އިންތިހާބާ ގުޅުވާ ވަޒީފާތައް ނުދޭން ބުނި ސަރުކާރުން ވަޒީފާތައް ބަހަނީ އިންތިހާބާ ގުޅުވާ ވަޒީފާތައް ނުދޭން ބުނި ސަރުކާރުން ވަޒީފާތައް ބަހަނީ

އިންތިހާބަކާ ދިމާކޮށް ސިޔާސީ ބޭނުމަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނިކޮށް، ލޯކަލް ކައުންސިލްގެ އިންތިހާބާ ދިމާކޮށް ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދޭން ފަށައިފި އެވެ.
މުއިއްޒު ވިދާޅުވަމުން ގެންދަވަނީ މި ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން "ކަޑަޖަހާ" ނުވަތަ ވަޒީފާ ބަހާނެ ބައެއް ނޫން ކަމަށެވެ. މުއިއްޒު މިހެން ވިދާޅުވި ނަމަވެސް، މި ފަހަކަސް އައިސް ސިޔާސީ ވަޒީފާތަކަށް މީހުން އައްޔަންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
ސޯޝަލް މީޑިއާގައި ދައުރުކުރާ ޕޯސްޓުތަކަށް ބަލާއިރު ޔޫތު މިނިސްޓްރީގައި އެކަނިވެސް ގިނަ އަދަދެއްގެ ސިޔާސީ މުައްޒަފުން މި ހަފުތާގައި ވެސް ވަނީ ވައްދައިފަ އެވެ. އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ވެސް ފަސް މީހަކަށް ވަޒީފާ ދީފައިވެ އެވެ.
"މިހާރު އެންމެ ގިނަ މީހުން ވައްދަމުން ދަނީ އެއާޕޯޓްސް ކޮމްޕެނީ އަށް،" މީހަކު ބުންޏެވެ.
"މިއީ މަޝްރޫއުތަކަށް ނަގާ މީހުން"
މީގެ ކުރިން މުއިއްޒު ވަނީ ކުންފުނިތަކަށް ސިޔާސީ ނުފޫޒުން މީހުން ނެގުމަކީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާޏު ވިދާޅުވަނީ ކުންފުނިތަކަށް މީހުން ވައްދަނީ ހަމައެކަނި ބަޖެޓު ކުރެވިފައިވާ މަޝްރޫއުތަކަށް ބޭނުންވާ މިންވަރަށް ކަމަށެވެ.
މިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މުއިއްޒު ވިދާޅުވީ، ވަޒީފާ ދެނީ އިންތިހާބަށް ނުފޫޒު ފޯރުވަން ނޫން ކަމަށާއި، އެއީ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ ސްޕޭސް ހުރި ވަޒީފާތަކެއް ކަމަށެވެ.
"އަޅުގަނޑަކީ އިންތިހާބާ ގުޅިގެން ކަމެއް ކުރާ މީހެއް ނޫން. އަބަދު އިންތިހާބާ ގުޅިގެންނޭ ކިޔައިގެން ވާހަކަ ދައްކަވާ ބޭފުޅުންނަކީ އަބަދު އެކަން ކުރެއްވި ބޭފުޅުން ވީމަ އެހެން ވިދާޅުވެވެނީ ކަމަށް ވެދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ނަމަވެސް، އިންތިހާބާ ދިމާކޮށް މިގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދެމުންދާތީ، މިއީ ސީދާ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންނާއި އާންމުންނާއި އިދިކޮޅުން ދަނީ ސިފަކުރަމުންނެވެ.
މީގެ ކުރިން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވެސް ގިނަ އަދަދެއްގެ މީހުންނަށް ސަރުކާރާއި ސަރުކާރު ކުންފުނިތަކުން ވަޒީފާ ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ