒާމު ކުރުން
ތިނަދޫ ކައުންސިލުން ބުނީ މި ގޮތަށް ކަނޑައަޅާފައިވީ ނަމަވެސް، ކަސްރަތާއި ސިއްހީ ބޭނުން ތަކަށް ކުޅިވަރުގެ މައިދާންތައް ވަކި ވަގުތުތަކެއްގައި ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
"އަދި ދަންނަވަމެވެ. މަތީގައި ދެންނެވުނު ފަދައިން ކަންކަން ކުރިޔަށް ގެންދިއުމަށްޓަކައި އެއްބާރުލުން ނުދޭ ފަރާތްތަކާއި، ގަސްތުގައި މިފަދަ އުސޫލުތަކާ ހިލާފަށް އަމަލުތައް ބަހައްޓާ ފަރާތްތަކަށް، އެއިން އެއްވެސް ކަމެއްގައި މި އިދާރާގެ އެއްބާރުލުމެއް ނުލިބޭނެ އެވެ،" ކައުންސިލްގެ އެންގުމުގައި ބުނެފައިވެ އެވެ.
ކައުންސިލްގެ އެންގުމާ ހިލާފަށް އަމަލު ކުރާ ނަމަ، ފިޔަވަޅު އަޅަން ޖެހޭ ހާލަތްތަކުގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެތަނުން ވަނީ ދީފަ އެވެ.
ތިނަދޫ ކައުންސިލްގެ އެންގުން: 'ރޯދަ މަހު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ނުކުޅެވޭނެ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ