ގްރީޒްމަން އެމެރިކާގެ މޭޖަރ ލީގަށް

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ފްރާންސްގެ ކުރީގެ ފޯވަޑް އެންޓޮއިން ގްރީޒްމަން އެމެރިކާގެ މޭޖަރ ލީގުގެ ކްލަބް އޯލަންޑޯ ސިޓީ އަށް ބަދަލުވާން ނިންމައިފި އެވެ.
އުމުރުން 35 އަހަރުގެ ގްރީޒްމަން މި ސީޒަން ނިމުމުން އޯލަންޑޯ ސިޓީ އާއިއެކު އެއްބަސްވެފައިވަނީ 2029 ގެ ނިޔަލަށް އެ ކްލަބަށް ކުޅެދިނުމަށެވެ.
އެތްލެޓިކޯ މެޑްރިޑަށް ދެވަނަ ފަހަރަށް ބަދަލުވެ އޭނާ ވެފައިވަނީ އެ ކްލަބުގެ ތާރީޚުގައި އެތްލެޓިކޯ އަށް އެންމެ ގިނަ އަދަދަކަށް ލަނޑު ޖަހައިދިން ކުޅުންތެރިޔާއަށް ވެފަ އެވެ. ގްރީޒްމަން ވަނީ އެތްލެޓިކޯ މެޑްރިޑަށް 174 ލަނޑު ޖަހައިދީފަ އެވެ.
"ފުޓްބޯޅަ ހަޔާތުގައި އަހަރެން މިހުރީ މުޅިން އައު ޗެޕްޓަރ އެއް ފަށަން ކެތްމަދުވެފައި. އޯލަންޑޯ އާއިއެކު ފުރަތަމަ ދެކެވުނު ވާހަކައިންވެސް މުސްތަގުބަލާއިމެދު ގޮތެއް ނިންމަން ފަސޭހަވެގެންދިޔަ." ގްރީޒްމަން ބުންޏެވެ.
ގްރީޒްމަން ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2024 ވަނަ އަހަރު އެވެ. އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅެދިން 137 މެޗުގައި ޖުމްލަ 44 ލަނޑު ޖަހާފަ އެވެ. އަދި 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް ފްރާންސް އިން ކާމިޔާބުކުރިއިރު އެ ޓީމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ފުޓްބޯޅަ ސީޒަން ނިމުމުން އަންނަ ޖުލައި މަހު ގްރީޒްމަން އެމެރިކާގެ ފްލޮރިޑާ އަށް ބަދަލުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ