ޓްރަމްޕް ބޭނުންވަނީ އަރަބި ގައުމުތަކުން އީރާނު ހަނގުރާމައަށް ހަރަދުކުރަން

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި އަރަބި ގައުމުތަކުގެ އެހީތެރިކަމަށް އެދުމަށް އެމެރިކާއިން ވިސްނަމުންދާ ކަމަށް ވައިޓް ހައުސްއިން އިއްޔެ ބުނެފި އެވެ.
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގެ ހަރަދުތައް ފޫބެއްދުމަށް އަރަބި ގައުމުތަކަށް ދައުވަތު ދިނުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގަންނަވާ ކަމެކެވެ.
އެންމެ ފަހުގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި ކުރިމަތިލުންތަކުގެ ފުރަތަމަ ހަ ދުވަހު އެކަނި ވެސް 11.3 ބިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، 12 ވަނަ ދުވަހާ ހަމައަށް މި އަދަދު ވަނީ 16.5 ބިލިއަން ޑޮލަރަށް އަރާފަ އެވެ. މިކަމާ ގުޅިގެން، އަސްކަރީ ކަންކަމަށް ބޭނުންވާ އިތުރު 200 ބިލިއަން ޑޮލަރު ހޯދުމަށް ވައިޓް ހައުސްއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ލީވިޓް ވިދާޅުވީ، ހަކަތައިގެ އަގުތައް އުފުލުމަކީ ކުރު މުއްދަތަކަށް ކުރިމަތިވާނެ ދަތިތަކެއް ކަމަށާއި މި ފިޔަވަޅުތަކަކީ އީރާނުގެ ފަރާތުން އޮތް ނުރައްކާ ދާއިމީކޮށް ނައްތާލުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.
މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގާއި ހަކަތައިގެ ހަރަދުތައް އިންތިހާއަށް އުފުލިފައިވާއިރު، އީރާނުން ދަނީ ލިބެމުންދާ ގެއްލުންތަކުގެ ބަދަލު ހޯދުމަށް ކަމަށް ބުނެ، ސަރަހައްދީ ފެންވަރުގައި ރައްދު ހަމަލާތައް އަރަބި ގައުމުތަކަށް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ