އާއިލީ ނިޒާމު ފުނޑުފުނޑުކޮށްނުލާ ވާނެހަމަ އެއްގޮތެއްވެސް ނެތެވެ.
ކަނޑިއާއި ބަޑީގެ ވަޒަންތަކުން ތަޅާ އިސްލާމީ އުންމަތް ބަލިނުކުރެވޭނެކަން ހުޅަނގުގެ އިސްތިއުމާރީ ބާރުތަކަށް ވިސްނުނު ދުވަހުން ފެށިގެން، އެ މީހުން މަސައްކަތް ކުރަންފެށީ ފިކުރީ ގޮތުން އިސްލާމީ އުންމަތް ބައިބައިކޮށް ބަލިކަށި ކޮށްލެވޭނެ ގޮތެއް ފެނޭތޯއެވެ. އެގޮތުން އެބައިމީހުން ފަށާފައިވާ މަސައްކަތްތަކުގެ ނުބައި އަސަރު އުންމަތުގެ ހުރިހާ ދިމާލަކަށް ފެތުރިގެން ދިޔައިރު، ހަމައެކަނި ސަލާމަތުން އޮތްއެއްޗަކީ އިސްލާމީ އާއިލީ ނިޒާމެވެ. ހުޅަނގުގެ ލާދީނީ މާއްދީ ފިކުރުތަކުގެ ކުރިމަތީގައި ރައްކާތެރި ކަމާއެކުގައި ބެލެހެެއްޓިފައިވާ ކިއްލާއަކީ އިސްލާމީ އާއިލީ ނިޒާމުގެ ކިއްލާއެވެ. މިކިއްލާ މިހާތަނަށްވެސް ރައްކާތެރި ކުރެވިފައި މިވަނީ އާއިލާތަކުގެ ވަށައިގެން ލެވިފައިވާ އުސްފާރުތަކުގެ ސަބަބުން އާއިލާތަކާއި ހަމައަށް ވާސިލު ވެވިފައި ނުވާތީއެވެ. އިސްލާމީ އާއިލާއެއްގެ ތެރޭގައި އުފެދިފައިވާ ރައްކާތެރިކަމަކީ މައިންބަފައިން އެ މީހުންގެ ދަރިންގެ ކިބާގައި ބިންވަޅު ނަގައިދީފައިވާ މަތިވެރި އަޚުލާގާއި ރީތި އުޅުމާއި ހަރުދަނާ ތަރުބިއްޔަތެވެ. ދަރިންގެ ހިތްތަކުގައި މައިންބަފައިންނާ މެދުގައި އުފައްދާފައިވާ ލޯތްބާއި އިހުތިރާމެވެ. މައިންބަފައިންނަށް އަދާކުރާ ކިޔަމަންތެރިކަމާއި، އެ ދެ މީހުންގެ ކުރިމަތީގައި އިސްޖަހާލައިގެންތިބޭ ތިބުމެވެ. އެ މީހުންގެ ކުރިމަތީގައި ބަސްހުއްޓިފައި ހުންނަ ހުރުމެވެ. ބުނާނެ އެއްޗެއް ނޭގޭތީއެއްނޫނެވެ. ކިޔާނެ އެއްޗެއް ނެތީމައެއްނޫނެވެ. އެއްޗެއް ބުނަން ނޭގޭތީއެއް ވެސްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަތިވެރި ބަސްފުޅަށް ބޯލަނބާ ކިޔަމަންގަތުމުގެ ގޮތުންނެވެ. ''އެ ދެ މީހުންނަށް ޗުއްޕުވެސް ނުބުނާށެވެ.'' މިފަދައިން އަންގަވާފައިވާތީއެވެ. ﷲ ތައާލާގެ ވަހީ ބަސްފުޅުގައިވަނީ މިފަދައިންނެވެ. ''وَقَضَىٰ رَبُّكَأَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا '' ﴿٢٣﴾މާނައީ، އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެގާތުގައިތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް أُف ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!'' މިފަދައިންނެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ދަސްކޮށްދީފައިވާ ރީތި އަޚުލާގާއި ހަރުދަނާ އުސޫލުތަކުގެ ސަބަބުން އެ ކުދިންނާ ކުރިމަތިވަމުން އަންނަ ހުޅަނގުގެ ނުބައި ފިކުރުތަކާއި ކުރިމަތިލާ އެކަންކަމުން ދިފާާއުވެގަތުމުގެ ގާބިލުކަން އެ ދަރިންގެ ކިބާގައި ވަނީ ހަރުލާފައެވެ. އެހެންކަމުން އިސްލާމީ އާއިލީ ނިޒާމު ފުނޑުފުނޑުކޮށްނުލާވާނެ ހަމައެއްގޮތެއްވެސް ނެތެވެ. އަދި އާއިލާގެ ފަރުދުންގެ މެދުގައި އޮންނަގުޅުން ދުއްވާނުލާ ކުރެވޭނެ ކަމެއްވެސްނެތެވެ. އަދި އާއިލާގެ މެންބަރުންގެ މެދުގައި އޮންނަ އާއިލީ ލޯބީގެ ބަދަލުގައި ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަަމިއްލަ ނަފުސުދެކެ ލޯބިވުމުގެ ހާލަތެއް ގާއިމުވެފައިވާ ނިޒާމަކަށް މަގުފަހިކޮށްދޭންޖެހެއެވެ. އެއީ އާއިލާތައް ފުނޑާލުމަށް ކުރާ މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުންނެވެ. އެކަން ކާމިޔާބު ކުރުމަށްޓަކައެވެ. ބަޔަކު ކައިވެނި ކުރަން ފެމެލީ ކޯޓަށް ވަންނަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް އެގޮތުން އެންމެ ފުރަތަމަ ހަނގުރާމަފެށީ އާއިލާގެ އަސާސް ކަމުގައި އަންހެނުންނާއެވެ. އަންހެނުންގެ ޒަމާންވީ އާއިލީ ދައުރުކަމުގައިވާ އަތްނބަކަށް ވުމުގެ ދައުރާއި، މަންމަ އަކަށް ވުމުގެ ދައުރާ މެދުގައި އަންހެނުންގެ ހިތްތަކުގައި ސުވާލު އުފައްދަން ފެށިއެވެ. ދަރިން ބަލަން ގޭގައި އިންނަ އަންހެނަކު ކަމުގައި ވުމަކީ ދެރަވަރު ކަމެއްކަމުގައި ކިޔައިދޭން ފެށިއެވެ. އަދި ދަރިން ބެލުމަށް ގޭގައި އިނުމަކީ ލަދުވެތި ކަމެއް ކަމުގައި ވިސްނައިދޭން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން ދަރިންބަލަން ގޭގައި ތިބުމަށް އަންހެނުން ދެކޮޅުހަދަން ފެށިއެވެ. މިނަތީޖާ ހާސިލުކުރުމަށް ފަހުގައި، ފިރިމީހާ އާއި ދެކޮޅަށް ތެދުވުމަށް އަނބިމީހާއަށް ހިތްވަރުދޭން ފެށިއެވެ. އެގޮތުން ފިރިންނަށް ކިޔަމަންތެރިކަން އަދާކުރަން ނުޖެހޭނެކަމަށާއި، ބެލެހެއްޓުން ތެރިކަމުގެ ދައުރާ މެދުގައި ޝައްްކުތައް އުފަންދަން ފެށިއެވެ. މި ހުރިހާ ކަމަކަށްފަހުގައި އުފެދި ބޮޑުވި ހާލިންނެރެ އެންމެންގެ ތެރެއަށް މަސައްކަތުގެ މާހައުލަށް އަންހެނުން ނެރުނެވެ. އެ ހިސާބުން ފެށިގެން އަނބިން، ފިރިންނާ މެދުގައި އިހުމާލުވާން ފެށިއެވެ. ދަރިންގެ ތަރުބިއްޔަތާ މެދުގައި އަޅާލުން ކުޑަ ކުރަންފެށިއެވެ. ފިރިމީހާ އާއި ދަރިންނަށްވުރެ ވަޒީފާ މުހިންމު ކަމުގައި ގަބޫލު ކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އެކަނިވެރި މައިންނާއި ބަފައިން އުފަންވެ އެއް ދުވަހުން އަނެއް ދުވަހަށް އެބައި މީހުންގެ އަދަދު އިތުރުވާން ފެށިއެވެ. އެފަދަ މީހުންގެ އާދޭސްތަކާއި އުދާސްތަކުގެ އަޑު ގަދަވާން ފެށިއެވެ. ޝަރުއީ ކޯޓުތަކަށް ބާރު ބޮޑުވާން ފެށިއެވެ. ކޯޓުތަކާއި ޖެންޑާ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޚިދުމަތް ހޯދުމަށް އައިސްތިބޭ އެކަނިވެރި މައިންނާއި ބަފައިންގެ ސަފުތައް ދިގުވާން ފެށިއެވެ. ހަޟާނަތު ހޯދުމަށްއެދި އެވެ. ޚަރަދު ހޯދުމަށް އެދިއެވެ. ދަރިންނާއި ބައްދަލު ނުކުރެވިގެން ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިގެންނެވެ. އިސްލާމީ ގިނަ ގައުމުތަކުން މިކަންކަން މިއަދު މި ދަނީ ފެންނަމުންނެވެ. ފެންމަތިވަމުންނެވެ. މިނިވަންކަމާއި ހަމަހަމަކަމުގެ ނަމުގައެވެ. ހައްގުތައް ހޯދާ ލިބިގަތުމުގެ ނަމުގައެވެ. ބާރުވެރިކަން ހޯދުމުގެ ނަމުގައެވެ. އިންސާނީ ހައްގުތަކުގެ ނަމުގައެވެ. ލިބިގަތް ހައްގުތަކާއި ހާސިލުކުރެވުނު ބާރުވެރިކަމާ އަޅާކިޔާއިރު، އަތުން ބީވެގެން ގެއްލިގެން ދިޔަ ކަންކަންކަމާއި ތަކެތީގެ އަގު ބޮޑުވެއްޖެއެވެ. ލިބެމުންދާ ގެއްލުން އިތުރު ވެއްޖެއެވެ. ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާކަމުގައި ކޮންމެސްބަޔަކަށް ވިސްނެން ފަށައިފިއެވެ. އިސްވެދިޔަ ކަންކަން ފުރާފުރިހަމަ ކުރުމަށްފަހުގައި، އާއިލާގެ އެންމެ އިސްދައުރެއް އަދާކުރަންޖެހިފައިވާ ޒިންމާދާރު ވެރިޔާކަމުގައިވާ ފިރިމީހާއަށް ނުވަތަ އާންމުކޮށް ފިރިހެނުންނަށް އަމާޒުކޮށްގެން މަސައްކަތްތަކެއް ފެށުނެވެ. ގޭތެރޭގައިއިން އަންހެންމީހާ ބޭރުތެރެއަށްނެރެ މަސައްކަތު މާހައުލުގައި މަޝްޣޫލު ކުރުމަށް ފަހުގައި އެކަކަށްވުރެ ގިނަ އަންހެނުންނާ ގުޅުން ބަދަހިކޮށް ކާމިޔާބު ފިރިހެނަކަށް ވުމަށް ފިރިހެނުންނަށް ދަސްކޮށްދެވުނެވެ. އަދި އެކަމަށް ހިތްވަރު ދިނުމަށް ކަންތައްތަކެއް ހިންގަންފެށުނެވެ. އެންމެފަހުން އެކަން ކުރާތީ އެ މީހުންނަށް މަލާމާތް ކުރަންވެސް ފެށުނެވެ. އެއީ ކައިވެނި މަތީގައިހުރެ އެހެން އަންހެނުންނާއި ގުޅުން ބާއްވާތީއެވެ. އަންހެނުންގެ ފަހަތުން ދުވާމީހެއްގެ ލަގަބެވެ. ފެންނަހާ އަންހެނަކާ ހިތާވާ މީހެއްގެ ލަގަބެވެ. އަންހެނުން ހިތި މީހެއްގެ ލަގަބެވެ. އޭގެފަހުގައި ނޫފުލޭވަރުގެ މާލީ ޒިންމާތައް އުފުލަން ޖެއްސިއެވެ. ތަހަންމަލު ނުކުރެވޭ މިންވަރަށް ދަތި އުދާގޫވާ މިންވަރަށް ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނެސް ގާނޫނުތައް މެދުވެރިކޮށް ފިރިމީހާ ނުވަތަ އެކަނިވެރި ބަފައި މީހާ ދަރަނިވެރި ކޮށްލިއެވެ. އަދި ގޭތެރޭގެ ޚަރަދުތައް ބޮޑުތަނުން އިތުރުވާނެ ގޮތްގޮތަށް ކަންކަން ރާވަން ފެށުނެވެ. އާއިލާގެ ތެރޭގައި ބައްޕައަށް ނުވަތަ ފިރިމީހާއަށް ދެވިފައިވާ ގިވާމަތުގެ ހަމަތަކާއި ގިޔާދަތުގެ އުސޫލުތައް ކަމަކަށްފަހު ކަމެއް ގެއްލުވާލުމުގެ މަސައްކަތް ފެށުނެވެ. އަދި ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދަރިންގެެ ބައްޕަ ނުވަތަ ފިރިމީހާ ބަލިކަށި ކޮށްލާ ނިކަމެތި ކޮށްލެވުނެވެ. ދަރިންގެ ކުރިމަތީގައެވެ. ބޭރުހިލޭ މީހުންގެ ކުރިމަތީގައެވެ. މުޖުތަމައުގެ ކުރިމަތީގައެވެ. ސޯސަލް މީޑިއާގައެވެ. ބައްޕަގެ ހައިބަތާއި ކަރާމަތް ގެއްލުވާ ލެވުނެއެވެ. ފިރިމީހާގެ ގަދަރާއި އިއްޒަތް ވެއްޔާ މޮޑެލެވުނެވެ. ކުރެވޭ ކަމަކާ މެދުގައި ކުޑަކޮށްވެސް ވިސްނާ ނުލަނީ ތާއެވެ. ބައްޕަ ނުވަތަ ފިރިމީހާގެ ކަންކަން ހަފުސްކޮށްލުމަށް ފަހުގައި ދެން ފެށުނީ މުސްލިމު އާއިލާތަކަށް އުފަންވެފައިވާ އެ އާއިލާތަކުގެ ހިތްކަމުގައިވާ، ދެލޮލުގެ އަލިކަން ކަމުގައިވާ ތުއްތު ދަރިންގެ ތަރުބިއްޔަތާއި ތައުލީމުގެ ނިޒާމު ފުނޑާލުމުގެ މަސައްކަތެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދު ތަކުގެ އެހީގައި މައިން ބަފައިންނަށް އަތްނުލެވޭ ވަރުގެ ހައްގުތަކެއް އެ ދަރިންނަށް ލިބިދިނެވެ. މުދައްރިސް މީހާއަށް އޭނާގެ ކުލާހުގައި ކިޔަވައި ނުދެވޭ މިންވަރަށް ކުޑަކުދިންނާއި ޅަފުރައިގެ ކުދިންގެ ހައްގުތައް ކަށަވަރު ކޮށްދެވުނެވެ. މައިންނާއި ބަފައިންގެ މައްޗަށް އެ ދަރިންގެ ކަންކަން އިސްކުރެވި އަތްނުލެވޭނެ ބައެއްކަން ޅަދަރިންނަށް ކިޔައިދީ ސްކޫލު މަދަރުސާތަކުގައި ކިޔަވައިދީ އެ ކަންކަން ޕްރޯޓު ކުރުމަށްޓަކައި ގައުމީ ފެންވަރުގެ ހަރަކާތްތައް ހިންގަންފެށުނެވެ. ވެރިންނާއި ރައްޔިތުންގެ ފެނުމާއި ބެލުމުގެ ދަށުންނެވެ. އެނގުމާއި އެހީތެރިކަމުގެ ތެރެއިންނެވެ. ނަތީޖާއެއްގެ ގޮތުން ނުކިޔަމަންތެރިކަން އަދާކުރާނެ ދަރިންތަކެއް އިސާހިތަކު ގައުމުގައި އުފަންވެ ގިނަވެއްޖެއެވެ. މާރާމާރީއާއި ތަޅާފޮޅަންކެރޭ އެކަމުގެ ގާބިލުކަމާއި ހުނަރު ވެރިކަން ލިބިފައިވާ ޒުވާނުންގެ ޖީލެއް އުފަންކުރެވިއްޖެއެވެ. ގޮވަންކައިރިވެފައިވާ ބޮމެއް ފަދައިން އާއިލާތައްވެ ނިމިއްޖެއެވެ. މާތް ﷲ އެ މީހަކަށް ރަހުމަތް ލެއްވި އަޅަކު ފިޔަވައެވެ. ވަށައި ޖެހިފައިވާ ޒާމާނީ ތައުލީމާއި ހުޅަނގުގެ ސިލަބަހުގެ ތެރެއިން ފެއިލްވެފައިވާ ތަރުބަވީ ނިޒާމު ދިވެހިރާއްޖޭގެ ތައުލީމީ ތަރުބަވީ ނިޒާމާ ގުޅާލާ މަސްހުނި ކޮށްލުމުގެ ނަތީޖާއެވެ. ނެށުމާއި ލަވަކިއުމާއި، ކުޅިވަރުގެ ތެރެއިން ތައުލީމު ދޭން ފެށުނުހިސާބުން ކަމުގައި މަދުބަޔަކު ނަމަވެސް ބުނާތީ އިވެއެވެ. މަންމައާއި ބައްޕަ އާއި ދަރިންނާއި ނުވަތަ ފިރިމީހާ އާއި އަނބިމީހާ އާއި ދަރިންނަކީ ބަންދުވެފައިވާ ގެއެއްގެ ތެރޭގައި އެކުގައި ދިރިއުޅެމުންދާ ތިން އަދާވާތްތެރިން ކަމުގައި ވެނިމިއްޖެއެވެ. މިއިން ކޮންމެ މީހަކީވެސް އަނެކުންނާ ދިމާ އިދިކޮޅު ވިސްނުމާއި ފިކުރުގެ ވެރިންކަމުގައި ވާހާލުގައެވެ. ބޭނުންވާ ކަންކަމާއި، އެދޭ ގޮތްގޮތާއި އުޅޭގޮތްގޮތާއި ކުރާކަންކަމާއި ބަސްމަގު އެކަކު އަނެކުންނާ ދިމާނުވާ ހާލުގައެވެ. މިފަދަ ހާލަތެއް މެދުވެރިވެފައިވާ އާއިލާއެއްގެ ތެރޭގައި އެ އާއިލާގެ ފަރުދުން އުޅޭނެގޮތް ވިސްނުމަށް ގެންނަވާށެވެ. މައިންބަފައިންގެ ބަސް ނުހިނގާ މިފަދަ އާއިލާއެއްގެ މެދުގައި އަމިއްލަ އެދުމާއި ނަފުސުގެ ލޯބިފިޔަވައި ދެން އޮންނާނީ ކޮންއެއްޗެއްތޯއެވެ؟ ފިރިއެއްގެ ބަސް އަހާ ކިޔަމަން ވާންޖެހޭ ކަމަށް ގަބޫލުކުރާ އަންބަކު ނެތެވެ. އަނބިމީހާއަށް ހެޔޮކޮށް ހިތާއި އަނބިމީހާގެ ހައްގުތައް ފޯރުކޮށްދެންޖެހޭ ކަމަށް ގަބޫލުކުރާ ފިރިއަކު ނެތެވެ. މައިންބަފައިންނަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭކަމަށް ގަބޫލުކުރާ ދަރިއަކުނެތެވެ. ދަރިން ތަރުބިއްޔަތުކޮށް ބަލަހައްޓާންޖެހޭ ކަމަށް ގަބޫލުކުރާ މަންމައަކު ނެތެވެ. ދަރިންނަށް ޚަރަދު ކުރަންޖެހޭ ކަމަށް ގަބޫލުކުރާނެ ބައްޕައަކުނެތެވެ. މި ހާލަތުގައިވާ މުޖުތަމައެއްގައި ހިނގަމުންދާ ހަގުރާމައިގެ މައިދާނު އޮންނާނެގޮތް ސިފަކުރަން އެނގޭނީ ކާކަށްތޯއެވެ؟ މި ވިސްނުމާއި މިިފިކުރާ މި ޚިޔާލާތުގެ ތެރޭގައި ދިރިއުޅޭ ބަޔަކަށް ކައިވެނީގެ ހަޔާތެއް ބާއްޖަވެރި ކުރެވިދާނެކަމަށް ގަބޫލުކުރާނީ ކޮން ގޮތަކުންބާއެވެ؟ ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް އިންނާނެ މީހަކު ނެތި އެކަނިވެރި ވެފައިވާ އެކަނިވެރި މަންމައެކެވެ. އެކަނިވެރި އަންހެނެކެވެ. އިދެވޭނެ ހާލަތެއްނެތި އިދެވޭނެ ގޮތެއް ނެތިފައިވާ އެކަނިވެރި ބައްޕައެކެވެ. އެކަނިވެރި ފިރިހެނެކެވެ. އަޅާލާނެ މަންމައަކު ނެތް އެހީތެރިވާނެ ބައްޕައަކު ނެތިފައިވާ އެކަނިވެރި ތުއްތު ކުއްޖެކެވެ. އޯގާތެރިކަމެއް ލިބޭނެ ގޮތެއްނެތެވެ. އަޅާލާނެ މީހަކު ނެތެވެ. ދައުލަތުން ދަރިންނަގަނީއެވެ. ދައުލަތުގެ މަސްއޫލިއްޔާއި މާލީ ޒިންމާތައް ދައުލަތަށް ނުކުޅަދާނަވާ މިންވަރަށް ބޮޑުވަނީއެވެ. އަދިވެސް ވިސްނާލާކަށް ނުވޭތޯއެވެ. ހައްގު މަގަމަށް އެބުރި ރުޖޫއަވާނީ ކޮން އިރަކުންތޯއެވެ؟ބުއްދި ކުރާބަޔަކަށް މިކަންކަމުގައި އިބުރަތެއް ނުވޭތޯއެވެ؟ މައްސަލައިގެ ހައްލަކީ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނާއި، ބަފައި ކަށަވަރުނުވާ ކުދިންނަށް ދައުލަތުން ކުރާ ޚަރަދު އެއް އަހަރުން އަނެއް އަހަރަށް އިތުރު ކުރަމުން ގެންދިއުން ތޯއެވެ؟ އާއިލާއެއް އެކުލަވާލާ އެ އާއިލާ ބަލަހައްޓަމުން، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރަމުން، ލަފާދާރު އަންބެއްގެ ދައުރު އަދާކުރަމުން، ނަމޫނާ މަންމައެއްގެ މަސްއޫލިއްޔަތު އުފުލަމުން، ހަރުދަނާ ރަނގަޅު ޖީލެއް އުފައްދަން މަސައްކަތްކުރާ އުޅުންހުރި ގެވެހި އަތްނބަކަށް އޮތް އިނާމަކީ ކޮބާއިތޯއެވެ؟ މިދައްކައިދެނީ ރަނގަޅު ނަމޫނާއެއް ތޯއެވެ. ދެވެނީ ރަނގަޅު މެސެޖެއްތޯއެވެ؟ ވަމުންދާ ގޮތާއި މެދުގައި ކުޑަކޮށްނަމަވެސް ވިސްނާލާށެވެ. ދެވެނީ ރަނގަޅު މިސްރާބަށްތޯއެވެ؟ މިސްރާބު ބަދަލުކޮށްލަން ޖެހޭތޯއެވެ؟ އޮޑީގެ ދަތުރު މިދާގޮތަށް ކުރިއަށް ގޮސްގެން ސަލާމަތް ބަދަރަކަށް ފޯރާނެ ތޯއެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ