ރުގުޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރުން: އެކަކު އުމުރަށް ޖަލަށް

ރުގްޔާކުރުމުގެ ނަމުގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށްލައި އަނެއް މީހާ ހަ އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފި އެވެ.
މީގެ ފަސް އަހަރު ކުރީން, 2020 ވަނަ އަހަރު އެކި ދުވަސްމަތިން، އަންހެނަކާއި، އުމުރުން 18 އަހަރު ނުފުރޭ 3 ކުދިންނަށް ރުގްޔާ ކުރުމުގެ ނަމުގައި ޖިސްމާނީ ހާނިކަކޮށް، ޖިންސީ ގޯނާކޮށްފައިވާ މައްސަލާގައި ދައުވާ އުފުލީ ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާއީލް ވަހީދާއި، ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ  30 ޑިސެންބަރު 2020 ދުވަހު އެވެ.
މި މައްސަލާގައި އެ މީހުންގެ މައްޗަށް 12 ދައުވާއެއް އުފުލި އެވެ. އެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ ކޯޓުން މިއަދު ވަނީ މުހައްމަދު އަސީލް 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ. 
* ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުން - 11 އަހަރަށް ޖަލަށް
* ކުޑަކުއްޖެއްގެ ހާޒިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ ޢަމަލެއް ކުރުން -  ހަތް އަހަރަށް ޖަލަށް
* ޖިންސީ ގޯނާކުރުމުގެ ކުށް - ތިން އަހަރަށް ޖަލަށް
* ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުން - ތިން އަހަރަށް ޖަލަށް
* ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން - އެއް އަހަރާއި ހަތް މަހާއި ހަތް ދުވަހަށް ޖަލަށް
* އަނިޔާއެއް ދިނުން - ދެ މަހާއި 12 ދުވަހަށް ޖަލަށް
* ގައިގައި އަތްލުން -  މަސް ދުވަހާއި އިތުރު ހަ ދުވަހަށް ޖަލަށް
* ޖުމްލަ އަދަބަކީ 25 އަހަރާއި 10 މަހާއި 24 ދުވަހަށް ޖަލަށްލުން
ދެން ދައުވާ އުފުލާފައިވާ އިސްމާއީލް ވަހީދުގެ މައްޗަށް ސާބިތުވީ ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށާއި މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯރޓްނުކުރުމުގެ ކުށާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށާއި ގައިގައި އަތްލުމުގެ ދެ ދައުވާ އެކެވެ. އޭނާ ހަ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ