ރާއްޖެ-އިންޑިއާ އެފްޓީއޭގެ މަޝްވަރާ ފެށުމުގެ ޓީއޯއާރުގައި ސޮއިކޮށްފި
އިންޑިއާ އާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުން (އެފްޓީއޭ) ގެ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) ގައި ދެ ގައުމުން ސޮއިކޮށްފި އެވެ.އިންޑިއާގެ ކޮމާސް މިނިސްޓްރީން ބުނީ، ރާއްޖެއާއެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ)އެއް އެކުލަވާލުމުގެ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ އޮނިގަނޑާއި އުސޫލުތައް ކަނޑައަޅައި ޓީއޯއާރުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.ރާއްޖެ އާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރި ފެށުމަށް ރަސްމީ މަޝްވަރާތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، މިދިޔަ ޖުލައި މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގަ އެވެ.ރާއްޖޭން މިހާރު ދަނީ ޗައިނާ އާއެކު އެފްޓީއޭއަކަށް އަމަލުކުރަމުންނެވެ.އަދި ތުރުކީ އާއެކު ވެސް ރާއްޖޭން ވަނީ ޕްރިފެރެންޝަލް ޓްރޭޑް އެގްރީމެންޓެއްގައި ސޮއިކޮށް އަމަލުކުރަމުންނެވެ.އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ.އެފްޓީއޭއާއެކު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ