އަދުލުވެރި ދައުލަތަކަށްވުމަށް ކުރަންވީ އެންމެކަމެއް

ދައުލަތް ހިންގުން ކޮންމެ ނިޒާމަކަށް ބަދަލުކުރިޔަސް ވާނެ މޮޅެއް ނެތެވެ. ދިގު ތިރީސް އަހަރުގެ ވެރިކަމަކަށް ފަހު މަލްޓި ޕާޓީ ނިޒާމުން ވެރިކަން ކުރާތާ މި ހިނގަނީ 18 އަހަރެވެ. 3 ބާރު އޮތީ ވަކި ކުރެވިފައިކަމަށް އެބަ ބުނަމެވެ. ނަން ހުސްކޮށް މިނިވަން މުއައްސަސާތައް އެބަހުއްޓެވެ. ކަންތައްތަކެއް ބަދަލުވިޔަސް ގިނަ ކަންކަން ރާއްޖޭގައި އޮތީ ބޮއްސުންލާފައެވެ.
ކަންކަން ރަނގަޅު ނުވަނީ ރިޔާސީ ނިޒާމެއް އޮވެ ހައްދެއްނެތް މިންވަރަށް ރައީސްކަމުގައި ހުންނަ މީހާއަށް ބާރުތައް އޮތުމުންކަމަށް ބުނެވޭ އަޑު ގަދައެވެ. ބަރުލަމާނީ ނިޒާމަކުން ވެރިކަން ކުރާނަމަ އެހެން ނުވާނެކަމަށް ދެކޭ މީހުން މިހާރު މަދެއްނޫނެވެ. އެކަމަކު ނަމެއްގައި ނިޒާމު ރިޔާސީއަކަސް ހިނގާތީ ފެންނަނީ ބަރުލަމާނީ ގޮތްގަޑެވެ. ވެރިމީހާ އާއި ސަރުކާރު ކޮންޓްރޯލު ކުރަނީ މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީންނެވެ. ވެރިކަމާއި މަޖިލިސް އޮތީ މިއަދުވެސް އެއްބައެއްގެ އަތުގައެވެ. ނަތީޖާއަކީ ފަނޑިޔާރުގެ އާއި މިނިވަން މުއައްސަސާތަޢް މެޖޯރިޓީ ޕާޓީގެ އަތްދަށުވެފައި އޮތުމެވެ. 
ދައުލަތް ފާލުން ނެއްޓިފައި އޮތްކަމަށް ބެލެވޭ އެންމެ ބޮޑު ސަބަބަކީ ޖަވާބުދާރީ ނުކުރެވިގެން ގޮސް އެކީ އެކައްޗަކަށް އަދުލުވެރިކަން އަރުއްވައި ގަތުމެވެ. ރައްޔިތުންގެ ބާރު މުޅީން ކެނޑުމެވެ. ރާއްޖޭގައި ޖަވާބުދާރީ ކުރުވުން ބޮއްސުންލައިގެން ގޮސްފައިވާ މިންވަރާމެދު ވިސްނާ ފިކުރު ކޮށްލާށެވެ.
35 އަހަރު ވަންދެން އޭސީސީ އޮވެގެން ކޮރޮޕްޝަނާއި ފަސާދަ ނައްތާލެވުނު ހެއްޔެވެ. ސަރުކާރުގެ ތެރެއިން ޕީޖީ ވަކިކުރުމުން އިންސާފު ލިބޭހެއްޔެވެ. 1948 ވަނަ އަހަރުއްސުރެ ރާއްޖޭގައި އޯޑިޓް އޮފީސް ހުރެއެވެ. އިސްރާފާއި ހިޔާނާތާއި މިސްމެނޭޖުކުރުން ހުއްޓުވުނު ހެއްޔެވެ. ހިއުމަން ރައިޓް ކޮމިޝަނެއް އޮވެގެން ލިބޭ އިންސާނީ ހައްގެއް ކަރާމާތެއް އޮވޭހެއްޔެވެ. އިލެކްޝަން ކޮމިޝަނަށް އިތުބާރު ކުރެވޭހެއްޔެވެ. 
ދައުލަތުގެ ހަމަ ހިފަހައްޓަން ކުރަން އޮތް ކަމަކީ ނިޒާމު ބަދަލު ކުރުމެއް ނޫނެވެ. ކުރަން އޮތް ކަމަކީ ޖަވާބުދާރީ ކުރުވާ ގުނަންތައް ނަމުން މިނިވަން މުއައްސަސާ ކިޔުމުގެ ބަދަލުގައި ހަގީގީ މާނައިގައި މިނިވަންކުރުމެވެ. މިނިވަން މުއައްސަސާތައް މިނިވަން ކުރަން ކުރަން އޮތް ކަމަކީ މަޖިލީހުގެ މެޖޯރިޓީން މެންބަރުން ވައްދާ ވަކިކުރަން އޮންނަ އޮތުން ބަދަލުކުރުމެވެ. އުމުރު ކަނޑައެޅިގެން ރައްޔިތުން އިންތިހާބު ކުރާ ބަޔަކަށް މިނިވަން މުއައްސަސާތައް ހެދުމެވެ. ދައުރު ހަމަ ވުމުގެކުރިން އެއިން މެންބަރަކު ވަކިކުރެވޭނެ ހަމައެކަނި ގޮތަކީ ޝައްކެއްނެތް މިންވަރަށް ކުށެއް ސާބިތުވެ ހުކުމެއް އައުމެވެ. އޭރުން ސިޔާސީ ޖަޒްބާތުގައި ނަގާ އެއްލައިލަފާނޭ ކަމަށް އޮންނަ ބިރުފިލާ މުއައްސަސާ މިނިވަން ކަމާއެކު ހިނގައި ގަންނާނެއެވެ. 
މުޅި ދައުލަތް ޖަވާބުދާރީކޮށް ފާލަށް އަޅުވަން އެއަށްވުރެ ވަކީން ފަހިމަގެއް ނުއޮންނާނެއެވެ. ހަމަ އެއާއިއެކު ފަނޑިޔާރުންނަކީވެސް ރައީސާއި މަޖިލީހުން ބޭނުންވުމުން ވަކިނުކުރެވޭ ބަޔަކަށް ހެދޭނެ ފޯމިއުލާއެއް ހޯދަންޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ