ކޯހިނޫރު ޑައިމަންޑް އަނބުރާ ރައްދުކުރުމަށް މަމްދާނީ އިނގިރޭސި ރަސްގެފާނަށް ގޮވާލައްވައިފި

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަޝްހޫރު 'ކޯހިނޫރު' ޑައިމަންޑް އަނބުރާ ދިނުމަށް ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން މަމްދާނީ އިއްޔެ ގޮވާލައްވައިފި އެވެ.
މިއާ އެކު، ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މި މައްސަލައިގެ ބަހުސް އަލުން ވަނީ ހޫނުވެފަ އެވެ.
"އަޅުގަނޑަށް ރަސްގެފާނާ ވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ކޯހިނޫރު ޑައިމަންޑް އަނބުރާ ރައްދުކުރުމަށް އެ މަނިކުފާނަށް ބާރުއަޅާނަން،" ސެޕްޓެމްބަރު 11ގެ ހަމަލާތަކުގެ ހަނދާން އާކުރުމުގެ ރަސްމިއްޔާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަމްދާނީ ވިދާޅުވި އެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގެ ފަހުން، ނިއުޔޯކްގައި އޮތް ހަނދާނީ ހަރަކާތެއްގެ ތެރެއިން ރަސްގެފާނު ޗާލްސް ވަނީ މަމްދާނީއާ ކުރު ގޮތަކަށް ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ. ނަމަވެސް، މި ބައްދަލުވުމުގައި އެ މައުލޫއަށް ވާހަކަދެކެވުނު ކަމެއް މޭޔަރުގެ އޮފީހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި ބަކިންހަމް ޕެލަސްއިން ވެސް މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޖުމްލަ 105 ކެރަޓުގެ މި ޑައިމަންޑަކީ، އީސްޓް އިންޑިއާ ކޮމްޕެނީން ޕަންޖާބު އިނގިރޭސި ދައުލަތުގެ ދަށަށް ގެންދިއުމަށް ފަހު، އިންޑިއާގެ އޭރުގެ ވެރިޔާގެ އަތުން އަތުލައި 1850 ވަނަ އަހަރު ރާނީ ވިކްޓޯރިއާއަށް ވެދުމަށް އެރުވި ޑައިމަންޑެކެވެ.
އިންޑިއާއިން ތަކުރާރުކޮށް އެދެމުންދަނީ އެ ޑައިމަންޑް އަނބުރާ ދިނުމަށެވެ. އެ ގައުމުން ސިފަކުރާ ގޮތުގައި، އެއީ އިންޑިއާގެ ތާރީހާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅިފައިވާ އަގުބޮޑު އާސާރީ އެއްޗެކެވެ. ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ދެކޭ ގޮތުގައި، އެ ޑައިމަންޑަކީ އިނގިރޭސި އިސްތިއުމާރީ ދުވަސްވަރު ހިންގާފައިވާ ބޭއިންސާފާއި އަނިޔާވެރިކަމުގެ ރަމްޒެކެވެ.
ރަސްގެފާނު ޗާލްސް ނިއުޔޯކަށް ވަޑައިގެންނެވީ 11 ސެޕްޓެމްބަރު 2001ގެ ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާން އާކުރުމަށެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ ވޯލްޑް ޓްރޭޑް ސެންޓަރު ކުރިން ހުރި ބިމުގައި ހަދާފައިވާ ބިނާގައި މާބޮނޑިއެއް ބާއްވަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ