ހދ. ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެރަށަށް އެ އަތޮޅު ހިރިމަރަދޫ މީހުން ގެނެސް ގޯތި ދިނުމާ ދެކޮޅަށް މުޒާހަރާކޮށް އެކަން ހުއްޓުވަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ދިރިއުޅޭ އާބާދީގައި 300 ހަމަނުވާ ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން މިދިޔަ ފެބްރުއަރީ މަހު ސަރުކާރުން ވަނީ ނިންމާފަ އެވެ. މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓުން ހިރިމަރަދޫ މިހާރު ސަރުކާރުން ވަނީ އުނި ވެސް ކޮށްފަ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ހިޖުރަކުރަން ބޭނުންވާ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ގިނަވެގެން ދޮޅު އަހަރު ތެރޭގައި ގެ އަޅައި ނިންމައި، ގެތައް ހަވާލުކުރާނެ އެވެ.
ތަފްސީލް - މިކަމާ ދެކޮޅަށް އިއްޔެ ހަނިމާދޫގައި ވަނީ ބަޔަކު މުޒާހަރާ ވެސް ކޮށްފަ އެވެ. ޕެޓިޝަނުގެ ކަންކަމުގައި އިސްކޮށް އުޅޭ މީހަކު 'ދައުރު'އަށް ބުނީ އެ ޕެޓިޝަނަށް ސޮއި ހޯދަން ފެށީ އިއްޔެ ކަމަށެވެ. މިހާތަނަށް ހަނިމާދޫގެ 200އަށް ވުރެ ގިނަ މީހުންގެ ސޮއިކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
މި ޕެޓިޝަނުގައި ބުނެފައިވަނީ، ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމީ ރައްޔިތުންގެ ހިޔާލު ނުހޯދާ، އެކަށީގެންވާ ގޮތެއްގައި ހިޔާލުފާޅުކުރުމުގެ ފުރުސަތު ވެސް ނުދީ ކަމަށެވެ. އެގޮތަށް ސަރުކާރުން ކަންތައް ކުރުމަކީ ހަނިމާދޫގެ މުސްތަގުބަލަށް ދޭ އަހުންމިއްޔަތު ކުޑަކަން ހާމަވާ ކަމެއް ކަމަށް ޕެޓިޝަނުގައިވެ އެވެ.
"ހަނިމާދޫގައި މިހާރު އޮތް ކުޑަ ބިންކޮޅުން ހަނިމާދޫގެ ރައްޔިތުންނާއި ޒުވާނުންނަށް ގެވަޅު ނުދީ އެހެން ރަށެއްގެ ބަޔަކަށް ގެދޮރުއެޅުމަށް އެ ބިން ދިނުމަކީ ހަނިމާދޫ ރައްޔިތުންނާއި ޒުވާނުންނަށް ތާއަބަދަށް ދެމިގެންދާނެހެން ދެވޭނެ ބޮޑު އަނިޔާއެކެވެ. [އެއީ] ބޭއިންސާފުން ކުރެވޭނެ ކަމެއް ކަމަށް ގަބޫލުކުރެވެ އެވެ،" ޕެޓިޝަނުގައިވެ އެވެ.
ޕެޓިޝަނުގައި އިތުރަށް ބުނީ:
ރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ މައްސަލަ މިއަދާ ހަމަޔަށް ވެސް ހައްލުނުވެ އޮތުމަކީ ކަންބޮޑުވުމެއް
ހަނިމާދޫ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ސަރުކާރަށް މުހިންމު ނޫންކަން ފާހަގަކުރެވޭ
އަލަށް ގެވަޅު ދީފައިވާ ހަނިމާދޫ ރައްޔިތުން ތިބީ ގޯތި ނޭޅި
މީހުން ދިރިއުޅެމުންދާ ގޭބިސީތަކަށް ކަރަންޓް ހަމަޔަކަށް ނުލިބޭ
އަލަށް އާބާދުވެފައިވާ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް ވެސް އޮތީ ނުކޮށް
ގެދޮރު އަޅަން ދަތިވެފައިވާ މީހުންނަށް ރައީސް މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެހީތެރިކަމެއް ނުލިބޭ
"އާބާދީގައި 600 ހަމަނުވާ ހިރިމަރަދޫ ރައްޔިތުންނަށް، 200 ގޯތި ސަރުކާރުން ބޭނުންވާ ބިމުގައި އެޅުމަކީ ހަނިމާދޫ ޒުވާނުންނާއި އަންނަން އޮތް ޖީލުތައް އަމިއްލަ ރަށުގައި ބޯހިޔާވަހިކަމުން މަހުރޫމްވެ، މަގުމަތިވާނެ ކަމެކެވެ. އަދި ހަމަ އެހެންމެ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު ގެއްލި މުސްތަގުބަލު ހަލާކުވާނެ ކަމެކެވެ،" ޕެޓިޝަނުގައިވެ އެވެ.
ކައުންސިލްގެ ބަސް - މިކަމާ ގުޅިގެން ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން 'ދައުރު' އަށް ވިދާޅުވީ، ހިރިމަރަދޫ މީހުންނަށް، ހަނިމާދޫން ގެވަޅު ދޫކުރަން ހަމަޖެހިފައިވަނީ، ހަނިމާދޫ މީހުންނަށް ވެސް ގެވަޅު ލިބޭ ގޮތަށް ކަމަށެވެ. އެގޮތުން 500 އެއްހާ ގެވަޅު ހަނިމާދޫ ރައްޔިތުންނަށް ވެސް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއް ސައްތާރު ވިދާޅުވީ ހަނިމާދޫ ރައްޔިތުން ބޮޑަށް ބޭނުންވަނީ، ގެވަޅުގެ ބަދަލުގައި ހައުސިން ޔުނިޓްތަކެެއް އަޅާ ފްލެޓު ދޭން ކަމަށެވެ. ގެވަޅު ދިނަސް، އެތަންތަނުގައި ގިނަ ފަހަރު އަމިއްލައަށް ގޯތި ނުހެދި ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ހަނިމާދޫ މީހުންނަށް ގޯތި ނުދީ ހިރިމަރަދޫ މީހުން ގެނައުމާ ދެކޮޅަށް މުޒާހަރާކޮށް ޕެޓިޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ