ފިތުރުޒަކާތާ ގުޅުންހުރި ބައެއް ވާހަކަ

ޒަކާތުގެ އާންމު މާނައަކީ ޠާހިރުކުރުމެވެ. ފިޠުރުޒަކާތަކީ ރޯދަވެރިޔާއަށް ރޯދައިގެތެރޭ ކުރެވިފައި ހުރި ކުދިކުދި ނުބައިކަންތަކާއި ދެއްކިފައިވާ ބޭކާރު ވާހަކައިން އޭނާ ޠާހިރުކުރާ އަޅުކަމެކެވެ. އިސްލާމްދީނުގައި ޒަކާތް ވާޖިބުކުރެއްވީ އިންސާނުނަށް، ﷲ ދެއްވައިފައި ހުރި މުދަލާއި އެ ބައިމީހުންގެ ނަފުސުތައް ޠާހިރުކުރުމަށެވެ. މުދަލުޒަކާތާ ޚިލާފަށް، ފިޠުތުޒަކާތަކީ ރަމަޟާންމަހަށް ފަހު ދިނުން ވާޖިބުކުރައްވާފައި އޮތް ޒަކާތެކެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «فَرَضَ رَسُولُ اللَّهِ صلى الله عليه وسلم زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ» (إبن ماجه) މާނައީ: "ރޯދަވެރިޔާއަށް (ދެކެވުނު) ބޭކާރު ވާހަކަތަކާއި ހުތުރު ބަސްތަކުން ތޯހިރު ކޮށްދޭ ދިނުމެއްގެ ގޮތުގައްޔާއި މިސްކީނުންނަށް ކާންދިނުމެއްގެ ގޮތުގައި ﷲގެ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ފިޠުރުޒަކާތް ފަރުޟުކުރެއްވިއެވެ." ފިތުރުޒަކާތަކީ ކޮންމެ މީހެއްގެ ކިބައިން ވަކިން ނެރެންޖެހޭ އެއްޗެކެވެ. އެ މީހާގެ ފަރާތުންނާއި އޭނާގެ ބެލެހެއްޓުމުގެ ދަށުގައިވާ އެންމެންގެ ފަރާތުން ފިތުރުޒަކާތް ނެރެންވާނެއެވެ. އެ ގޮތުން އޭނާއަކީ އޭނާގެ މައިންބަފައިން ބަލަހައްޓާ ފަރާތް ނަމަ، އެ މީހުންގެ ޒަކާތް ވެސް ނެރޭނީ އޭނާއެވެ. އީދުވިލޭރޭ ވަނުމުން، އޭނާގެ ބެލުމުގެ ދަށުގައި ތިބި އެންމެންގެ ފަރާތުން ފިޠުރުޒަކާތް ނެރޭނީއެވެ. ޝައްވާލުމަހުގެ ހަނދު ފެނުމުގެ ކުރިން ދުނިޔައަށް ނޭވައިލި ކުޑަކުއްޖާގެ ފަރާތުން ވެސް ފިތުރުޒަކާތް ނެރެންވާނެއެވެ. އިރުއޮއްސުނު ފަހުން މީހަކު މަރުވި ނަމަވެސް، އޭނާގެ ފަރާތުން ފިތުރުޒަކާތް ނެރެން ވާނެއެވެ. އޭގެ ކުރިން މަރުވި މީހާއަށް ފިޠުރުޒަކާތް ނެރުމެއް ނުވެއެވެ. އަދި އެ ރޭ ވިހޭ ކުއްޖާގެ ފަރާތުން ވެސް ފިތުރުޒަކާތް ނެރެންވާނެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ފަރާތުން ފިތުރު ޒަކާތް ނެރުމާއި ނުނެރުން ހަމަހަމަވެގެންވެއެވެ. ޢުޘްމާން ރަޟިޔަﷲ ޢަންހު ވަނީ ބަނޑުގައިވާ ދަރިފުޅުގެ ފަރާތުން ވެސް ފިތުރު ޒަކާތް ނެރުއްވައިފައެވެ. އެއްވެސް ހާލެއްގައި އެ ކަން ލާޒިމުވެގެން ނުވެއެވެ. މީހެއްގެ ގޭގައި ނުވަތަ ވިޔަފާރީގައި ނުވަތަ އެ ނޫން ވެސް ގޮތެއްގައި އޭނާއަށް ޚިދުމަތްކުރަން ގެންގުޅޭ ޚާދިމުންގެ ފަރާތުން ވެސް، ސާހިބު މީހާ ބޭނުމިއްޔާ ޒަކާތް ނެރެވިދާނެއެވެ. އެ ކަން ވެސް މަޖުބޫރުވެގެން ނުވެއެވެ. އެ ގޮތަކީ ޚާދިމުންނަކީ މުސާރަވެރިންކަމުގައި ވެފައި އެ މީހުންނަށް އާމްދަނީ ލިބޭތީއެވެ. އެ މީހުން ޒަކާތް ނެރެން ޖެހޭނީ އެ މީހުންގެ އަމިއްލަ ތަކެތިންނެވެ. ކަން މިހެން އޮތަސް ޚާދިމުންނަށް އިޙުސާންތެރިވުމުގެ ގޮތުން އެ މީހުންގެ ފަރާތުން ޒަކާތް ނެރެވިދާނެއެވެ. އިހުސާންތެރިންގެ ޢަމަލުތައް ﷲ ބައްލަވައިވޮޑިގެން ވެއެވެ. ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿وَلَا تَنسَوُا الْفَضْلَ بَيْنَكُمْ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ﴾‏ ‎(البقرة: ٢٣٧) މާނައީ: "އެކަކު އަނެކެއްގެ މައްޗަށް އޮންނަންޖެހޭ އިޙުސާންތެރިވުން، ތިޔަބައިމީހުން ހަނދާންނައްތައިނުލާށެވެ! ހަމަކަށަވަރުން، اللَّهއީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވައިވޮޑިގެންވާ ރަސްކަލާނގެއެވެ." ފިޠުރުޒަކާތް ނެރެން އެންމެ ރަނގަޅު ވަގުތަކީ ޢީދުގެ ހަނދުފެނުމުންނެވެ. ޢީދުދުވަހުގެ ހަނދު ފެނުމުގެ ދުވަހެއް ނުވަތަ ދެ ދުވަހެއް ކުރިން ޒަކާތް ނެރުން ވެސް ޢިލްމުވެރިން ހުއްދަކުރައްވައެވެ. އެ ގޮތުން ރަމަޟާންމަހުގެ 28ވަނަ ދުވަހާއި 29ވަނަ ދުވަހު ޒަކާތް ނެރުން ހުއްދަވެގެން ވެއެވެ. 30ވަނަ ދުވަހަކީ ޢީދަށް ނުވެއްޖެ ނަމަ އެ ދުވަހު ވެސް ފިޠުރުޒަކާތް ނެރެވިދާނެއެވެ. ޢީދު ދުވަހުގެ ޢީދު ނަމާދާ ހަމައަށް ފިޠުރުޒަކާތް ނެރުން ހުއްދަވެގެން ވެއެވެ. ޢީދު ނަމާދަށްފަހު އެއްޗެއް ނެރެފިއްޔާ އެ ވާނީ ޞަދަޤާތަކަށެވެ. ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރެއްވިއެވެ. «فَمَنْ أَدَّاهَا قَبْلَ الصَّلاَةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلاَةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» (إبن ماجه) މާނައީ: "ފަހެ ޢީދު ނަމާދުގެ ކުރިން (ފިޠުރު ޒަކާތް) އަދާކޮށްފި މީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ޤާބޫލުވެވެއެވެ. ޢީދު ނަމާދުގެ ފަހުން އަދާކޮށްފި މީހާއަށް އެއީ ޞަދަޤާތުގެ ތެރެއިން ޞަދަޤާތެކެވެ." ފަޤީރަކު ނުވަތަ މިސްކީނަކު ތިބާއަށް އެނގޭ ނަމަ ފަހެ، އެ މީހަކާ ހަމައަށް އެ ޒަކާތް ގެންގޮސް ދިނުން އެއީ އެންމެ މޮޅު ގޮތެވެ. އެހެންނޫނީ، ޒަކާތް ބެހުމާ ހަވާލުވެތިއްބެވި ފަރާތްތަކާ ޒަކާތް ހަވާލުކުރާށެވެ. ސަރުކާރާ ނުވަތަ އެފަދަ މަސައްކަތްކުރާ އިތުބާރުކުރެވޭ ޖަމްޢިއްޔާއަކާ ހަވާލުކުރުމުން ވެސް ފުދޭނެއެވެ. އެ މީހުންނަށް ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ޙަވާލުކުރުމުން އޭގެ ވަގުތުގައި އެ މީހުން އެ ޒަކާތް ބަހާނެއެވެ. ޒަކާތް ނެރުމާއި ޒަކާތް ބެހުން އެންމެ މޮޅީ ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނަކަށެވެ. އެ މީހެއްގެ ގޭގެ ޢާއިލާތެރޭގައި ފަޤީރުންނާއި މިސްކީނުން ތިބި ނަމަ އެ ބަޔަކަށް ދިނުން އެއީ އެންމެ މޮޅު އެންމެ މާތް ގޮތެވެ. އެފަދަ ބަޔަކު އެހާ ކައިރީގައި ނެތް ނަމަ އަވަށްޓެރިންގެ ތެރޭ ހުރިތޯ ބަލާށެވެ. ނެތިއްޔާ ދުރުތާތިމާގެ މީހަކު އެ ހާލުގައި ވޭތޯ ބަލާށެވެ. އެ ހިސާބުން ވެސް ނުފެނުނިއްޔާ އޭނާގެ ގާތް ރައްޓެހިންނާއި ދުރު ރައްޓެހިންގެ ތެރެއިން ވެސް ފަޤީރެއް ނުވަތަ މިސްކީނެއް ހޯދައި އެ މީހަކަށް ދެވިދާނެއެވެ. އެ ގޮތަށް ގޮސް ތިމާގެ އަވަށުން އެ ޒަކާތް ބޭރުވާން ޖެހޭނީ އެ ކަން އަވަށުތެރެއިން ނުފުދުނިއްޔާއެވެ. އެއަށް ފަހު ރަށުތެރޭ އެ ކަން ވޭތޯ ބަލާނީއެވެ. ދެން އެ މީހަކު ދިރިއުޅޭ ޤައުމުންނެވެ. މި ތަރުތީބުން ދުރަށް ޒަކާތް ގެންދިޔުން ހުއްދަވެގެން ވެއެވެ. ކައިރީގައި މީހަކު ހުރި ނަމަ އެ މީހަކަށް ދިނުން އަޢުލާވެގެން ވެއެވެ. މިހާރު ޒަކާތްދެއްކުން އޮތީ ވަރަށް ފަސޭހަކޮށެވެ! އޭގެ ވަގުތު ނުނިމެނީސް ޒަކާތް ދައްކާ ނިންމަން ހަނދާންކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ