ރުޅިމަތަކުރުމާ އެހެން މީހުން ރުޅިއަންނާނެ ކަންކަން ނުކުރުމަކީ ސުވަރުގެ ވައްދަވާނެ ސަބަބެއް! އިން ޝާ ﷲ

އަޅުގަނޑަށް ދިރިއުޅެން ޖެހިފައިމިވަނީ ރުޅިއަތުވެއްޖެނަމަ ކުރެވޭ ނުކުރެވޭ ކަމެއްވެސް ނުއެނގޭ ޙާލަތަށް ކަންކަން ގެންދާ މީހަކާއިއެކުގައެވެ. އޭނާއަށް ވިސްނައިދޭން ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. ބުނަނީ ތިމާއަކީ ރުޅިގަދަ މީހަކު ކަމަށެވެ. މިފަދަ މީހަކަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟ 
ކިޔުންތެރިޔާއަށް ދަންނަވާލަން އޮތީ ތިމާއަކީ ރުޅިގަދަ މީހަކުކަން ވިސްނޭނަމަ އޮތީ އެކަން އިޞްލާޙްކުރަން މަސައްކަތް ނުކޮށް ހުރުމެއް ނޫނެވެ. އެކަން އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއްވެސް މީހަކު، އެމީހެއްގެ ކިބައިގައި ހުންނަ ނުބައި ސިފަތައް އިޞްލާޙްކުރަން މަސައްކަތްކުރާނަމަ އެމީހަކަށް އެކަމަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ 
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އަދި އޭނާއަށް ޙިއްބާވެސްކޮށްލާށެވެ!  
މުސްލިމް އަޚުންނޭވެ! اَبُوْ هُرَيْرَة رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއްދުވަހަކު މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައިސް، ނަސޭހަތެއް ދެއްވުމަށް އެދި ދެންނެވުމުން ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ)[1] މާނައީ: "ތިބާ ރުޅި ނާންނާށެވެ!" އެމީހާ ތަކުރާރުކޮށް ދެންނެވުމުންވެސް ދެއްވީ ހަމަ އެޖަވާބެވެ. 
އަދި أَبُوالدَّرُدَاء رَضِيَ اللّٰهُ عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެއް ދުވަހަކު މީހަކު ރަސޫލާ ﷺ ގެ އަރިހަށް އައިސް ދެންނެވިއެވެ. އަޅުގަނޑަށް ސުވަރުގެ ވައްދަވާނެ ޢަމަލެއްގެ ވާހަކަ ވިދާޅުވެ ދެއްވާނުތޯއެވެ! އެހިނދު ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. (لَا تَغْضَبْ، وَلَكَ الْـجَنَّةُ) މާނައީ: "ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ހުށްޓެވެ!" ރަސޫލާ ﷺ ގެ މި ބަސްފުޅުތަކުން އަހަރެމެންނަށް މި ގޮވައިލައްވަނީ، ރުޅި މަޑުކުރުމަށާއި، ރުޅިވެރިކަން އުފެދިދާނެ ސަބަބުތަކާ ދުރުހެލިވުމަށެވެ.  
މުސްލިމް އަޚުންނޭވެ! ރުޅި މަޑުކުރުން މިހާ މުހިއްމު ކަމަކަށް ނުވާނަމަ، އޭގެ ޖަޒާއަކަށް ސުވަރުގެ ނުވީހެވެ. ރުޅި މަޑުކުރާ މީހުންނަށާއި، އިޙްސާންތެރީންނަށް ހުރި ދަރަޖަ ބަޔާން ކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ.
"އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެޔަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރު ކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. އެއުރެންނަކީ، ތަނަވަސްކަމުގައްޔާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މަޢާފުކުރާ މީހުންނެވެ. އިޙުސާން ތެރިންދެކެ ﷲ ލޯބިވެ ވޮޑިގެންވެއެވެ. އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފިނަމަ، ނުވަތަ، އެއުރެންގެ ނަފްސުތަކަށް އަނިޔާވެރި ވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) ﷲ ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި ދުޢާކޮށް އުޅޭމީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި ޙާލު އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ. އެއުރެންގެ ޖަޒާއަކީ އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ ޙާލުގައެވެ. ހެޔޮ ޢަމަލު ކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!" 
މުސްލިމް އަޚުންނޭވެ! ރުޅިމަޑުކަމަކީ، ﷲ ލޯބިވެ ވޮޑިގަންނަވާ އަދި އެކަލާނގެ ރަސޫލާ ﷺ ލޯބިފުޅުވާ ސިފައެކެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ﷺ، أَشَجُّ عَبْدِ الْقَيْس އަށް ޙަދީޘް ކުރެއްވިއެވެ. 
(إِنَّ فِيْكَ خَصْلَتَيْنِ يـُحِبُّهُمَا اللهُ وَرَسُوْلُهُ: اَلْـحِلْمُ وَالْأَنَاةُ) 
މާނައީ: "ހަމަކަށަވަރުން ތިބާގެ ކިބައިގައި، ﷲ ރުހިވޮޑިގަންނަވާ، އަދި ﷲ ގެ ރަސޫލާ ލޯބިފުޅުވާ ދެ ސިފައެއް އެބަހުއްޓެވެ. އެއީ ޙިލްމުވެރިކަމާއި ކެތްތެރިކަމެވެ." 
މީހަކު ރުޅިއައިސް އެއްޗެތި ގޮވާނަމަ ޢަމަލުކުރަން އޮތްގޮތް-: 
މުސްލިމް އަޚުންނޭވެ! އެއްދުވަހަކު عَبْدُ الله بْنُ عَبَّاس رَضِيَ اللهُ عَنْهُ ގެ  އަރިހަށް މީހަކު އައިސް، އެކަލޭގެފާނާ ދިމާއަށް ހުތުރު އެއްޗެހި ގޮވައި، ހަޅޭއްލަވަން ފެށިއެވެ. އެހިނދު اِبْنُ عَبَّاس އެކަލޭގެފާނުގެ ޚާދިމަކަށް ވިދާޅުވިއެވެ. އެއީ ކަމަކު އައި މީހެއް ނަމަ، އޭނާ ބޭނުންވާ ކަމެއް ފުއްދައި ދޭށެވެ. اِبْنُ عَبَّاس ގެ މި ބަސްފުޅު އަޑު އިވުމުން، އެ މީހާ އިސް ދަށަށް ޖަހައިގެން، އެ ތަނުން ހިނގައްޖެއެވެ. އެބޭކަލުންގެ އަޚްލާޤު ކިހާ ފުރިހަމަތޯއެވެ! މިއީ ރިވެތި މިޘާލުތަކެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި ޢަދާވާތްތެރިކަމެއްވާ މީހާ، ގާތް ރަޙުމަތްތެރިޔަކު ފަދައިން ވެދާނެތެވެ." މިބަސްފުޅުގެ މާނައަކީ ކޮބައިތޯ އަނަސްގެފާނަށް ދެންނެވުމުން ވިދާޅުވިއެވެ. "އެއީ މީހެއްގެ އަޚަކު އޭނާއަށް އެއްޗެހި ގޮވުމުން މި ފަދައިން ބުނާ މީހާއެވެ. ތިބާ ތިޔަ ބުނަނީ ތެދެއްނަމަ މާތް ﷲ އަހުރެންނަށް ފާފަ ފުއްސަވައި ދެއްވާށިއެވެ! ތިބާ ތިޔަ ހަދަނީ ދޮގެއް ނަމަ، މާތް ﷲ ތިބާއަށް ފާފަ ފުއްސަވައި ދެއްވާށިއެވެ!  
މުސްލިމް އަޚުންނޭވެ! ކީރިތި ރަސޫލާ ﷺ ބަޔާންކޮށް ދެއްވާފައިވާ ގޮތުގައި، ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ. އެހެންވެ ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ ޞަޙާބީންނަށް ވަޞިއްޔަތް ކުރައްވާފައި ވަނީ، "ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ! ތިޔަ ބޭކަލުން ކޯފާ އިސް ނުކުރައްވާށެވެ!" މިފަދައިންނެވެ. 
މުސްލިމް އަޚުންނޭވެ! އެއްދުވަހަކު މީހަކު ވަރަށް ރުޅި އައިސްގެން عُمَرُ بْنُ عَبْدِ الْعَزِيْزގެ އަރިހަށް އައިސް، އަޑު ގަދަ ކުރަން ފެށިއެވެ. އޭރު عُمَرُ بْنُ عَبْدِ الْعَزِيْز އަކީ، މުސްލިމުންގެ ޚަލީފާއެވެ. عُمَرُ بْنُ عَبْدِ الْعَزِيْز އެމީހާއާ ދިމާއަށް އެއްވެސް އެއްޗެއް ވިދާޅުނުވެ، އޭނާ ގޮވިހައި އެއްޗެހި އަޑު އައްސަވަން ހުންނެވިއެވެ. ދެން ވިދާޅުވިއެވެ. "ތިބާ ބޭނުންވަނީ، ޝައިޠާނާ ލައްވައި، އަހުރެން ރުޅި އަރުވަން ހެއްޔެވެ؟ އަހުރެން ލައްވައި މިއަދު ތިބާގެ ކިބައިން ބަދަލު ހިއްޕުވައި، މާދަމާ އަހުރެންގެ ކިބައިން ތިބާ ބަދަލު ހިފަން ހެއްޔެވެ؟ މާތް ﷲ ގަންދީ ބުނަމެވެ. ހަމަ ހިލާ އެ ގޮތަށް ކަންތަކެއް ނުކުރައްވާނަމެވެ." 
މުސްލިމް އަޚުންނޭވެ! ޝައިޠާނާ އަބަދު ވެސް މަސައްކަތް ކުރާނީ އިންސާނާ ރުޅިއަރުވައިގެން އޭނާ ލައްވައި، ކުށް ފާފަތައް ކުރުވާށެވެ. މިއަދު އިންސާނާ ކުރާ ޢަމަލުތަކަށް ޤިޔާމަތް ދުވަހު ޖަވާބުދާރީ ވާން ޖެހޭނެތީއެވެ. އެފަދަ އެހެން ޙާދިޘާ އެކެވެ. އެއްރެއަކު عُمَرُ بْنُ عَبْدِ الْعَزِيْز މިސްކިތަށް ވަޑައިގެންނެވިއެވެ. އެ ޒަމާނުގައި މިސްކިތްތަކުގައި މާބޮޑު އަލިކަމެއް ނުހުރެއެވެ. އެހެންވެ، އެ ވަގުތު މިސްކިތުގައި އޮތް މީހެއްގެ ގައިގައި އެކަލޭގެފާނުގެ ފައިންޕުޅު އަޅައިގަތެވެ. އެމީހާ ރުޅި އައިސްގެން ބޯ އުފުލާލާފައި ބުންޏެވެ. ކަލެއަކީ މޮޔައެއް ހެއްޔެވެ؟ عُمَرُ بْنُ عَبْدِ الْعَزِيْز ވިދާޅުވިއެވެ. ނޫނެކެވެ. އެހިނދު عُمَرُ بْنُ عَبْدِ الْعَزِيْزގެ ހަށިފާރަވެރީން އޭނާ ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭނާ ދޫކޮށްލާށެވެ! އޭނާ ސުވާލު ކުރީ، މަށަކީ މޮޔައެއް ހެއްޔެވެ؟ އެ ސުވާލަށް އަހުރެން ނޫނެކޭ ބުނެފީމެވެ."[2]
މުސްލިމް އަޚުންނޭވެ! އިސްލާމީ އުއްމަތުގެ މާޒީ އޮތީ މި ގޮތަށެވެ. އެއީ ރުޅި އިސްނުކުރާ، ޙިލްމުވެރި އުއްމަތެކެވެ. އުއްމަތުގެ އަފްރާދުން މަސައްކަތް ކޮށްފައި ވަނީ، އުއްމަތް ބިނާކޮށް، އާރާސްތު ކުރުމަށެވެ. ރަޙްމާންވަންތަ ރަސްކަލާނގެ އަޅުންގެ ގާތަށް ރުޅި ވެސް އަންނާނެއެވެ. އެހެނަސް  އެމީހުން ރުޅި އަންނާނީ، ﷲ އަށްޓަކައެވެ. ޙައްޤަށްޓަކައެވެ. ކީރިތި ރަސޫލާ ﷺ އަކީ، އެކަލޭގެފާނުގެ އަމިއްލަފުޅު އެއްވެސް ކަމަކަށް ކޯފާވި ބޭކަލެއް ނޫނެވެ. 
މުސްލިމް އަޚުންނޭވެ! ކީރިތިރަސޫލާ ﷺ އަކީ، އެކަލޭގެފާނުގެ ޝަޚްޞީ އެއްވެސް ކަމެއްގައި، ކޯފާ އިސްކުރެއްވި ބޭކަލެއްނޫނެވެ. މާތް ﷲ އެކަލޭގެފާނު ފޮނުއްވާފައިވަނީ، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. އެހެނަސް އެކަލޭގެފާނަކީ، ﷲގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު، ކޯފާ ގަދަ ބޭކަލެކެވެ. عَلِيْ رَضِيَ اللّٰهُ عَنْهُ ވިދާޅުވިއެވެ. "ރަސޫލާ ﷺ ދުނިޔެއަށް ޓަކައި ކޯފާ އިސް ނުކުރައްވަތެވެ. އެހެނަސް ޙައްޤަކާ ހެދި ކޯފާ ވެއްޖެނަމަ އެއްވެސް މީހަކަށް ނުބައްލަވަތެވެ. އެކަލޭގެފާނު އެ ޙައްޤަކަށްޓަކައި ކޯފާވި ކަމަކަށް ނަޞްރު ލިބެންދެން ކޯފާ މަޑު ނުކުރައްވަތެވެ."[3] 
މުސްލިމް އަޚުންނޭވެ! ރަޙްމާންވަންތަ ރަސްކަލާނގެ އަޅުން، ނަމޫނާއަކަށް ބަލަން ޖެހޭނީ ލޮބުވެތި މާތް ރަސޫލާ ﷺ އެވެ. އެމީހުން، އެމީހުންގެ އަމިއްލަ ޝަޚްޞީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެއެވެ. ގަނެ ވިއްކުމުގެ މުޢާމަލާތުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެކުވެރިކަމާއި އަވަށްޓެރި ކަމުގައި، ރުޅި އިސްކޮށްގެން ނުވާނެއެވެ. އެމީހުން އަވަދިނެތިވެ އުޅެން ޖެހޭނީ އިސްލާމް ދީނަށްޓަކައެވެ. ދުނިޔެއަކީ އެއަށްޓަކައި އަރާރުން ވާންޖެހޭ ވަރުގެ އަގުހުރި ތަނެއް ނޫނެވެ. ﷲ ގެ ޙަޟްރަތުގައި، އެއީ މަދިރިއެއްގެ ފިޔައަކަށްވުރެ އަގު ދަށް ތަނެކެވެ.  
 
- ހުކުރު ޚުޠުބާއަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ